ޓެލްއަވީވު (13 އޮގަސްޓް 2025): ޣައްޒާގެ ރައްޔިތުން އެ މީހުންގެ އަމިއްލަ ވަޒަނުން ބޭރުކުރަންޖެހޭ ކަމަށްބުނެ އިސްރާއީލުގެ ޖައްބާރު ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ އަނެއްކާވެސް ވާހަކަ ދައްކައިފިއެވެ.

ހަނގުރާމައިގެ ޖަރީމާއާއި ހައްގަކާނުލައި މީހުން މެރުމާއި ޣައްޒާގެ އިންސާނީ ނަސްލު ނައްތާލުމުގެ ތުހުމަތުގައި، ބައިނަލްއަގްވާމީ ޖިނާއީ ކޯޓުން، އޭނާގެ މައްޗަށް ހިފައި ހައްޔަރު ކުރުމުގެ އަމުރު ނެރެފައިވާ ނަތަންޔަހޫ ބުނީ ޣައްޒާގެ ރައްޔިތުންނަށް އޮތް އެންމެ ރަނގަޅު ގޮތަކީ ޣައްޒާ ދޫކޮށް އެހެން ގައުމަކަށް ދިޔުންކަމަށާއި މި ފުރުސަތު ފަހިކޮށްދޭން އިސްރާއީލު މަސައްކަތް ކުރާކަމުގައެވެ.

ޓީވީ އިންޓަވިޔުއެއްގައި ނަތަންޔާހޫ ބުނީ ބާރުގެ ބޭނުންކޮށްގެން ޣައްޒާގެ ރައްޔިތުން އެ މީހުންގެ ވަޒަނުން ބޭރުކުރަންޖެހޭ ކަމަށާއި ނަމަވެސް ބާރުގެ ބޭނުންކޮށްގެން އެކަންކުރަން އިސްރާއީލު މަސައްކަތް ނުކުރާކަމުގައެވެ. ނަމަވެސް ޣައްޒާގެ ރައްޔިތުން އެހެން ގައުމަކަށް ހިޖުރަކުރުމަކީ އޭނާ ދެކެންބޭނުންވާ މަންޒަރެއް ކަމުގައެވެ.

ނަތަންޔާހޫ ބުނިގޮތުގައި ޣައްޒާގައި އެންމެ ބޮޑަށް ހަނގުރާމަ ހިނގާ ސަރަހައްދުތަކުގެ ރައްޔިތުން އެހެން ގައުމަކަށް ހިޖުރަ ފުރުސަތު ފަހިކޮށްދޭން އޭނާގެ ސަރުކާރުން ގެންދަނީ މަސައްކަތް ކުރަމުންނެވެ. އަދި އެއަށްފަހު ޣައްޒާގެ ހުރިހާ ސަރަހައްދުތަކުންވެސް އެހެން ގައުމުތަކަށް ހިޖުރަކުރަން ބޭނުންވާ މީހުންނަށް އެ ފުރުސަތު ފަހިކޮށްދޭނެކަމުގައެވެ.

ޣައްޒާގެ ރައްޔިތުން

ނަތަންޔާހޫއަކީ މިޒަމާނުގެ ހިޓްލަރުގެ ގޮތުގައި ސިފަކުރެވޭ އަދި ދެވަނަ ބޮޑު ހަނގުރާމައަށްފަހު ދުނިޔެއިން ފެނުނު އެންމެ ބޮޑެތި އަނިޔާވެރިންގެ ތެރޭގައި ހިމެނޭ އަނިޔާވެެރިއެކެވެ.

ބާރުގެ ބޭނުންކޮށްގެން ޣައްޒާގެ ރައްޔިތުން އެ މީހުންގެ ވަޒަނުން ބޭރުކުރަން އިސްރާއީލު މަސައްކަތް ނުކުރާކަމަށް ނަތަންޔާހޫ ބުނި ނަމަވެސް އިސްރާއީލުން ޣައްޒާގެ އާންމުންގެ ބޮލަށް ބޮން އަޅައިގެންނާއި ކާބޯތަކެތި ނުދީ ޣައްޒާގެ ރައްޔިތުން ގަސްދުގައި ބަނޑަށް ޖައްސައިގެން އެމީހުން މަރަމުން ގެންދަނީ ޣައްޒާގެ ރައްޔިތުން އެމީހުންގެ ވަޒަން ދޫކޮށް އެހެން ގައުމަކަށް ހިޖުރަ ކުރަން އެމީހުންނަށް މަޖުބޫރު ކުރުވުމުގެ ބޭނުމުގައި ކަމަށް އިސްރާއީލުގެ ނަންހާމަ ކުރަން ނޭދޭ ބައެއް މަސްއޫލުވެރިންނާ ހަވާލާދީ އެގައުމުގެ ނޫހެއްކަމަށްވާ "ހާއާރެޓްސް" ބުނެއެވެ.

