07 Aug 2012, 19:50
މުއްދަތެއް ނެތް ގޮތަށް ރައްޔިތުންގެ މަޖިލިސް ހުއްޓުވާލުމަށްފަހު އެމްޑީޕީން ބައިވަރު އުޒުރުތަކެއް ދައްކަ އެވެ. މަޖިލިސް މެންބަރުންނަށް ފުލުހުން އަނިޔާ ކުރާ ވާހަކައާއި އެއްވުންތަކުގައި އާންމު ރައްޔިތުންނަށް އަނިޔާ ކުރާ ވާހަކަ އެވެ. އަމިއްލަ ހޮސްޕިޓަލްތަކުން އާސަންދައިން ހިދުމަތް ލިބިގަންނައިރު ވަކި ޕަސެންޓެއްގެ ފައިސާ ދައްކަން ސަރުކާރުން ނިންމުން ހިލޭ ބޭސް ފަރުވާ ކުރުމުގެ ނިޒާމު ހުއްޓާލީ ކަމަށް ބުނެ އެވެ. މަޖިލީހުގެ ހުއްދަ ނުހޯދައި 300 މިލިއަން ރުފިޔާގެ ލޯނު ނެގި ވާހަކަ އެވެ. ގާނޫނު އަސާސީގެ އިން ފަހަނަ އަޅައި، ގާނޫނޫ ހިލާފު ކަންތައްތައް ސަރުކާރުން ކުރަމުންދާ ކަމަށެވެ. އެ ހުރިހާ ވާހަކައަކަށް ފަހު ބުނީ މަޖިލީހުގައި "ހަނގުރާމަ" އިއުލާން ކުރީ ކަމަށެވެ.
ނަމަވެސް އެމްޑީޕީން ތުހުމަތު ކުރާ އެ ހުރިހާ ކަމަކީ ވެސް މަޖިލީހުގެ ތެރެއިން ހައްލު ކުރެވެން އޮތް ކަންތައްތަކެވެ. ވަޒީރުން ހާޒިރުކޮށް ޖަވާބުދާރީ ކުރުވުމާއި ކަމާ ގުޅުންހުރި ކޮމެޓީތަކުން އެފަދަ މައްސަލަތައް ތަހުގީގު ކުރުމުގެ ފުރިހަމަ ބާރު ލިބިގެންވެ އެވެ. މައްސަލައިގެ ހައްލު އޮއްވައި މަޖިލީހުގެ ރައީސްގެ ކޮޓަރިކޮޅުގެ ކުރިފުޅުމަތީގައި އަޑުގަދަކުރައްވައިގެން މައްސަލައަށް ހައްލު ލިބިދާނެބާވަ އެވެ؟ މަޖިލީހުން ހަދަންޖެހޭ ގާނޫނުތަކާއި ގަވާއިދުތަކާއި މިނިވަން މުއައްސަސާތަކަށް ފާރަވެރިވާން ހުރި ކޮމެޓީތައް ހުއްޓުވާލައި މަޖިލީހުގައި "މަރު ތަޅު" އެޅުވުމުން ހައްލު ލިބުނީ ހެއްޔެވެ؟
އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) ވިދާޅުވީ މަޖިލިސް ޖަލްސާތަކުގެ އެޖެންޑާގެ ކުރީގައި އަބަދުވެސް އޮންނަނީ ސިޔާސީ މަގުސަދަށްޓަކައި ހުށަހަޅާފައިވާ މައްސަލަތަކެވެ. މިސާލެއްގެ ގޮތުގައި އިބޫ ނެންގެވީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި ހިންގަވާފައިވާ ކަންތައްތައް ބެލުމަށް ހުށަހެޅި ގަރާރުގެ ދަށުން އުފެއްދި ކޮމެޓީގެ ވާހަކަ އެވެ. އަދި ރައީސް ނަޝީދުގެ ސަރުކާރުގައި ދަށު ކޯޓްތައް ބަލައި ނުގަންނާނެ ކަމަށް ވިދާޅުވެ ނެރުއްވަން އުޅުއްވި ގަރާރަކާ ގުޅިގެން ހުށަހަޅާ މައްސަލައިގެ ވާހަކަ އެވެ. އަދި ކޮމަންވެލްތުން ވަކިވާ ބިލުގެ މައްސަލައިގެ ވާހަކަ އެވެ.
