ރާއްޖޭގެ ގައުމީ ތާރީޚް ދުށް އެންމެ ބޮޑު މިނިވަންކަމާއި އެންމެ ގިނަ ހައްގުތައް ކަށަވަރުކޮށްދިން ގާނޫނުއަސާސީ ތަންފީޒު ކުރުމުގެ މުހިންމު ބުރަ މަސްއޫލިއްޔަތު ރައީސް ނަޝީދުގެ އޯގާތެރި ސަރުކާރުގެ ކޮނޑުގައި އެޅުނު ހިނދަކީ ރާއްޖެ އިގްތިސާދީ ގޮތުން ޚާއްސަ ހާލަތަކަށް ގޮސްފައިވީ ވަގުތެކެވެ. ހާލަތު ޚާއްސަވީ އިގުތިސާދީގޮތުން ދަތި ބޮޑުވެގެންނެވެ. މި ދަތިތަކާ ގުޅިގެން އެޅުނު އެންމެ މުހިންމު ފިޔަވަޅަކަށްވީ ސިވިލް ސަރވިސްގެ މުވައްޒަފުންގެ މުސާރަ ކުޑަކުރުމެވެ. މިއީ ޅަފަތުގައި އޮތް ސަރުކާރެއް މައިތަނޑުން ގުޑުވާލި މައްސަލަ އަކަށް ވިއެވެ. މިކަމާ ގުޅިފައިވާ ކަންކަމުގައި މުޅި ސަރުކާރު އަވަދިނެތިވިއެވެ. އެކި ދިމަދިމާއިން ހައްގުންނާއި ނުހައްގުން ސަރުކާރަށް ފާޑުކިޔައި އެއްޗެހިގޮވަން ފެށިއެވެ.


ސަރުކާރަށް އެއްޗެހި ގޮވަން ފެށިމީހުންގެ ތެރެއިން ފެންނަން ހުރި ރޫހެއް ފާހަގަކުރެވެއެވެ. އެމީހުންގެ ބަހުރުވައިގައި ޚާއްސަ އުސްލޫބެއް ހުއްޓެވެ. އެމީހުންގެ އަނގައިގައި ޚާއްސަ ވަހެއް ހުއްޓެވެ. އެއީ އިސްލާހީ ހަރަކާތޭ މިކިޔާ ކަންތައް ގަނޑުގައި އޭގެ އިސްމީހުން ބޭނުންކުރި ބަހުރުވައެވެ. އޭގެ ރޫހެވެ. އޭގެ ވަހާއި ރަހައެވެ. މި ކަންކަމުގެ މުޅި އަސްލަކީ އިންސާނީ ކަރާމާތް ނަގާލުމާއި މީހުން ދެރަކޮށްލުމާއި، އަގުވައްޓާލުމެވެ. ރާއްޖޭގައި މިރޫހުގައި ހިނގަމުން ދިޔަ ހަރަކާތްތަކަށް ހަމަ މި މޭރުމުން ރައްދުދީ ހިސާބު ނިންމަމުން ވެސް ދިޔައެވެ.


ދެބަސް ވުމުގައި ގިނަ ބަޔަކު ބިޒީވެފައި ތިބިއިރު ގާނޫނުއަސާސީގައި ބުނާ އިންތިގާލީ މަރުހަލާ ފަތުއަޑުކިޔާފައި ފައިބަމުން ދެއެވެ. ގާނޫނުއަސާސީއާ ޚިލާފަށް ހުރި ގާނޫނުތައް ހުރީ ހުރިގޮތަށެވެ. އަސާސީ ޚިދުމަތް ދިނުމަށާއި ސަރުކާރުގެ ވައުދު ފުއްދުމަށް ހަދަންޖެހޭ ގާނޫނުތައް ހުރީ ބެލެނިވެރިއަކު ނެތިފައެވެ. އިންތިގާލީ މަރުހަލާގައި ކުރަންޖެހޭ ބައެއް ކަންކަން ހުރީ ހުރިގޮތަށެވެ. މި މަސައްކަތާ އަޅާނުލެވި ސިޔާސީ އިން ދިޔައީ ގަދަބައްޔަށް ހިފަމުންނެވެ. އިދިކޮޅު ފަރާތްތަކުން ސަރުކާރުގެ ދެއަތް ބަނުމުގެ ގާނޫނީ މަސައްކަތުގައި ރޭދުވާ ވޭތުކުރަމުން ދިޔައީ ސަރުކާރު ހައްދުފަހަނަޅައިފި ކަމުގައި ބުނަމުންނެވެ. ސަރުކާރުން ނުރުހުން ފާޅުކުރަމުން ދިޔައީ އެމީހުންގެ ރިޔާސީ ވައުދު ފުއްދުމަށް ހުރަސްއަޅާކަމަށް ބުނަމުންނެވެ. މި ސިލްސިލާއަށް އެންމެ ފަހުން އިތުރުވި ބޮޅަކީ އިދިކޮޅު ޕާޓީތަކެއް ގުޅިގެން ސަރުކާރާ ދެކޮޅަށް ފާޅުގައި ތެދުވުމަށް ވައުދުވެ އިގުރާރުވެ އެކަން އިއުލާން ކުރުމެވެ. މިއީ މުޅި މަސްރަހުގެ ކުލަ ބަދަލުކުރުވި ސަބަބެކެވެ.


