މަޝްހޫރު ތެލުގޫ އެކްޓަރު ޕްރަބާސް ޑަބަލް ރޯލް ކުޅެފައިވާ ހޮރޯ ކޮމެޑީ ފިލްމު "ދަ ރާޖާ ސާބް"ގެ ދެވަނަ ބައެއް އުފެއްދުމަށް ނިންމާފައިވާކަން އެ ފިލްމު ގެނެސްދޭ ޕްރޮޑަކްޝަން ކުންފުނިން ހާމަކޮށްފިއެވެ.

މި އަހަރުގެ ޑިސެމްބަރު މަހު ސިނަމާތަކަށް ގެންނަ ފިލްމު "ދަ ރާޖާ ސާބް" ގެނެސްދޭން ނިންމާފައި ވަނީ ސީކުއަލްއެއް ގޮތަށް ނޫންކަމަށާއި ނަމަވެސް ފްރެންޗައިސްއެއް ގޮތަށް ކަމަށް ފިލްމުގެ ޕްރޮޑިއުސަރު ވިޝްވާ ޕްރަސާދުއާ ހަވާލާދީ މީޑިއާތަކުން ބުނެއެވެ.

ހަމައެއާއެކު ކޮންމެ ސިލްސިލާއަކުން ވެސް މުޅިން ތަފާތު އާ ވާހަކައެއް ގެނެސްދޭން ނިންމާފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ.
މިހާރު ޝޫޓިންގް ކުރިއަށްދާ ފިލްމު "ދަ ރާޖާ ސާބް"ގެ މަސައްކަތް މި އަހަރުގެ އޮކްޓޯބަރު މަސް ނިމެންވާއިރު އެއްކޮށް ނިންމާލެވޭނެ ކަމަށް ފިލްމުގެ ޕްރޮޑިއުސަރާ ހަވާލާދީ ރިޕޯޓުތައް ބުނެއެވެ.

'ދަ ރާޖާ ސާބް'ގެ މަންޒަރެއްގައި އެކްޓަރު ޕްރަބާސް--ފޮޓޯ/އިންޑިއާފޯރަމް

ސައުތު ސިނަމާގެ ޑައިރެކްޓަރު މަރޫތީގެ "ދަ ރާޖާ ސާބް" އަކީ މަރޫތީގެ އަމިއްލަ ވާހަކައެއްގެ މައްޗަށް ލިޔެ އުފައްދާ ފިލްމެކެވެ. ޕްރަބާސްގެ އިތުރުން މި ފިލްމުގެ ކާސްޓުންގެ ތެރޭ ހިމެނެނީ މަލްވިކާ މޯހަނަން، ނިދީ އަގަރުވާލު، ސަންޖޭ ދަތު، ރިދީ ކުމާރު، މުރާލީ ޝަރުމާ، އަނޫޕަމް ހޭރު، ޒަރީނާ ވައްހާބު، ޖިއްޝޫ ސެންގުޕްތާ، ވަރަލަކްޝްމީ ސަރަތުކުމާރުގެ އިތުރުން ޔޯގީ ބާބޫއެވެ. މީގެއިތުރުން މި ފިލްމުގެ ވަރަށް ހާއްސަ ލަވަޔަކުން ބަތަލާ ނަޔަންތާރާ ވެސް ފެންނާނެއެވެ.

ޑައިރެކްޓަރު އެސްއެސް ރާޖާމޮލީ ގެނެސްދިން "ބާހޫބަލީ"ގެ ދެ ފިލްމުން ބޮޑު މަގުބޫލުކަމެއް ލިބުނު ސައުތު އެކްޓަރު ޕްރަބާސް އެންމެ ފަހުން ބެލުންތެރިންނަށް ފެނިފައި ވަނީ ޑައިރެކްޓަރު ނާގް އަޝްވިން މިދިޔަ އަހަރު ގެނެސްދިން ފިލްމު "ކަލްކީ: 2898 އޭޑީ"އިންނެވެ.

ޕްރަބާސްގެ ކުރިއަށްހުރި ފިލްމުތަކުގެތެރޭ ޑައިރެކްޓަރު ސަންދީޕް ރެޑީގެ "ސްޕިރިޓް"، ފިލްމު "ކަލްކީ"ގެ ދެވަނަ ބައި، 2023ވަނަ އަހަރު ގެނެސްދިން "ސަލާރު"ގެ ސީކުއަލްގެ އިތުރުން ފިލްމު "ފައުޖީ" ހިމެނެއެވެ.