07 Aug 2012, 22:27
ރާއްޖޭގެ ދާހިލީ ހަމަޖެހުން ނަގާލުމުގައި ބައިވެރިވި ކަމުގެ ތުހުމަތުގައި ފުލުހުން ހައްޔަރުކުރި ޗީފް ސުޕްރިޓެންޑެންޓް އޮފް ޕޮލިސް މުހައްމަދު ހަމީދާއި ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް އިބްރާހީމް ޢަދުނާން އަނީސް މިރޭ ފުލުހުންގެ ވަޒީފާއިން ވަކި ކޮށްފި އެވެ.
ހަމީދާއި އަދުނާނަކީ ފެބްރުއަރީ 7 ވަނަ ދުވަހު ވެރިކަން ބަދަލުވި ގޮތާ ގުޅޭ ގޮތުން ރައީސް މުހަންމަދު ނަޝީދު ސަރުކާރުގެ ދެ ވަޒީރަކު ޝާއިއު ކުރި ރިޕޯޓަށް މައުލޫމާތު ހިއްސާ ކުރިކަމުގެ ތުހުމަތުގައި ސުވާލު ކުރެވުނު ދެ މީހުންނެވެ. އަދުނާން ހުންނެވީ ފުލުހުންގެ މެރިން ޕޮލިސްގެ ކުރީގެ ވެރިޔާއަށެވެ. ހަމީދު ހުންނެވީ ފުލުހުންގެ އިންޓެލިޖެންސް ޑިޕާޓްމަންޓްގެ ކުރީގެ ވެރިޔާއަށެވެ.
މިރޭ މި ދެ މީހުން ވަޒީފާއިން ވަކި ކުރިއިރު ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް އިބްރާހީމް މަނިކު މިހާރު (ލޭޑީ އިބްރާހިމް މަނިކު) ހުރި ރޭންކުން އެއް ރޭންކު ދަށްކޮށް ޗީފް އިންސްޕެކްޓާ އޮފް ޕޮލިސްގެ މަޤާމަށް ބަދަލުކުރުމަށާއި އޭނާއަށް ލިބިފައިވާ އަޚްލާޤީ ކުލަ އަތުލުމަށް ވެސް ޕޮލިސް ޑިސިޕްލިނަރީ ބޯޑުން މިރޭ ނިންމައިފިއެވެ.
ބޯޑުން މިގޮތަށް ނިންމާފައިވަނީ ފުލުހުންގެ ޤާނޫނާއި އެޤާނޫނުގެ ދަށުން ހެދިފައިވާ ޤަވާޢިދުތަކަށް ބަލައި އެ ފަރާތްތައް ކޮމިޓީއަށް ހާޒިރުކޮށް އަމިއްލަ ދިފާޢުގައި ވާހަކަ ދެއްކުމަށާއި ޤާނޫނީ ވަކީލުން ޢައްޔަން ކުރުމުގެ ފުރުޞަތު ދިނުމަށް ފަހުއެވެ.
ހަމީދުގެ ވަކީލު ވިދާޅުވީ މިރޭ ހަމީދު ވަޒީފާއިން ވަކި ކުރުމުން އެ މައްސަލައިގައި ކޯޓަށް ވަޑައިގަންނަވާނެ ކަމަށެވެ.
"މިރޭ ހާޒިރު ކުރުމަށްފަހު ވަނީ ވަޒީފާއިން ވަކިކޮށްފައި އެ މައްސަލައިގައި ހަމީދުގެ ފަރާތުން ކޯޓަށް ދާނެ،" ވަކީލު ވިދާޅުވި އެވެ.
މިދިއަ ޖޫން މަހުގެ ތެރޭގައި ހަމީދު ހައްޔަރު ކުރީ އޭނާ ފުލުހުންގެ އިންޓެލިޖެންސް ޑިޕާޓްމަންޓް ހިންގުމާ ހަވާލުވެ ހުންނެވި އިރު، ފުލުހުންގެ ބޭނުމަށް އެއްކޮށްފައިވާ މުހިއްމު މައުލޫމާތާއި ގައުމީ ސަލާމަތާ ގުޅުން ހުރި މުހިއްމު މައުލޫމާތުތަކުގެ އިތުރުން ހަގީގަތެއް ނެތް ދޮގު މައުލޫމާތުތަކެއް އެހެން ބަޔަކަށް މަންފާ ކުރަނިވި ގޮތަކަށް ފޯރުކޮށްދިން ކަމުގެ ތުހުމަތުގަ އެވެ.
ގައުމީ ސަލާމަތަށް ނުރައްކާތެރިވެ، ފުލުހުންނާއި ރައްޔިތުންގެ މެދުގައި ބައިބައިވުން އުފެދިދާނެ ގޮތަކަށް އަމަލުކޮށްފައިވާ ކަމަށް އޭނާގެ މައްޗަށް ތުހުމަތު ކޮށްފައިވާ އިރު ފުލުހުން ބުނީ އޭނާ ކޮށްފައިވާ ކަންތައްތަކަކީ ފުލުހުންގެ ގާނޫނާ ޚިލާފަށް ކޮށްފައިވާ ކަންތައްތަކެއް ކަމަށް ވެސް ބުނެފައި ވެއެވެ. އެ މައްސަލައިގައި ހަމީދު ހައްޔަރު ކުރުމަށްފަހު މިހާތަނަށް ހުރީ ވަޒީފާއިން ސަސްޕެންޑްކޮށްފަ އެވެ.
ފުލުހުން އަދުނާނާ ސުވާލު ކުރަން ފެށީ ޖުލައި މަހުގެ ތެރޭގަ އެވެ. އެއީ ކުރީގެ ސަރުކާރުގެ ދެ ވަޒީރަކު ނެރުނު ރިޕޯޓަށް އަދުނާން އެއްވެސް މައުލޫމާތެއް ހިއްސާ ކޮށްފައިވާނެތޯ ސާފުކުރުމަށެވެ.