07 Aug 2012, 19:23
ކީރިތި ޤުރްއާނުގައި، އެތައް ތަނެއްގައި ވަނީ ޞާލިޙު ޢަމަލުތައް ކުރުމަށް އަމުރު ކުރައްވައިފައެވެ. މިސާލެއްގެ ގޮތުން ސޫރަތުއް ނަޙްލު ނުވަދިހަ ހަތްވަނަ އާޔަތުގައި އަމުރު ކުރައްވައިފައި ވެއެވެ. "މުއުމިނަކު ކަމުގައިވާ ޙާލު ފިރިހެނުންގެ ތެރެއިން ވިޔަސް، ނުވަތަ އަންހެނުންގެ ތެރެއިން ވިޔަސް ޞާލިޙު ޢަމަލެއް ކޮށްފި މީހާ (ދަންނާށެވެ.) ފަހެ، ހަމަ ކަށަވަރުން، އެމީހަކަށް، ރަނގަޅު ބާއްޖަވެރި ދިރިއުޅުމެއް ތިމަންރަސްކަލާނގެ ދެއްވާހުށީމެވެ. އަދި ހަމަ ކަށަވަރުން އެއުރެން ޢަމަލުކޮށް އުޅުނު އެންމެ ހެޔޮ ގޮތުގެ ދަރުމައިން، އެއުރެންނަށް ތިމަންރަސްކަލާނގެ ޖަޒާ ދެއްވާހުށީމެވެ."
ޞާލިޙު މި ބަހުގެ މާނަތަކަށް ބަލާއިރު ހެޔޮ، ސީދާ، ރަނގަޅު މިފަދަ މާނަތައް ހިމެނެއެވެ. މީހާގެ ކިބައިގައި ހުންނަ ކަމެއް ރަނގަޅަށް ކުރުމުގެ ޤާބިލިއްޔަތަށް ވެސް ޞާލިޙު މިބަސް ބޭނުންކުރެވެއެވެ. ޞާލިޙުކަމަކީ ފާސިދުކަމުގެ އިދިކޮޅެވެ. ނުރަނގަޅު ކޮންމެ ކަމަކީ ފާސިދު ކަމެކެވެ. ޞައްޙަ، ރަނގަޅު ކޮންމެ ކަމަކީ ޞާލިޙު ޢަމަލެކެވެ.
އިންސާނީ ޙަޔާތުގެ ކޮންމެ މުޢާމަލާއަކާވެސް ޞާލިޙުކަމާ ގުޅެއެވެ. އިސްލާމްދީން އިރްޝާދު ދެނީ އިންސާނާ މިދުނިޔޭގައި އެހެން މީހުނާއެކު ދިރިއުޅޭއިރު އޭނާގެ ކޮންމެ މުޢާމަލާއަކީ ޞާލިޙު ޢަމަލެއް ކަމުގައި ވާގޮތަށް ދިރިއުޅުމަށެވެ. ގޭތެރޭގައިވެސް ބޭރުތެރޭގައިވެސް އޭނާގެ އެއްވެސް ކަމެއް ޞާލިޙުކަމުގެ މިންގަނޑުން ކައްސައިލިޔަ ނުދިނުމަށެވެ. މިމޭރުމުން ބަލާއިރު އިސްލާމީ މުޅި ޝަރީޢަތަކީ ޞާލިޙު ޢަމަލުތަކުގެ ޝަރީޢަތެކެވެ. އިސްލާމީ ޝަރީޢަތުގެ ހުރިހާ ޙުކުމްތަކެއްގެ މަޤްޞަދަކީ ޞާލިޙުކަމުގެ ނުވަތަ ފާސިދުކަމުގެ ގޮތުން އެކަމެއް އޮތްގޮތް ބަޔާން ކޮށްދިނުމެވެ.
މިސާލެއްގެ ގޮތުން ތެދު ބުނުމަކީ ޞާލިޙު ބަހެއް ބުނުމެވެ. ދޮގު ހެދުމަކީ ޞާލިޙުކަމުގެ އިދިކޮޅު ބަހެއް ބުނުމެވެ. ފާސިދުކަމެއް ކުރުމެވެ. އިންޞާފު ޤާއިމުކުރުމަކީ ޞާލިޙު ޢަމަލެކެވެ. އަނިޔާވެރިވުމަކީ ފާސިދު ޢަމަލެކެވެ. ލޯތްބަކީ ޞާލިޙު ސިފައެކެވެ. ނަފުރަތަކީ ފާސިދު ސިފައެކެވެ. އަމާންކަމަކީ ޞާލިޙު ޙާލަތެކެވެ. އަމާންކަމެއް ނެތުމަކީ ފާސިދު ޙާލަތެކެވެ. ހެޔޮއެދުމަކީ ޞާލިޙު ޖަޒުބާތެކެވެ. ހިތްނުބައިކަމާއި ނުބަޔަށް އެދުމަކީ ފާސިދު ޖަޒުބާތެކެވެ. އަމާނާތްތެރިވުމަކީ ޞާލިޙު ޢަމަލެކެވެ. ޚިޔާނާތްތެރިވުމަކީ ފާސިދު ޢަމަލެކެވެ. ޙައްޤުތައް އަދާކުރުމަކީ ޞާލިޙު ކަމެކެވެ. ޙައްޤުތަކަށް އަރައިގަނެ ނައްތައިލުމަކީ ފާސިދު ކަމެކެވެ.
އަރަހުށި މާތްﷲ ގެ ޙަޟުރަތުގައި ލޮބުވެތިވެގެން ވަނީ ޞާލިޙު ޢަމަލުތަކެވެ. އެފަދަ ޢަމަލުތަކުގެ އަހުލުވެރީންނަށް މާތްﷲ ގެ ޙަޟުރަތުގައި ވަނީ ރުހިވޮޑިގަތުމާއި އަގުބޮޑު އިނާމުތަކެވެ. ފާސިދު ޢަމަލުތަކަކީ މާތްﷲ ގެ ޙަޟުރަތުގައި މަޤްބޫލުވެގެންވާ ކަންތައްތަކެއް ނޫނެވެ. އެކަލާނގެ އަޖުރު ޙައްޤުވާ ކަންކަމެއް ނޫނެވެ. މިދުނިޔޭގައި މުޑުވައްކުރުމުން ހެޔޮކަމުގެ ގަސްފަޅަނީ ޞާލިޙު އޮށުންނެވެ. އެފަދަ އޮށުން ފަޅާ ގަސްތައް ތާޒާކަމާއި އާރޯކަމާއެކު ހެދިފޯދެއެވެ. މަލާއި މޭވާ އަޅައެވެ. މިގޮތުން ބަލާއިރު މިދުނިޔޭގައި ތަރައްޤީގެ ޙަޤީޤީ ބޮންތި އަތުވާނީ ޞާލިޙު އިންސާނުންނަށެވެ. ޞާލިޙު ނޫން މީހުންނަކަށެއް މިދުނިޔޭގައިވެސް އެއްވެސް ކަހަލަ ޙަޤީޤީ ކުރިއެރުމެއް ނުވަތަ ތަރައްޤީއެއްގެ ނަޞީބެއް ނުވެއެވެ.