14 Aug 2025, 12:53
މިއަހަރުގެ މިހާތަނަށް ރާއްޖޭގެ 47 ރަށެއްގައި ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ އޭޓީއެމް ހުޅުވައިފައިވާކަމަށް ބީއެމްއެލްގެ ސީއީއޯ މުހައްމަދު ޝަރީފް މިއަދު ވިދާޅުވެއްޖެއެވެ.
ބ. މާޅޮހުގައި މިއަދު ވަނީ ބީއެމްއެލްގެ އޭޓީއެމް ހުޅުވައިފައެވެ. އެއާއެކު ބ. އަތޮޅުގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި މިއަދު ވަނީ އޭޓީއެމް ގާއިމްކޮށްފައެވެ.
އެރަށުގައި އޭޓީއެމް ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ޝަރީފް ވިދާޅުވީ، މިއަދަކީ ބ. އަތޮޅަށް ވަރަށް ތާރީޚީ ދުވަހެއް ކަމަށެވެ. އެ އަތޮޅުގައި އޭޓީއެމްގެ ޚިދުމަތް ނުދެވި 10 ރަށެއް މީގެ ކުރިން އޮތްކަންމާއި އެ 10ރަށުގައި މިހާރު މި ޚިދުމަށް ފެށިފައި ވާކަމަށް އޭނާ ވިދާޅުވިއެވެ.
"މިގޮތުން ހަތް އަތޮޅެއްގައި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި މިވަނީ ޚިދުމަތް ގާއިމްކޮށްފަ. މި އަތޮޅުތަކަކީ ދ، ހއ، ނ، މ، ށ، ކ އަދި ބ އަތޮޅު،" ޝަރީފް ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ، އިތުރު ފަސް އަތޮޅެއްގެ 23 ރަށެއްގައި މި ޚިދުމަތް ފަށަން މިހާރު ތައްޔާރުވެފައި ވާކަމަށެވެ. އަދިް ބާކީ ހަތް އަތޮޅުގެ 33 ރަށުގައި ކުރިއަށް އޮތް ދެތިން މަސްދުވަސްތެރޭ އޭޓީއެމް ޚިދުމަތް ގާއިމްކޮށް މި މަޝްރޫއު ކާމިޔާބުކަމާއެކީ ނިންމާލުމަކީ އަމާޒު ކަމަށް އޭނާ ވިދާޅުވިއެވެ.
"އޭޓީއެމްއިން މިދެވޭ ޚިދުމަތަކީ ރާއްޖޭގެ ކޮންމެ ރަށަކަށް ވެސް އަސާސީ ބޭންކިން ޚިދުމަތް ފޯރުކޮށްދިނުމަށް އޮތް އެންމެ ފުރިހަމަ އެއް ވަސީލަތް. އޭޓީއެމްގެ ބޭނުންތެރިކަން މާލޭގައި ގާއިމްކޮށްފައިވާ އޭޓީއެމް ތަކުން ކުރާ މުއާމަލާތްތަކުގެ އަދަދާއި އޭޓީއެމް ބޭނުންކުރުމަށް ކޮންމެ ވަގުތަކު ކޮންމެ އޭޓީއެމް ސެންޓަރެއްގެ ކިޔުއަށް ބަލާލީމަ ވެސް އަޅުގަނޑުމެންނަށް ފެނޭ،" ޝަރީފް ވިދާޅުވިއެވެ.
އޭޓީއެމް މަޝްރޫއުގެ ސަބަބުން ބޭންކަށް ވެސް މުހިންމު ފައިދާތަކެއް ލިބޭކަން ޝަރީފް ފާހަގަކުރެއްވިއެވެ. އޭގެތެރޭގައި ހިމެނެނީ:
މި ޚިދުމަތާއެކު ބޭންކުގެ ބްރާންޗްކައުންޓަރުން ޚިދުމަތް ހޯދާ ކަސްޓަމަރުން މަދުވުން.
- އޭޓީއެމް މެދުވެރިކޮށް ބޭންކަށް ވަންނަ ފައިސާ އިތުރުވުން.
އޭނާ ވިދާޅުވީ، އަމާޒަކީ އެއްވެސް ރައްޔިތަކު ބާކީނުކޮށް ހުރިހާ ރައްޔިތުންނަށް ޚިދުމަތްދިނުންކަމަށެވެ. އޭޓީއެމް ހަމައެކަނި ހުންނަންޖެހޭނީ ވަކި ރަށްތަކެއްގަ ކަމަކަށް މިއަދު ދިވެހި ރައްޔިތުން ގަބޫލު ނުކުރާނެކަމަށް އޭނާ ވިދާޅުވިއެވެ.