13:25


ހިއުމަންރައިޓްސް ކޮމިޝަން އެކުލަވާލުމުގެ ބާރު ރައްޔިތުންގެ މަޖިލީހަށް ލިބިދޭ ގޮތަށް ހިއުމަން ރައިޓް ކޮމިޝަންގެ ގާނޫނު އިސްލާހު ކުރުމަށް މެންބަރަކު ރައްޔިތުންގެ މަޖިލީހަށް ބިލެއް ހުށަހަޅައިފި އެވެ.


އަމިއްލަ މެންބަރުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ، ކުރެންދޫ ދާއިރާގެ މެންބަރު އަހްމަދު މޫސަ ހުށަހަޅުއްވާފައިވާ އިސްލާހުގައި، ކޮމިޝަނަށް މެންބަރުން އައްޔަންކުރަން ޖެހޭ ކޮންމެ ފަހަރަކު އެކަމަށް ކުރިމަތި ލުމަށް މަޖިލީހުން އިއްލާން ކުރާގޮތަށް ބިލުގައި ވަނީ ހިމަނައިފަ އެވެ. އަދި އެ ނަންތައް ދިރާސާކުރުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައި ދިރާސާ ކުރުމަށް ކޮމިޓީއަކަށް ފޮނުވަންނާނެ ކަމަށާއި، ކޮމިޓީން ނަންތައް ދިރާސާ ކުރުމުގައި މީހެއްގެ ކުލަޔަށް ނުވަތަ ގެންގުޅޭ ސިޔާސީ ވިސްނުމަށް ރިއާޔަތްކޮށްގެން ނުވާނެ ކަމަށް ވެސް ބިލުގައި ހިމަނާފައިވެ އެވެ. އަދި ކޮމިޓީން ދިރާސާ ކުރުމަށް ފަހު މަޖިލީހަށް ހުށަހަޅާ ނަންތަކުގެ ތެރެއިން މަޖިލީހުގެ ޖަލްސާގައި ވޯޓުގެ އަޣްލަބިއްޔަތުން ފާސްވާ ނަންތައް ކޮމިޝަނަށް އައްޔަން ކުރުމަށް ރައީސުލްޖުމްހޫރިއްޔާ އަށް ފޮނުވުމުން، އެ ނަންތައް އައްޔަންކުރަންވާނެ ކަމަށް ވެސް ބިލުގައި ހިމަނާފައިވެ އެވެ. އަދި ކޮމިޝަންގެ ރައީސް އައްޔަން ކުރާނީ ރައްޔިތުންގެ މަޖިލީހުން ކަމަށާއި ނާއިބު ރައީސް އައްޔަން ކުރާނީ، ކޮމިޝަންގެ ފުރަތަމަ ޖަލްސާގައި ކޮމިޝަންގެ މެންބަރުންގެ މެދުގައި ނެގޭ ވޯޓަކުން ކަމަށް ވެސް މި ބިލުގައި ހިމަނާފައިވެ އެވެ.


