މިސޫރީ (އޮގަސްޓް 7) : އެމެރިކާގެ މިސޫރީގެ ޖުބިލިން ސިޓީގައިހުންނަ މިސްކިތާއި އެމިސްކިތާގުޅިފައިވާ އިސްލާމީ މަރުކަޒުގައި ހުޅުޖަހައި އަންދާލައިފިއެވެ.

މިސޫރީގެ ލޯކަލް ސަރުކާރު ބުނިގޮތުގައި މިމިސްކިތާއި އިސްލާމީ މަރުކަޒުގައި ހުޅުޖަހައި އަންދާލާފައިވަނީ މދިޔަ ހޯމަދުވަހުގެ ރޭގެ ދަންވަރު އެމެރިކާގެ ގަޑިން 3:40 ގައެވެ. މިޙާދިސާގައި މިސްކިތާއި އިސްލާމީ މަރުކަޒު އެއްކޮށް އަނދައި ހުލިވެފައިވީނަމަވެސް އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައެއްނުވެއެވެ. އަލިފާނުގެ މިޙާދިސާ ހިނގިކަން އެނގުމުން އަލިފާން ނިއްވާމީހުން އެތަނަށްގޮސް އަލިފާން ނިއްވާލިއިރު މިސްކިތާއި އިސްލާމީ މަރުކަޒު ހިމެނޭ މުޅި އިމާރާތް އަނދާފައިވާކަމަށް ޖުބިލިން ސިޓީގެ މުނިސިޕަލް ކައުންސިލްގެ ތަރްޖަމާނާ ޝަރޮން ރިން ވިދާޅުވިއެވެ.
މިމިސްކިތާއި އިސްލާމީ މަރުކަޒަކީ އެސަރަޙައްދުގެ މުސްލިމުން ނަމާދުކުރުމަށާއި ދީނީ ތަޢްލީމް ދިނުމަށާއި އިސްލާމީ ޘަޤާފަތާއި އިޖްތިމާޢީ ޙަރަކާތްތައް ހިންގުމަށް މުސްލިމުންނާއި މުސްލިމުންގެ ޢާއިލާތައް ވަރަށް ބޮޑަށް ބޭނުންކުރާ ޢިމާރާތެކެވެ. 2007 ވަނަ އަހަރު މިމިސްކިތާއި އިސްލާމީ މަރުކަޒު ހުޅުވީއްސުރެ އެމެރިކާގެ ހައްދުފަހަނަޅާފައިވާ ދޮންމީހުންގެ ގޯނާ މިމިސްކިތުގެ ޢިމާރާތަށާއި މިސްކިތުގައި އަޅުކަންކުރުމަށްދާ މުސްލިމުންނަށް ފޯރަމުންދާކަމަށް އެމިސްކިތަށް އެންމެގިނައިން ނަމާދަށްދާ މުސްލިމުންނާ ޙަވާލާދީ މީޑިޔާ ރިޕޯޓްތައް ބުނެއެވެ. އަދި މިޢިމާރާތް އަންދާލުމަށް މުސްލިމުންނާ ދުޝްމަންކަން ގެންގުޅޭ އެމެރިކާގެ ހަރުކަށިމީހުން އެތަށްފަހަރަކު މަސައްކަތްކޮށްފައިވާ ކަމަށް މިސޫރީގެ ރަސްމީ ފަރާތްތަކުން ބުނެއެވެ. މިގޮތުން މިދިޔަ ޖޫންމަހުގައާއި މިދިޔަ ޖުލައި މަހުގެ ކުރީކޮޅު މިމިޢިމާރާތަށް ބޮމުގެ ޙަމަލާތައް ދޭން މަސައްކަތްކޮށްފައިވާކަމަށް މިސޫރީގެ ލޯކަލް ސަރުކާރުން ބުނެއެވެ.

މިމިސްކިތުގައި އަލިފާންޖެހި ފަރާތެއް އެނގިފައިނުވިނަމަވެސް މިކަމުގެ ފަހަތުގައިވާ ކަމަށް ތުހުމަތުކުރެވެނީ މުސްލިމުންނާދެކޮޅަށް ޙަރަކާތްތެރިވާ އެމެރިކާ ހައްދުފަހަނަޅާފައިވާ ދޮންމީހުންކަމަށް ވަނީ ޝައްކުކުރެވިފައެވެ. މި ޙަމަލާދީފައިމިވަނީ އެމެރިކާގެ ވިސްކޮންސެން ސްޓޭޓްގައިވާ ސިކުންގެ ފައްޅިއަކަށް އެމެރިކާގެ ދޮން ނަސްލުގެ ޓެރަރިސްޓަކު ދިން ޙަމަލާއެއްގައި 6 މީހަކު މަރުވެފައިވަނިކޮށެވެ. -- ބީބީސީ