ސްޓާ ޕްލަސްއިން ގެނެސްދިން މަޝްހޫރު ޓީވީ ޑްރާމާ ސީރީސް "ކަސައުޓީ ޒިންދަގީ ކޭ"ގެ ބަތަލާ ޝްވެތާ ތިވާރީ މަތިން ހަނދާން އެބަހުރިހެއްޔެވެ.

ބެލުންތެރިންގެ ބޮޑު މަގުބޫލުކަމެއް ހޯދި އެ ސިލްސިލާއަށްފަހު ޝްވެތާއަށް ގިނަ ބައެއްގެ ސަމާލުކަން ލިބުނުއިރު އޭގެ ފަހުން ބަތަލާ ކުޅުނު ޑްރާމާ ސީރީސްތަކަށް މާބޮޑު ތަރުހީބެއް ލިބިފައެއް ނުވެއެވެ.

ނަމަވެސް ޝްވެތާގެ ރީތިކަމާއި އުމުރަށްވުރެ ޒުވާންކޮށް ހުންނާތީ އެ ވާހަކަ އެއީ އަބަދުވެސް ގިނަ ބައެއްގެ މެދުގައި ދެކެވޭ ވާހަކައެކެވެ. ޝްވެތާގެ ސޯޝަލް މީޑިއާ އެކައުންޓްތައް ބަލާލުމުން ވެސް އެކަން ވަރަށް ރަނގަޅަށް ދޭހަވެއެވެ.

އުމުރުން 44 އަހަރުގެ ޝްވެތާ އަކީ 40ގެ އަހަރުތައް ގުނަމުން އަންނަ މީހަކާ އަޅައިބަލާއިރު ދުޅަހެޔޮ ސިއްހަތެއްގައި ވަރަށް 'ފިޓު'ކޮށް ހުންނަ ބަތަލާއެއްކަމަށް ގިނަ ބަޔަކު ބުނެއެވެ. އިންޑިއާގެ މަޝްހޫރު ކޮމީޑިއަން ބާތީ ސިންގްގެ ދެމަފިރިން ގެނެސްދެމުން އަންނަ ޕޮޑްކާސްޓް ޝޯގައި ޝްވެތާ ވަނީ ދުޅަހެޔޮކަންމަތީ ހުރުމަށް ބަތަލާ އާދަވެގެން ކުރަމުން އަންނަ ކަންކަން ބެލުންތެރިންނާ ހިއްސާކޮށްފައެވެ.

ޝްވެތާ ތިވާރީގެ ކުރީގެ ދެ ކައިވެންޏަށް ލިބުނު ދެ ކުދިންނާ އެކު. ޝްވެތާގެ ދެ ކުދިންގެ ތެރެއިން ދޮށީ ދަރިފުޅު ޕަލަކް ތިވާރީ ވަނީ ދާދިފަހުން ފިލްމު އިންޑަސްޓްރީއާ ގުޅިފައި--ފޮޓޯ/ހިންދުންސްތާންޓައިމްސް

ޝްވެތާ ދުޅަހެޔޮކަންމަތީ ދެމިހުރުމުގެ އެންމެ ބޮޑު އެއް ސިއްރަކީ ހާއްސަ ޑައިޓް ތާވަލަކާ އެކު ގަވައިދުން ކަސްރަތު ކުރުމަށް ސަމާލުކަންދިނުން ކަމަށް ބަތަލާ ވަނީ ބުނެފައެވެ.

އޭގެއިތުރުން ޝްވެތާ އަކީ އަބަދުވެސް ގަވައިދުން ހިނގަން ދާ މީހެއް ކަމަށާއި ކަސްރަތު ކުރުމުގެ އިތުރުން އެންމެ އިސްކަމެއްދޭ ކަމަކީ ކޮންމެ ދުވަހަކު ވެސް ވަކި ވަގުތެއް ހިނގާލަން ހާއްސަ ކުރުން ކަމަށް ބަތަލާ ވަނީ ބުނެފައެވެ.

ޢުމުރުން ދުވަސްވާ ވަރަކަށް ކަސްރަތު ކުރުމަށް ހާއްސަ ސަމާލުކަމެއްދޭ ކަމަށް އޭނާ ބުންޏެވެ. އެގޮތުން ދާދިފަހުން ބަތަލާ ވަނީ ވެއިޓް ޓްރެއިނިންގް ޕްރޮގްރާމެއްގައި ބައިވެރިވެފައި ކަމަށާއި އެއީ ދުޅަހެޔޮކަންމަތީ ހުންނަން ބޭނުންނަމަ ކުރުން ވަރަށް މުހިއްމު ކަމެއް ކަމަށް ޝްވެތާ ވަނީ ބުނެފައެވެ.

ހާއްސަކޮށް އުމުރުން 40 އަށްވުރެ މަތީ އަންހެނުންނަށް 'ވެއިޓް ޓްރެއިނިން' ޕްރޮގްރާމްގެ ސަބަބުން ގައިގައި ރިއްސާ ރިއްސުމަށް ހައްލެއް ލިބޭނެ ކަމަށާއި ހަފްތާއަކު ތިން ދުވަހު އެފަދަ ކަސްރަތެއް ކޮށްލުމަކީ ވަރަށް މުހިއްމު ކަމެއް ކަމަށް ބަތަލާ ވަނީ ބުނެފައެވެ.

މިއީ ޝްވެތާ އަމިއްލައަށް ދައްކާ ވާހަކަ ނޫން ކަމަށާއި ކަމުގެ މާހިރުންނާ އެކު ޝްވެތާ ވެސް މަޝްވަރާތަކެއް ކުރުމަށްފަހު އަމަލުކުރަން ފެށި ކަންކަމުގެ ވާހަކަ ކަމަށް ބަތަލާ ވަނީ ބުނެފައެވެ.

ޝްވޭތާގެ ނިއުޓްރިޝަނިސްޓާ ހަވާލާދީ ޝޯގެ ހޯސްޓު ބާތީ ބުނެފައި ވަނީ ޝްވެތާ އަކީ އެ ދުވަހަކު ތައްޔާރުކުރާ ކެއުންތައް ވެސް ވަރަށް ފަރުވާތެރިކަމާ އެކު ތައްޔާރުކުރާ ފަރާތެއް ކަމަށެވެ.

ފިލްމު ޝޫޓިންތަކުގައި އުޅެމުން ވެސް ސިއްހަތަށް ފައިދާހުރި ކެއުންތައް ތައްޔާރު ކުރުމަށް ބަތަލާ ހާއްސަ ސަމާލުކަމެއްދޭއިރު މައިގަނޑު ގޮތެއްގައި ޝްވެތާގެ ކެއުމުގައި ހިމެނެނީ މޭވާ އާއި ތާޒާ ތަރުކާރީގެ ބާވަތްތައް ކަމަށް ބާތީ ވަނީ ބުނެފައެވެ.

މިދިޔަ އަހަރު ވެބް ސީރީސް "އިންޑިއަން ޕޮލިސް ފޯސް"ގެ ރޯލަކުން ފެނުނު ބަތަލާ އެންމެފަހުން ފެނިފައި ވަނީ ޑައިރެކްޓަރު ރޯހިތު ޝެޓީގެ ފިލްމު "ސިންގްހަމް އަގެއިން"ގެ ރޯލަކުންނެވެ.