ސިޔާސީ މަސްރަހު މަޑުމަޑުން އެކަމަކު ހަމަ ކަށަވަރުން ހޫނުވަމުން ދިލަ ގަދަވަމުން ގޮސް އެންމެ ފަހުން އިވުނު ކުއްލި ޚަބަރަކީ މުޅި ކެބިނެޓް އެއްކޮށް އިސްތިއުފާދެއްވި ޚަބަރެވެ. ދިވެހި ސިފައިންނާއި ފުލުހުންގެ އެންމެ އިސްވެރިޔާ، ދިވެހި ދައުލަތާއި ދިވެހި ސަރުކާރުގެ އެންމެ އިސްވެރިޔާ މައްސަލަ ތަހުގީގު ކުރެއްވުމަށް ކަމަރު ބެންނެވި ޚަބަރެވެ. މަޖިލިސްގެ މެންބަރުކަމުގެ މަގާމުގައި ތިއްބެވި ސިޔާސީ ދެބޭފުޅަކު ހައްޔަރު ކުރެވުނު ޚަބަރެވެ. ގައުމު ދެކެމުން އައި އިގްތިސާދީ ޚާއްސަ ހާލަތުން ނާޒުކު ހާލަތަކަށް ބަދަލުވީ މިހިސާބުންނެވެ. ގަމުތެރެއަށް މީހުން އެއްވެ ހިނގާލުން ބޭއްވުމާއި ޖަލްސާތައް ބާއްވައި އަޑުގަދަކުރުމާއި ރޭޑިޔޯ ޓީވީއިން ހަމަލަ ދިނުމާއި ބަދަލު ހިފުމާއި މިބާވަތުގެ އެތައް ކަމެއް ފެށުމާ ގުޅިގެންނެވެ.


މި ހުރިހައި ކަމަކަށް ވިސްނާއިރު ހުރިހައި ކަމެއް އުފެދުނު މައި ސަބަބު ކަމުގައިވީ އެއް ސަބަބު ސާފުކޮށް ފެންނާން އެބައޮތެވެ. އެއީ ރައީސް މައުމޫނުގެ ވެރިކަން ނިންމާލުމަށާއި އާވެރިކަމެއް ކުރުމަށް އެއްކުރެވުނު އިއްތިހާދު ސަލާމަތް ނުކުރެވުމެވެ. ރައީސް ނަޝީދުގެ ވެރިކަމަށް ތިން ހަތް ދުވަސް ނުވަނީސް އިއްތިހާދުގައި ރެނދުލައިފިއެވެ. އިއްތިހާދުގެ ބައިވެރިންނަށް އިހާނެތިކޮށް ހިތެވޭކަމުގެ ޝަކުވާތައް އަޑުއިވެން ފެށިއެވެ. ބޯކިބަލެއް ފޮތިވާހެން އިއްތިހާދު ފޮތިފޮތި ވަމުންދިޔަތަން ލޮލަށް ފެންނަން ފެށިއެވެ. ހޯމް މިނިސްޓަރު އިސްތިއުފާ ދެއްވިއެވެ. ރައީސްގެ އެޑްވައިޒަރު އިސްތިއުފާ ދެއްވިއެވެ. އެޓާނީ ޖެނެރަލް ބުރައިގެން ދިޔައެވެ. ނަމަވެސް ބޮޑުކަމެއް ނިންމުމަށާއި ބޮޑުކަމެއް ފެށުމަށް އެއްކުރެވުނު އިއްތިހާދު ސަލާމަތްކުރެއްވުމަށް ރައީސް ނަޝީދު އެޅުއްވި މާކަ ބޮޑު ފިޔަވަޅެއް ރައްޔިތުންނަށް ފެނިފައެއް ނެތެވެ. ނަމަވެސް މިކަންކަމާ މެދު އުފާ ފާޅުކޮށް ގަދަބަސް ބުނެ ގޮންޖެހުމުގެ ހަފުލާތައް ސައިހޮޓާތަކާއި ކޮފީ ޝޮޕްތަކުގައި ބޭއްވެމުން ދިޔައެވެ.


