ވޮޝިންޓަން (12 އޮގަސްޓް 2025): އެމެރިކާގެ ވެރިރަށް ވޮޝިންޓަންގެ ލޯކަލް ސަރުކާރަށް އޮންނަ އަމަނާބެހޭ ބާރުތައް އެމެރިކާގެ ފެޑްރަލް ސަރުކާރަށް ނަގައި ވޮޝިންޓަންގެ ފުލުހުންގެ އިދާރާ ސީދާ ރައީސްގެ ޑޮނަލްޑް ޓްރަމްޕްގެ ކޮންޓްރޯލްގެ ދަށަށް ގެނަސްފިއެވެ.

މިއާއެކު ޓްރަމްޕް ވަނީ ވޮޝިންޓަންގެ ފުލުހުންގެ ބާރު ކަނޑުވާލައި އެ މީހުންގެ ބަދަލުގައި ފެޑްރަލް ސަރުކާރުގެ ދަށުގައި އޮންނަ އެމެރިކާގެ ނެޝަނަލް ގާޑުގެ 800 ވަރަކަށް ސިފައިން އަމަން ބެލެހެއްޓުމުގެ ނަމުގައި ވޮޝިންޓަންގެ މަގުތަކަށް ނެރެފައެވެ.

މި ނިންމެވުން ދިފާއުކުރައްވަމުން ޓްރަމްޕް ވިދާޅުވީ މިގޮތަށް ބާރުތައް ނަގަން ޖެހުނީ ވޮޝިންޓަންގެ ސަލާމާތާއި ރައްކާތެރިކަން ބެލެހެއްޓުމުގައި އެ ސްޓޭޓްގެ ލޯކަލް ސަރުކާރު ފެއިލްވެފައިވާތީ ކަމަށެވެ.

ޓްރަމްޕް ވިދާޅުވިގޮތުގައި ވޮޝިންޓަންވަނީ ޑްރަގް ނަގާ މީހުންނާއި މަސްތުވެގެން ގޮތެއްފޮތެއްނެތި ވައްކަމާއި އެނޫންވެސް ބޮޑެތި ކުށްތައް ކުރާމީހުންގެ ހާއްޔަކަށް ވެފައެވެ.

"މުޖުރިމުންނާ ދެކޮޅަށް ބާރުގެ ބޭނުންކޮށްގެން ނޫންގޮތަކަށް އެމީހުންގެ އުނދަގުލުން ވޮޝިންޓަން ސަލާމަތް ނުކުރެވޭނެ،" ޓްރަމްޕް ވިދާޅުވިއެވެ.

ޓްރަމްޕް ވިދާޅުވިގޮތުގައި މޫނަކަށް ކަނދުރާއަކަށް ނުބަލައި ކުށްވެރިންނާ ދެކޮޅަށް އޭނާގެ އަމުރަށް ނެޝަނަލް ގާޑުން ބާރުގެ ބޭނުންކުރާނެއެވެ. މިއީ ވޮޝިންޓަން މިހާރު ވެއްޓިފައިވާ ވަޅުގަނޑުން ސަލާމަތް ކުރުމަށް ކޮންމެހެން އަޅަންޖެހޭ ފިޔަވަޅެއް ކަމަށް ޓްރަމްޕް ވިދާޅުވިއެވެ.

ވޮޝިންޓަންގައި ކުށް ގިނަވެފައިވަނީ ވިސާނެތި ގަވައިދާ ޚިލާފަށް އުޅޭ ބޭރުގެ ލޭބަރުންވެސް އިންތިހާއަށް ގިނަވުމާއެކު އެމީހުން ގާނޫނާ ޚިލާފު އެތައް ކަމެއް ކުރަމުން ގެންދާތީ ކަމަށްވެއެވެ. ވޮޝިންޓަންއަކީ އަނިޔާވެރި ގޭންގުތަކާއި ނުރައްކާތެރި މުޖްރިމުން ރަސްކަންކުރަމުންދާ ސިޓީއެއް ކަމަށް ޓްރަމްޕް ވިދާޅުވިއެވެ.

