ފުލުހުންގެ އިންޓެލިޖެންސް ރިޕޯޓަކާ ގުޅިގެން ފެނަކަ ކޯޕަރޭޝަންގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައީދުގެ ޕާސްޕޯޓު ދޫނުކުރަން ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީސް (ޕީޖީ)އިން ކްރިމިނަލް ކޯޓުގައި އެދިއްޖެއެވެ.

ސައީދުގެ ޕާސްޕޯޓު ހިފެހެއްޓީ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ން ބަލަމުން އަންނަ މައްސަލައަކާ ގުޅިގެން މިދިޔަ އަހަރުގެ އޮކްޓޫބަރު މަހުގެތެރޭގައެވެ.

ޕީޖީ އޮފީހުގެ ތަރުޖަމާނު އަހުމަދު ޝަފީއު 'ސަން'އަށް ވިދާޅުވީ، މެޑިކަލް ޑޮކިއުމަންޓުތަކާ އެކު، މިދިޔަ މެއި މަހުގެ ތެރޭގައި ރާއްޖޭން ބޭރަށް ވަޑައިގަތުމަށް ސައީދު އެދިވަޑައިގަތް ކަމަށެވެ. އެ އޮފީހުން އޭރު 15 ދުވަހުގެ މުއްދަތަށް ސައީދުގެ ޓްރެވަލް ޑޮކިއުމަންޓު ދޫކުރަން ހުއްދަ ދިން ކަމަށް ޝަފީއު ވިދާޅުވިއެވެ.

ނަމަވެސް، އޭގެފަހުން، ލިބުނު ފުލުހުންގެ އިންޓެލިޖެންސް ރިޕޯޓަކާ ގުޅިގެން ޕާސްޕޯޓު ދޫނުކުރަން ކްރިމިނަލް ކޯޓުގައި އެ އޮފީހުން އެދިފައިވާ ކަމަށް ޝަފީއު ވިދާޅުވިއެވެ. އެކަމަކު، އެ ރިޕޯޓުގެ ތަފުސީލެއް ނުދެއްވައެވެ.

ފާހަގަކުރެވޭ ގޮތުގައި، ފެނަކައިގެ އެހެން މައްސަލައެއްގައި، މިދިޔަ ޑިސެމްބަރު މަހު ޕީޖީ އޮފީހުން ވަނީ ސައީދުގެ މައްޗަށް ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ކުށުގެ ދައުވާކޮށްފައެވެ.

އޭނާއާއި އިތުރު މީހެއްގެ މައްޗަށް ދައުވާކޮށްފައިވަނީ 2018ވަނަ އަހަރު ހިންގި މުއާމަލާތަކާ ގުޅިގެންނެވެ.

އެ އަހަރު ފެނަކައާއި ބްލޭޒަން އިންކް ޕްރައިވެޓް ލިމިޓެޑާ ދެމެދު ވެފައިވާ އެއްބަސްވުމުގެ ދަށުން ބްލޭޒަން އިންކްގެ ފަރާތުން މަސައްކަތް ފުރިހަމަކޮށްފައި ނުވަނީސް އަދި މަސައްކަތް ނިންމިކަން ކަށަވަރުކުރުމެއް ނެތި، އެ މަސައްކަތަށްވާ ފައިސާ ދޫކުރި ކަމަށް ވަނީ ތުހުމަތުކޮށްފައެވެ.

އެހެންވެ، ނާޖާއިޒު ފައިދާއެއް ބްލޭޒަން އިންކް ކުންފުންޏަށް ހޯދައިދިންކަމުގެ ތުހުމަތުގައި ސައީދާއި އޭރު ފެނަކައިގެ ޕްރޮކިއުމަންޓް ވެރިޔަކަށް ހުންނެވި މަރްޔަމް ދީނާ ޞާލިޙުގެ މައްޗަށް ވެސް ވަނީ ދައުވާކޮށްފައެވެ.