ޣައްޒާގެ އާންމުންގެ ގެދޮރާއި ޣައްޒާގެ ސްކޫލްތަކާއި ޣައްޒާގެ ހޮސްޕިޓަލްތަކަށް ބޮންއަޅައި އިސްރާއީލުން އެތަންތަން ހަލާކުކޮށްލީ ޣައްޒާއަކީ ދިރިއުޅެވޭނެ ތަނެއް ނޫންކަމާއި ޣައްޒާގައި ދިރިއިޅުމުގެ ފުރުސަތު ނުދޭނެކަން ޣައްޒާގެ އާންމު ރައްޔިތުން އަންގައި އިންޒާރު ދިނުމުގެ ބޭނުމުގައި ކަމަށް ވެސް "ހާއާރެޓްސް" ބުނެއެވެ.

ޣައްޒާގެ ރައްޔިތުން އެ މީހުންގެ ވަޒަނުން ބޭރުކުރުމާ ބައިނަލްއަގްވާމީ މުޖުތައުމު ދެކޮޅު ހަދާއިރު އަދި އެމީހުން ހިޖުރަކުރާނެ ބިމެއް ދޭނެ ގައުމެއް ނެތްއިރު ބާރުގެ ބޭނުންކޮށްގެން ޣައްޒާގެ ރައްޔިތުން އެމީހުންގެ ވަޒަނުން ބޭރުކުރުމަކީ އިސްރާއީލަށް ކުރެވޭނެކަމެއް ނޫންކަމަށް މުހައްލިލުން ވިދާޅުވެއެވެ.

ޣައްޒާގެ ރައްޔިތުން އެމީހުންގެ ވަޒަނުން ބޭރުކޮށް އެ ސަރަހައްދު އެމެރިކާގެ ތަނަކަށް ހަދައި އެ ތަނުގައި ރިސޯޓްތަކެއް ހަދައިގެން ތަރައްގީކުރާ ވާހަކަ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްވެސްވަނީ ދައްކަވާފައެވެ.

ނަމަވެސް މުޅި ދުނިޔެ އެކަމާ ދެކޮޅު ހެދުމުން ޓްރަމްޕަށްވަނީ އެކަން ކުރެވޭނެ ގޮތް ނުވެފައެވެ. އެމެރިކާއަށް ބޯލަނބައި ކިޔަމަންވާ މިސްރާއި އުރުދުން އަދި ގަލްފުގެ އަރަބި ގައުމުތައް ފަދަ ގައުމުތައް ވެސް ވަނީ ޓްރަމްޕްގެ މި ޚިޔާލާ ދެކޮޅު ހަދާފައެވެ.

ޣައްޒާގެ ހަނގުރާމައަށް ދެ އަހަރުވާން ގާތްވެފައިވާއިރު ވެސް ނަތަންޔާހޫއަށް ހަމާސް ޖަމާއަތް ބަލިކުރެވިފައެއް ނުވެއެވެ. އަދި ހަމާސްގެ އަތްދަށުގައިވާ އިސްރާއީލުގެ އަސީރަކުވެސް ބާރުގެ ބޭނުންކޮށްގެން މިނިވަން ކުރެވިފައެއް ނުވެއެވެ. އަދި ޣައްޒާ ހިފުމުގައިވެސް ނަތަންޔާހޫގެ ޖައްބާރު ސިފައިންވަނީ މުޅިން ނާކާމިޔާބު ވެފައެވެ. ހަމާސްގެ ބިންގަރާސްތައްވެސް ހޯދިފައެއް ނުވެއެވެ.

ޣައްޒާގެ އާންމުން ބޮން އަޅައިގެންނާ އަދި ބަނޑަށް ޖައްސައިގެން މެރުމާއި ހޮސްޕިޓަލްތަކާއި ގެދޮރު ތަޅައި ސުންނާފަތި ކުރުން ނޫންކަމެއް އެމެރިކާއާއި ޔޫރަޕްގެ މަދަދު ލިބޭ އިސްރާއީލަށް ކުރެވިފައެއް ނުވެއެވެ. ނަމަވެސް މިހާރު އަނެއްކާވެސް ނަތަންޔަހޫ ވަނީ ޣައްޒާ އެއްކޮށް ހިފުމުގެ ޕްލޭނެއް އަލުން އިއުލާން ކޮށްފައެވެ.

ރިޕޯޓްތައް ބުނާގޮތުން ޣައްޒާގެ ރައްޔިތުން ދެކުނު ސޫދާނަށް ފޮނުވާލުމާ ބެހޭގޮތުން އިސްރާއީލު ގެންދަނީ އެގައުމުގެ ސަރުކާރާ ވާހަކަ ދައްކަމުންނެވެ. މިކަން ކުރަން އިސްރާއީލު އުޅެނީ އެމެރިކާއާވެސް ގުޅިގެން ދެކުނު ސޫދާނުގެ ވެރިންނަށް ރިޝްވަތުގެ ގޮތުގައި އެތައް މިލިޔަން ޑޮލަރެއް ދީގެންކަމަށްވެސް ރިޕޯޓްތައް ބުނެއެވެ.