ރިޕޯޓްތައް ބުނާގޮތުން ވޮޝިންޓަންގައި މީހުން މެރުމާއި ވައްކަން ކުރުމާއި ރޭޕްކުރުންފަދަ ބޮޑެތި ޖަރީމާތައް ހިންގާ މިންވަރު މިފަހަކަށް އައިސްވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ.

ވޮޝިންޓަންފަދަ އެމެރިކާގެ ސްޓޭޓްތަކުގެ ލޯކަލް ސަރުކާރަށް އޮންނަ ބާރުތައް ފެޑްރަލް ސަރުކާރަށް ނެގުމަކީ ގާނޫނާ ޚިލާފު ކަމެއްކަމަށްވަނީ ބެލެވިފައެވެ. އެއީ ލޯކަލް ސަރުކާރަށް ބާރުތައް ދީފައިވަނީ ގާނޫނަކުން ކަމަށްވާތީއެވެ.

ނަމަވެސް މިދިޔަ ޖޫން މަހުވެސް ޓްރަމްޕް ވަނީ މިފަދަ ކަމެއް ކުރައްވާފައެވެ. އެއީ ކެލިފޯނިޔާ ސްޓޭޓުގެ ލޯކަލް ސަރުކާރަށް އޮތް ބާރުތައް ފެޑްރަލް ސަރުކާރުގެ ދަށަށް ގެންނެވުމެވެ.

ކެލިފޯނިޔާގެ ގަވަރުނަރު، ގާވިން ނިއުސަމްގެ ހުއްދަ އަކާނުލައި ޓްރަމްޕް ވަނީ ލޮސް އެންޖެލިސްއަށް ނޭޝަނަލް ގާޑުގެ އެތައް ސަތޭކަ ސިފައިން ފޮނުއްވާފައެވެ. ޓްރަމްޕްގެ އެ ނިންމެވުމަކީ ގާނޫނާ ޚިލާފު ނިންމުމެއް ކަމަށް ކަނޑައަޅައި ދިނުމަށް އެ މައްސަލަ ކެލިފޯނިޔާގެ ސަރުކާރުންވަނީ ކޯޓަށް ހުށަހަޅާފައެވެ.

ފިލިޕީންސްގައި ޑްރަގް ނަގާ މީހުންގެ އުނދަނގޫ އިންތިހާއަށް ބޮޑުވެ އެމީހުންގެ ސަބަބުން ފިލިޕީންސްގެ ރައްޔިތުންނަށް ރައްކާތެރިކަމާއެކު ދިރިނޫޅެވޭވަރު ވުމުން ފިލިޕީންސްގެ ކުރީގެ ރައީސް ޑުޓާޓޭ އެގައުމުގެ މަގުތަކަށް ސިފައިން ނެރެ ޑްރަގް ނަގާމީހުންނާއި އޭގެ ވިޔަފާރި ކުރާމީހުންނާ ދެކޮޅަށް ބާރުގެ ބޭނުންކުރަން ފެށުމުން އެކަން ކޮށްގެންނުވާނެކަމަށް ބުނެ އެކަން ހުއްޓާލަން ފިލިޕީންސަށް ފިއްތުންތައްކުރިމަތި ކުރި ގައުމަކީ އެމެރިކާއެވެ.

ޑުޓާޓޭގެ ވެރިކަން ނިމުމަކަށް އައުމުން އެ މައްސަލާގައި ޑުޓާޓޭގެ މައްޗަށް ބައިނަލްއަގްވާމީ ޖިނާއީ ކޯޓަށް މައްސަލަ ހުށަހެޅުމުން އެ ކޯޓުންވަނީ އޭނާ ހައްޔަރު ކުރުމުގެ އަމުރު ނެރެފައެވެ. އަދި ޕިލިޕީންސްގެ މިހާރުގެ ސަކާރުން ޑުޓާޑޭ ހައްޔަރު ކުރުމަށްފަހު އޭނާވަނީ ބައިނަލްއަގްވާމީ ޖިނާއީ ކޯޓާ ހަވާލުކޮށްފައެވެ.