ދުރުތިބީންނަށް ފެންނަން ފެށީ ސަރުކާރުގެ ތެރެއިން "ބުރައިގެން ދިޔަ އެތިކޮޅުތައް" އެއްވަމުން ދިޔައެވެ. މަޑުމަޑުން ގުޅެމުން ދިޔަތަނެވެ. މި އެއްވުން ފޮނިކޮށްލުމަށްޓަކައި މާމުއި ތިކިތައް ޖައްސަމުން ދިޔަތަނެވެ. މި ތިކިތަކުން ފޮނިބޯން މެހިތައް އެއްވަމުން ދިޔަތަނެވެ. މެހިކާން ހޯނުތައް އަންނަން ފެށިތަނެވެ. ހޯނުކާން ނަންނުގަތި އަންނަތަނެވެ.


ސަރުކާރު ހަމަހެޔަށް އައިއިރު މި އެއްވުން މިވަނީ ފިސާރި ކަމަކަށް ވެފައެވެ. ޖަލުގައި ބަންދުކޮށްގެން ނޫނީ ނުކުރެވޭވަރުގެ ތަހުގީގަކަށް ވެފައެވެ. ރައްޔިތުންގެ މަޖިލިސްގެ ޝަރަފާއި އިއްޒަތް ބިމާ މޮޑެލި ތުހުމަތަކަށް ވެފައެވެ. މާތްވެގެންވާ ދިވެހި ދައުލަތުގެ ކީރިތި މޫރިތިކަމަށް "ބިރުހުރި" ކަމެއް ކަމަށް ވެފައެވެ.


ތަމްރީނު ނުދީ މީޑިއާގެ މަސައްތަށް ނެރުނު މީހުންގެ ރޭދުވާ ކުރުކޮށްލި ބުރައަކަށް މިކަންކަން ވިއެވެ. ރައްޔިތުމީހާ ހާސްކުރުވި ސަބަބަކަށް މިކަން ވިއެވެ. މަލިކައްޑޫ ދެމެދު އުދާސްކުރުވި މައްސަލައަކަށް މިކަން ވިއެވެ. މިކަންކަން ފުނިޖެހުނު ހާލަތަކީ ނާޒުކު ހާލަތެކޭ ބުނުމުން އެކަމާ ވިއްދައިގެން ބުނާނެ އެއްޗެއް ނެތެވެ. ކިތަންމެހައި ވެސް ނާޒުކު ހާލަތެކެވެ. އެކަމަކު އެނގޭ އެއްޗަކީ މިއީ ލޮލަށް ފެންނަމުން ކަންފަތަށް އިވެމުން އުފެދެމުން ވަރުގަދަ ވަމުން އައި ހާލަތެކެވެ. މިހާލަތު އަދާހަމައަށް އުފުލިގެން ދިޔަ މައި ސަބަބަކީ ވެރިކަން ކުރުމަށްޓަކައި އެކުލަވައިލެވުނު އިއްތިހާދު ނުދެމެހެއްޓުނު ކަމެވެ.


ނޯޓް: މިއީ ސަންއެފްއެމްގެ ސިސްޓާ މެގަޒީން، ސަންގެ 14 ޖުލައި 2010ގެ އަދަދުން ނަގާފައިވާ ލިއުމެކެވެ.