އެ ހުރިހާ މައްސަލަތަކަކީ މަޖިލީހުގެ ވަގުތު ނަގާލާ ބޭކާރު މަސައްކަތްތަކެއް ކަމަށް އިބޫ ސިފަ ކުރެއްވި އެވެ. އަދި މަޖިލީހުގެ "ޕައިޕް ލައިން"ގެ ހުރިހާ ކަމެއް ވެސް ސަރުކާރާ އެއްބައިވެފައިވާާ ޕާޓީތަކުން ގުޅުވާފައި ވަނީ ރައީސް ނަޝީދުގެ ކުރެއްވި ކަންތައްތައް ބެލުމަށް ކަމުގައި އެނާ ވިދާޅުވި އެވެ.
"މިސާލަކަށް މާލިއްޔަތު ކޮމެޓީގައި އެއޮތީ އެބޭފުޅުންގެ މެޖޯރިޓީ ބޭނުން ގޮތެއް އެ ނިންމަވަނީ. ދެން އަޅުގަނޑުމެންގެ އަތުގައި [މެޖޯރިޓީ] މި އޮތީ ސަރުކާރު ޖަވާބުދާރީ ކުރުވާ ކޮމެޓީ. ދެން އަޅުގަނޑުމެން އޭގެ ބަދަލުގައި [ސަރުކާރުން ކުރަމުންދާ ކަންތައްތަކާމެދު ޖަވާބުދާރީ ކުރުވުމަށް] ކޮންމެ ދުވަހަކު އެތަނަށް ވަޒީރަކު ގެނެސް، ނުނިއްޔާ ރައީސް ވަހީދު ގެންނަވައި ކަންތައް ކުރަންވަންވެއްޖެނަމަ އެއަކުންނެއް ހައްލެއް ނޯންނާނެ އިނގޭތޯ. އޭރަކުން މަސައްކަތެއް ނުކުރެވޭނެ. އޭރު އެވަނީ ޒާތީ ކަމަކަށް،" އިބޫ ވިދާޅުވި އެވެ.
މަޖިލީހުން ސަރުކާރަށް ތާއީދު ކުރާ ޕާޓީތަކުން ކުރަމުން ގެންދާ އެފަދަ މަސައްކަތްތައް ހުއްޓާލަންޖެހޭ ކަމަށް އިބޫ ވިދާޅުވުވި އެވެ. އަދި ވިދާޅުވީ ދޫދިނުމަށްފަހު އުފެއްދުންތެރި މަސައްކަތްތަކެއް ކުރުމަށް މަޝްވަރާގެ މޭޒަށް އައުމަށް އޭނާ ގޮވާލެއްވި އެވެ. އޭނާ ދެކެވަޑައިގަންނަވާ ގޮތުގައި އެނޫން ގޮތަކަށް މަޖިލިސް އޮމާންކަމާއެކު ކުރިއަށްނުދާނެ އެވެ.
ރައީސް ނަޝީދު ހިންގެވި ގާނޫނާ ހިލާފު މައްސަލަތައް ބެލުމަށް ގަރާރު ހުށަހެޅުއްވި މެންބަރު، އަދި ނަޝީދު ހިންގެވި ކަންތައްތައް ތަހުގީގު ކުރާ ކޮމެޓިގެ މުގައްރިރު ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު އިބޫ ދެއްކެވި ވާހަކަތަކާ ދެކޮޅު ހައްދަވަ އެވެ. އޭނާ ވިދާޅުވީ މަޖިލީހަކީ ސިޔާސީ ބަޔަކު ތިބި ސިޔާސީ ތަނެއް ކަމަށާއި މަޖިލީހުން ބަލާނީ ގަވާއިދުތަކުން ތަންދޭ މައްސަލަތައް ކަމަށެވެ.
މަޖިލިސް ހުއްޓުވުމަށް އެމްޑީޕީން މަސައްކަތް ކުރި މައިގަނޑު ދެ ސަބަބެއްވާ ކަމަށް ޖާބިރު ވިދާޅުވި އެވެ. އެއް ސަބަބެއް ކަމަށް ޖާބިރު ވިދާޅުވީ ނަޝީދުގެ މައްސަލަ މަޖިލީހުގެ ކޮމެޓީތަކުން ބެލުމަށް މަސައްކަތް ފަށާފައި ވާތީ އެކަންތައް ހުއްޓުވުމަށް ކުރި ކަމެއް ކަމަށެވެ. އަނެއް ސަބަބަކީ ސަރުކާރާއެކު މަޝްވަރާއަކަށް ދިއުމަށް ދައްކާ އުޒުރެއް ކަމަށެވެ.