މި އިސްލާހު ހުށަހަޅަން ޖެހުނު ސަބަބު ބަޔާން ކުރައްވައި އަހްމަދު މޫސަ ވިދާޅުވެފައި ވަނީ، ހިއުމަން ރައިޓްސް ކޮމިޝަނުން ކުރަން ޖެހޭ މަސައްކަތްތަކަކީ ރައްޔިތުންނާއި އެނޫން ވެސް ފަރާތްތަކުގެ ހައްގުގައި ކުރަން ޖެހޭ މަސައްކަތްތަކަށް ވުމާ އެކު ގިނަ ފަހަރަށް މި ހައްގުތަކާއި ފުށުއަރާ ކަންތައްތައް ކުރާނީ ސަރުކާރުންކަމަށެވެ. އަދި ރައްޔިތުންގެ ހައްގުގައި ސަރުކާރުގެ އިދާރާތަކަށް ޕުރެޝަރުކުރަން ތިބޭ ބަޔަކު، ރައީސުލްޖުމްހޫރިއްޔާ ނަން ފޮނުވައިގެން އައްޔަންކުރާ ނަމަ އެންމެ އިންސާފުވެރި ގޮތުގައި އެ ނަންތައް މަޖިލީހަށް ފޮނުވޭނެ ކަމަށް ނުފެނުމާއި އިލެކްޝަންސް ކޮމިޝަނާއި އެންޓި ކޮރަޕްޝަން ކޮމިޝަނަށް މެންބަރުން އައްޔަން ކުރުމަށް ރައްޔިތުންގެ މަޖިލީހަށް ނަންތައް ފޮނުވުމުގައި ވަކި ސިޔާސީ ވިސްނުމެއްގައި ތިބި ބަޔަކު ނޫނީ އައްޔަން ނުކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ މަސައްކަތް ކުރައްވާފައިވުން ހިމެނޭ ކަމަށް ވެސް އަހްމަދު މޫސަ ވަނީ ފާހަގަ ކުރައްވައިފަ އެވެ.  އަދި ކޮމިޝަނުން ނެރޭ ނޫސްބަޔާންތަކާއި، ގުޅިގެން ކޮމިޝަންގެ މެންބަރުންނަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ތަފާތު އިންޒާރު ދީ ކޮމިޝަނަށް އެކި ސިފަ ސިފައިގައި ނުފޫޒު ފޯރުވަމުން ގެންދެވުމާއި ސިޔާސީ އެކި ފޯރަމްތަކުގައި އެ ކޮމިޝަންގެ މެންބަރުންނަށް ތަފާތު އިންޒާރުތައް ދެމުންދާތީ ކޮމިޝަންގެ މުސްތަގިއްލުކަން ޔަގީންކޮށްދިނުން ވެސް މި އިސްލާހު ހުށަހެޅުއްވި ސަބަބުތަކުގެ ތެރޭގައި ހިމެނޭކަމަށް ވެސް އަހްމަދު މޫސަ ވިދާޅުވެފައިވެ އެވެ.


ހިއުމަންރައިޓްސް ކޮމިޝަންގެ ގާނޫނަށް އިސްލާހު ހުށަހަޅުއްވާފައި މިވަނީ، އެ ގާނޫނުގެ ފަސް ވަނަ މާއްދާ އާއި، އަށް ވަނަ މާއްދާގައި ބުނާ ގޮތުގެމަތިން، ކޮމިޝަނަށް އައްޔަންކުރަން ޖެހޭ ފަސް މެންބަރުންގެ ތެރެއިން، ދެ މެންބަރުން އައްޔަންކުރުމަށް ބޭނުންވާ ނަންތަކާއި ކޮމިޝަންގެ ރައީސް ކަމަށާއި ނާއިބު ރައީސްކަމަށް ހަމަޖައްސަން ބޭނުންވާ ނަންފުޅުތައް ރައީސުލްޖުމްހޫރިއްޔާ މަޖިލީހަށް ފޮނުއްވާފައިވާ ދަނޑިވަޅެއްގަ އެވެ.­


މިހާރު އަމަލު ކުރަމުން އަންނަ ހިއުމަން ރައިޓްސް ކޮމިޝަންގެ ގާނޫނުގެ އަށްވަނަ މާއްދާ އާއި ފަސްވަނަ މާއްދާގައި ވާގޮތުން، އެ ކޮމިޝަނަށް މެންބަރުން އައްޔަންކޮށް، ކޮމިޝަންގެ ރައީސާއި ނާއިބު ރައީސް އައްޔަންކުރަން ވާނީ ރައްޔިތުންގެ މަޖިލީހުންދޭ މަޝްވަރާގެ މަތިން ރައީސުލްޖުމްހޫރިއްޔާ އެވެ. އަދި ކޮމިޝަންގެ މެންބަރުކަމަށް ކުރިމަތިލުމަށް ރައީސުލްޖުމްހޫރިއެއްޔާގެ އޮފީހުން އިއްލާންކޮށް ނަންފުޅުތައް ރައްޔިތުންގެ މަޖިލީހަށް ފޮނުވާނީ ރައީސުލްޖުމްހޫރިއްޔާ ކަމަށް ވެސް ގާނޫނުގައިވެ އެވެ.