13 Aug 2025, 09:17
ބޮލީވުޑްގެ މަގުބޫލު އެކްޓަރު ޖޯން އަބްރަހަމްއަކީ މީޑިއާ ރިޕޯޓަރުންނާ ވަރަށް ބީރަށްޓެހި އެކްޓަރެއްގެ ގޮތުގައި ގިނަ ބަޔަކު ފާހަގަކުރާ ފިލްމީ ތަރިއެކެވެ.
ޖޯންއާ ގުޅުވައި މީޑިއާތަކުން އެކި ފާޑުފާޑުގެ ވާހަކަތައް ނުދައްކަނީ ވެސް އެކްޓަރު މީޑިއާ ރިޕޯޓަރުންނަށްދޭ ސަމާލުކަން ކުޑަވެ، އަމިއްލަ ދިރިއުޅުމުގެ ކަންކަމަށް ވަގުތު ދިނުން އިސްކުރާތީ ކަމަށް ބައެއް ރިޕޯޓުތަކުގައިވެއެވެ.
ބޮލީވުޑްގެ ކުރީގެ ބަތަލާ ބިޕާޝާ ބާސޫއާ އެކު ވަރަށް ސީރިއަސް ލޯބީގެ ގުޅުމެއް ބޭއްވުމަށްފަހު އަހަރުތަކެއްވި އެ ގުޅުން ނިމުމަކަށް ގެނައުމުން ވެސް މީޑިއާގައި ވަރަށް ތަފާތު ގޮތްގޮތަށް ވާހަކަ ދެކެވުނެވެ. ނަމަވެސް އެއިން އެއްވެސް ރިޕޯޓަކަށް ޖޯން ރައްދު ދީފައެއް ނުވެއެވެ.
ޒަވާޖީ ހަޔާތެއް ފެށުމަށް ފަހުވެސް ޖޯން އެންމެ ބޮޑު އިސްކަމެއްދިނީ އަންހެނުން ޕްރިޔާ ރުންޗަލްއަށް މީޑިއާގެ ފަރާތުން ހިމާޔަތް ހޯދައިދީ އަމިއްލަ ޒާތީ ދިރިއުޅުމަށް މީޑިއާގެ ސަމާލުކަން ނުލިބޭނެ ގޮތަކަށް ދިރިއުޅުން ބައްޓަން ކުރުމަށެވެ.

ޖޯން އަންހެނުން ޕްރިޔާއާ އެކު--ފޮޓޯ/ފިލްމުފެއަ
އެމެރިކާގައި ފައިނޭންޝަލް އެނަލިސްޓެއް އަދި އިންވެންސްޓްމެންޓް ބޭންކަރެއްގެ ގޮތުގައި މަސައްކަތް ކުރަމުން އަންނަ ޕްރިޔާ ރުންޗަލްއާ ކައިވެނިކުރިތާ 11 އަހަރުވެފައިވާއިރު މިހާތަނަށް ދެ ތަރިން އެކީގައި ބޮލީވުޑްގެ ހަފުލާތަކުން ވެސް ފެނިފައި ވަނީ ވަރަށް މަދުންނެވެ.
ޖޯން އެކޭ އެއްގޮތަށް ޕްރިޔާއަކީ ވެސް މީޑިއާގެ ސަމާލުކަން އެއްވެސް ވަރަކަށް ބޭނުންވާ މީހަކަށް ނުވުމުން މީޑިއާއާ ބީރަށްޓެހި ދިރިއުޅުމެއް އުޅުމަކީ އެކްޓަރަށް ވަރަށް ފަސޭހަ ކަމެއް ކަމަށް ދާދިފަހުން ޖޯން ވަނީ ބުނެފައެވެ.
ޖޯން ހަމައެކަނި މީޑީއާއިން ކުރާ ސުވާލުތަކަށް ޖަވާބުދާރީ ވަނީ އެކްޓަރުގެ ކެރިއަރާ ގުޅުންހުރި ފިލްމީ މަސައްކަތަކާ ގުޅުވައިގެން ކަމަށާއި މަސައްކަތްކުރާ ފިލްމެއްގެ މަސައްކަތް ނިމުން އެންމެ ބޮޑު އިސްކަމެއްދެނީ އަމިއްލަ ދިރިއުޅުމަށް ވަގުތު ދިނުމަށް ކަމަށް އެކްޓަރު ވަނީ ބުނެފައެވެ.
ޖޯންގެ ފިލްމީ ކެރިއަރާ ގުޅުވައިގެން ޕަބްލިސިޓީ ހޯދަން މަސައްކަތްކުރާނެ އެޖެންޓުންތަކެއް ހޯދުމަށްވުރެ އާއްމުންގެ ލޯތަކަށް ފިލައިގެން އުޅުން މާ މުހިއްމު ކަމަށާއި އެއީ މިއަދުގެ މުޖްތަމައުގައި ކުރުން ވަރަށް މުހިއްމު ކަމެއް ކަމަށް އެކްޓަރު ވަނީ ބުނެފައެވެ.
ޖޯންއަކީ ބެލުންތެރިންގެ މެދުގައި ބޮޑު މަގުބޫލުކަމެއް ހޯދާފައިވާ އެކްޓަރަކަށްވީ ނަމަވެސް، ޕްރޮފެޝަނަލް މަސައްކަތްތަކާ ޕްރައިވެޓް ދިރިއުޅުން ވަކިކުރުމަކީ ނަފުސަށް ވެސް ކޮށްދެވޭ ވަރަށް މުހިއްމު ކަމެއް ކަމަށް އެކްޓަރު ވަނީ ބުނެފައެވެ.
ފިލްމު އިންޑަސްޓްރީގެ އެހެނިހެން ތަރިންނެކޭ އެއްގޮތަށް އޭނާ އަކީ އެއްވެސް އިރަކު ބޮލީވުޑް ޕާޓީތަކާއި ހަފުލާތަކަށް ދާން ޝައުގުވެރިވާ މީހެއް ނޫންކަމުން ބޭރުތެރެއިން ވެސް ޖޯން ފެނުމަކީ ވަރަށް ނާދިރު ކަމެއް ކަމަށް އެކްޓަރު ވަނީ ބުނެފައެވެ. އެފަދަ ޕާޓީތަކަށް ގޮސް މަސްތުގެ ހާލަތުގައި މަޖާ ނެގުމަށްވުރެ މަސައްކަތް ނިންމާލުމަށްފަހު ރޭގަނޑު އަވަހަށް ނިދާ ފަތިހާ ހޭލައިގެން މަސައްކަތް ފެށުން މާ މުހިއްމު ކަމަށް އެކްޓަރު ވަނީ ބުނެފައެވެ.
އަމިއްލަ ފުޓްބޯޅަ އެކެޑަމީއެއް ވެސް ހިންގާ ޖޯން ބުނެފައި ވަނީ ފިލްމީ މަސައްކަތްތަކުން ނިމިގެން އޭނާ މަޝްއޫލުވެ އުޅެނީ އެކެޑަމީގެ މަސައްކަތްތަކުގެ އިތުރުން ފިލްމު ސްކްރިޕްޓްތައް މުތާލިއާ ކުރުމަށް ކަމަށެވެ.
ފިލްމު "ޑިޕްލޮމެޓް"އިން ބެލުންތެރިންނަށް ފެނުނު އެކްޓަރުގެ އެންމެ އަވަހަށް ރިލީޒްވާނެ ފިލްމަކީ މި މަހުގެ 15ގައި ޒީ5ގައި ޕްރީމިއާކުރާ ފިލްމު "ތެހެރާން"އެވެ.