"އެބޭފުޅުން ބޭނުންވާ ގޮތަށް 'އަތް އަނބުރާލައިގެން' ސަރުކާރާ ނެގޯޝިއޭޓް ކުރަން. ދެން އަނެއްކަމަކީ ނަޝީދުގެ މައްސަލަބެލުމާއެކު އެއްކަމެއް ނުކުރެވޭ ގޮތެއް ހެދުމަށް ދައްކާ ބަހަނާއަކާއެކު މަޖިލިސް ހުއްޓުވާލީ،" ޖާބިރު ވިދާޅުވި އެވެ.
ޖާބިރު ވިދާޅުވި ގޮތަށް އެމްޑީޕީން ވަނީ ރައީސް ވަހީދާއެކު މަޝްވަރާތަކެއް ބޭއްވުމަށް މަޖިލީހުގައި އެދިފަ އެވެ. މިދިޔަ ހުކުރު ދުވަހު ބޭއްވި މަޖިލީހުގެ ޕާޓީތަކުގެ މަޝްވަރާގައި އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ނައިބު ރައީސް އަލީ ވަހީދު މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދުގެ އަރިހުގައި އެދިވަޑައިގެންފައި ވަނީ މަޖިލީހުގައި ހިމެނޭ ސިޔާސީ ޕާޓީތަކާ ރައީސް ވަހީދު ބައްދަލު ކުރެއްވުމަށެވެ.
އިބޫ ވިދާޅުވީ އެމްޑީޕީގެ ހުށަހެޅުމަކީ އެއްވެސް ޝަރުތަކާ ނުލައި މަޝްވަރާއަށް ރައީސް ވަހީދު މަޖިލީހުގެ ހިމެނޭ ޕާޓީތަކާއެކު އިށީނުމަށެވެ. އެފަދަ މަޝްވަރާއެއް ކުރަންޖެހޭނީ އޯލްޕާޓީ ޓޯކްސް ހުއްޓިފައިވާތީ އެވެ. އެމްޑީޕީން އެދުނު ގޮތަށް މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދު މވަނީ ރައީސް ވަހީދަށް އެމްޑީޕީގެ ހުށަހެޅުމާއެކު މަޝްވަރާއަށް ދަންނަވާފަ އެވެ. އެކަން ޝާހިދު ވެސް ކަށަވަރުކޮށްދެއްވަ އެވެ. ނަމަވެސް މަޖިލީހުގެ ހުށަހެޅިސ ހުށަހެޅުމަށް ސަރުކާރަކުން އަދި ޖާވާބެއް ދީފައެއް ނުވެ އެވެ.
ގާނޫނު ހެދުމުގެ މަސައްކަތް ކުރަންޖެހޭ ރައްޔިތުންގެ މަޖިލީހުން ސަރުކާރާއެކު މަޝްވަރާއަށް ދިއުމަށް އެދިފައިވާއިރު ސަރުކާރަށް ތާއިދު ކުރާ ޕާޓީ ބޮޑު ދެ ޕާޓީގެ ލީޑަރުން (އަބްދުﷲ ޔާމިން އާއި ތަސްމީން އަލީ) ވަނީ މަޖިލިސް ހުއްޓުވި މައްސަލާގައި އެމްޑީޕީއަށް ފާޑުކިޔާފަ އެވެ.
ދިޓީވީގައި ވާހަކަފުޅު ދައްކަވަމުން ޔާމިން ވިދާޅުވީ މަޖިލިސް ހުއްޓުވާލީ އަވަސްއިންތިހާބެއް ނުބޭވިގެން ކަމަށެވެ. އަދި އެބޭފުޅުން މަޖިލިސް ހުއްޓުވާލުމަށް ދައްކާ އުޒުރުތަކަކީ މަޖިލީހުގެ ތެރެއިން އެބޭފުޅުންނަށް ހައްލުކުރެވެން މަސައްކަތް ކުރެވެން އޮތް ކަންތައްތަކެއް ކަމަށެވެ. ތަސްމީން އަލީ ވިދާޅުވީ މަޖިލިސް ދެން ފަށައިގަނެވެން އޮތީ އެމްޑީޕީ މަޖިލީހުގެ ތަޅުމުގައި ހިންގާ ހާޖާނުތައް ހުއްޓާލެވިގެން ކަމަށެވެ. އަދި އެކަންތައް ހުއްޓުވެން އޮތީ މަޖިލީހުން ފާސްނުކޮށް ތިން ފަހަރު ކޮމެޓީއަށް ފޮނުވާލި ސުލޫކީ ގަވާއިދު ގަވާއިދާއި އިމްތިޔާޒުގެ ބިލް ފާސްކޮށްގެން ކަމަށެވެ.