މި އަހަރުގެ ޖޫން މަހުގެ ތެރޭގައި އުނގޫފާރު ބަނދަރު ސަރަހައްދުގައި ފުލުހަކަށް ހަމަލާދިން މައްސަލައިގައި ހަތަރު މީހެއްގެ މައްޗަށް ދައުވާކުރުމަށް ޓަކައި ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވައިފި އެވެ.

ފުލުހުން ބުނީ އެ މައްސަލައިގައި ދައުވާ ކުރަން ފޮނުވާފައި ވަނީ ރ. އުނގޫފާރު، ޒަޔާނާމަންޒިލް، އާދަމް ޝަރީފް 20،އާއި އެ ރަށު އައިވަރީހައުސް، ޖާވިދު އަބްދުއްރަހީމް 22،އާއި އަސުރުމާގޭ، އަލީ ރަޝީދު 35،ގެ އިތުރުން ގުލްދަސްތާގޭ، ހުސެއިން އަލީ 28،ގެ މައްޗަށް ކަމަށެވެ.

ފުލުހުން ބުނީ މި އަހަރުގެ ޖޫން 22 ވަނަ ދުވަހު އެ މީހުން ފުލުހުންނަށް ހަމަލާދިނުމުން ވަގުތުން ހައްޔަރުކޮށްފައިވާ ކަމަށެވެ.

ފުލުހުން ބުނީ އެ މައްސަލައިގެ ތަހުގީގު ނިންމައި ޕީޖީ އޮފީހަށް ފޮނުވާފައި ވަނީ މިދިޔަ މަހުގެ 29 ވަނަ ދުވަހު ކަމަށެވެ.