08 Aug 2012, 03:23
ދިރާގު ދިވެހި ލީގުގައި ވެލެންސިއާ މޮޅުވާން ދަނިކޮށް އިތުރުވަގުތުގައި އީގަލްސް ޖެހި ގޯލުން ދެ ޓީމު 3-3 އިން އެއްވަރުވުމުން ވެލެންސިއާ ރެލިގޭޝަން ކުޅެން ޖެހިއްޖެ އެވެ.
މިހެންވެ ދިރާގު ދިވެހި ލީގުގެ ތިން ވަނަ ބުރުގައި ވެސް ވެލެންސިއާ ނުފެންނާނެ އެވެ. މިއީ ދިވެހި ލީގުގެ އެންމެ ކާމިޔާބު ޓީމު ނެތި ލީގުގެ ފަހުބުރުކުޅޭ ފުރަތަމަ އަހަރެވެ. އަށް ޓީމު ވާދަކުރާ ލީގުގައި ދެ ވަނަ ބުރުގައި ކޮންމެ ޓީމަކަށް ބާކީ އެއްމެޗު އޮތްއިރު ވެލެންސިއާ އަށް ލިބިފައިވަނީ އަށް ޕޮއިންޓާއެކު ތާވަލުގެ ފުލެވެ. ރެލިގޭޝަން ކުޅެން ޖެހޭނީ ލީގުގެ ގަދަ ހަޔަކުން ކަޓާ ދެ ޓީމެވެ. ލީގުގެ ގަދަ ހަޔަކުން ދެ ކަޓާނީ ނުވަ ޕޮއިންޓާއެކު ހަތް ވަނާގައި އޮތް ވިޔަންސާ އާއި 12 ޕޮއިންޓާއެކު ހަވަނާގައި އޮތް އޭވައިއެލް އެވެ.
ރޭގެ މެޗުގައި ފުރަތަމަ ދެ ގޯލު ޖެހީ ވެލެންސިއާއިންނެވެ. އީގަލްސްގެ އަބުދުﷲ ހަނީފް (ބެންޖޯ) އަތުން ބައިކޮޅަށް ލަނޑެއް ވަނަ ފަހުން ވެލެންސިއާގެ ދެ ވަނަ ލަނޑު ޖެހީ ރައިޓް ޗާލްސް ގަޔޭ އެވެ. އޭގެ ފަހުން އީގަލްސް އަށް އަހުމަދު އިމާޒު (އާއްކޮ) ފަރަގު ކުޑަކޮށްދިން ނަމަވެސް ފުރަތަމަ ހާފް ނިމުމުގެ ކުރިން ވެލެންސިއާގެ ތިން ވަނަ ލަނޑު ޖެހީ ވިސްޑަމް ސޮލޮމަން އެވެ. ދެ ވަނަ ހާފުގައި އީގަލްސްގެ އަހުމަދު ނިޒާމް ގޯލު ޖަހައި އަނެއްކާ ވެސް ފަރަގު ކުޑަކުރި ފަހުން އީގަލްސް އަށް އެއްވަރުކުރަން ޕެނަލްޓީ އެއްވެސް ލިބުނެވެ.
ނަަމަވެސް އީގަލްސްގެ ކެެޕްޓަންކަން ކުރަމުން އަންނަ ވެލެންސިއާގެ ކުރީގެ ކެޕްޓަން އައްސަދު އަބުދުލްގަނީ ޖެހި ޕެނަލްޓީ ކީޕަރު ވަނީ ދިފާއުކޮށްފަ އެވެ. ނަމަވެސް ނަތީޖާ ހަމަހަމަވީ އިތުރ ވަގުތުގައި މުސްތަފާ އަބުދުލްކަރީމް ލަނޑުޖެހުމުންނެވެ.
މެޗަށް ފަހު ވެލެންސިއާގެ ކޯޗު އަހުމަދު ނާޝިދު ބުނީ "ރެލިގޭޝަން ކުޅެން ޖެހުމަކީ މައްސަލައެއްނޫން،" ކަމަށެވެ.
"މާކުރިން ވެސް ހީކުރިން ރެލިގޭޝަން ކުޅެން ޖެހޭނެ ކަމަށް. އެއީ އެހެން ޓީމުތަކާ އަޅާބަލާއިރ ވެލެންސިއާގެ ސޮކޮޑް ބަލިކަށިވީމަ. އޭވައިއެލް އެއްޗިއްސާ އަޅާބަލާއިރު ވެސް ވެލެންސިއާ ބަލިކޮށް ފެނުނީ. އެންމެނަށް ވެސް އެނގޭނެ އެކަން،" ނާދު ބުންޏެވެ.
ނަމަވެސް އޭނާ ބުނީ މި މެޗުން މޮޅުނުވެވުނީ ވަރަށް ރަނގަޅަށް ކުޅެފައިކަމަށާއި ޓީމުގެ އެންމެ ސީނިއާ ފަސް ކުޅުންތެރިންނެތި ޒުވާން ކުޅުންތެރިން ކުރި ހިތްވަރާމެދު ހިތްހަމަޖެހޭ ކަމަށެވެ.
އީގަލްސްގެ ކޯޗު އިހުސާން އަބުދުލްގަނީ (ސާންތީ) ބުނީ ޕޮއިންޓެއް ލިބުމުން ހިތްހަމަޖެހުނަސް އީގަލްސް އޮތް މަގާމާމެދު ހިތްހަމަނުޖެހޭ ކަމަށެވެ.
"މިހާރު ދެން އަޅުގަނޑުމެންގެ ޓާގެޓަށް ނުދެވޭނެ ހެން ހީވާގޮތަށް މިދަނީ. ގަދަ ހަތަރެއް ނުލިބިއްޖިއްޔާ އީގަލްސް ކުރި އިންވެސްޓްމަންޓް ނުލިބުނީކަމަށް ބަލަންޖެހޭނީ. ހަގީގަތުގައި މިހާރު މި ޓީމު ވަރުގަދަވާން ޖެހޭނެ. އެކަމަކު އެހެނެއްނުވޭ،" ސާންތީ ބުންޏެވެ.
އޭނާ އަދި ބުނީ އީގަލްސް އަށް ގަދަ ހަތަރެއް ނުލިބުމުގައި އޭނާ ވެސް ފުރިހަމައަށް ޒިންމާނަގާ ކަމަށެވެ.