07 Aug 2012, 15:32
ރާއްޖޭގެ ގައުމީ ދިފާއީ ބާރު، އެމްއެންޑީއެފްގެ ކޯޕަރޭޓިވް ސޮސައިޓީ "ސިފްކޯ އާއި ފިނޭންސް މިނިސްޓްރީ ހިއްސާވާ ވިޔަފާރި ކުންފުންޏެއް ޓްރޭޑް މިނިސްޓްރީގައި މިއަދު ރަޖިސްޓްރީ ކޮށްފި އެވެ.
ޓްރޭޑް މިނިސްޓްރީގެ ކޮމްޕެނީ އޮފް ރެޖިސްޓްރާ އަލީ ސުޖާއު މިއަދު ވިދާޅުވީ "ސިފައިންގެ ވެލްފެއާ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑްގެ" ނަމުގައި ކުންފުންޏެއް މިއަދު ރަޖިސްޓްރީ ކޮށްފައިވާ ކަމަށާއި އެ ކުންފުނީގެ ހިއްސާދާރުންނަކީ ސިފްކޯ އާއި އަދި ފިނޭންސް މިނިސްޓްރީ ކަމަށެވެ. ސިފްކޯގެ 90 ޕަސެންޓް އެ ކުންފުނީގައި ހިއްސާވާ އިރު 10 ޕަސެންޓް ހިއްސާވަނީ ފިނޭންސް މިނިސްޓްރީން ކަމަށް ސުޖާއު ވިދާޅުވި އެވެ.
އަދި ވިދާޅުވީ އެ ކުންފުނި ރަޖިސްޓްރީ ކުރުމުގެ މަގުސަދުތަކަކީ ސިފައިންގެ ވެލްފެއާ ރަނގަޅު ކުރުމަށް ކުރަން ޖެހޭ ވިޔަފާރިތައް ކުރުމާއި ޓޫރިޒަމްގެ ދާއިރާއާ ގުޅުން ހުރި ވިޔަފާރިތައް ކުރުމާއި އިމްޕޯޓް އަދި އެކްސްޕޯޓުގެ ވިޔަފާރި ކުރުން ކަމަށެވެ.
ސިފައިންގެ ކޯޕަރޭޓިވް ސޮސައިޓީ އަކީ ސިފައިންގޭގެ ހިއްސާއަކާއި އަދި ސިފައިންގެ ތެރެއިން ފަރުދީ ހައިސިއްޔަތުން ވަކިވަކި ސިފައިން ހިއްސާވެގެން އުފައްދާފައިވާ ސޮސައިޓީއެކެވެ. އެއީ ސިފައިންގެ ގާނޫނުން ބާރުލިބިގެން އުފައްދާފައިވާ ސޮސައިޓީއެކެވެ. އެ ސޮސައިޓީގެ ފަރާތުން ރިޓެއިލް ވިޔަފާރީގައި އަންނަނީ މިހާރު ވެސް ހަރަކާތްތެރިވަމުންނެވެ.
ފިނޭންސް މިނިސްޓަރު އަބްދުﷲ ޖިހާދު މިއަދު ވިދާޅުވީ އެމްއެންޑީއެފްގެ ކޯޕަރޭޓިވް ސޮސައިޓީއާ އެކު ވިޔަފާރި ކުރާ ކުންފުންޏެއް އުފެއްދުމުގައި ގާނޫނީ އެއްވެސް ހުރަހެއް ނެތް ކަމަށާއި އެއީ ކުރެވިދާނެ ކަމެއް ކަމަށެވެ. އެކަމާ ގުޅޭގޮތުން ޖިހާދު އިތުރުއެއްޗެއް ވިދާޅެއްނުވެ އެވެ.
އެނގިފައިވާ ގޮތުގައި އެ ކުންފުނިން ވިސްނާފައި ވަނީ މައިގަނޑު ގޮތެއްގައި ޓޫރިޒަމްގެ ސިނާއަތުގައި އިންވެސްޓްކުރުމަށެވެ. އެގޮތުން ރިސޯޓުތަރައްގީ ކުރުމަށް އެ ކުންފުންޏަށް ރައްތަކެއް ދިނުމަށް ރާވާފައިވާކަން އެނގިފައިވެ އެވެ.
އެމްއެންޑީއެފްގެ ސްޕޯކްސްޕާސަން ލެފްޓިނެޓް ކާނަލް އަބްދުއްރަހީމް މިއަދު ވިދާޅުވީ އަލަށް އުފެއްދި ކުންފުންޏަކީ ސިފްކޯގެ ޗޮއިންޓް ވެންޗާ ކުންފުންޏެއް ކަމަށާއި އެ ކުންފުނިން ފުޅާ ދާއިރާއެއްގައި ރާއްޖޭގެ ވިޔަފާރީގެ ތެރެއަށް ވަނުމަށް ވިސްނާފައިވާ ކަމަށެވެ.
"ބަޖެޓުން ސިފައިންގެ ވެލްފެއާއަށް މި އިންނަނީ ވަރަށް ކުޑަ އެއްޗެއް. ކުންފުނިން ވިޔަފާރިކޮށްގެން ސިފައިންގެ ވެލްފެއާއަށް ހަރަދުކުރަން އޮންނަ ވަރު ބޮޑުކުރަން އަޅުގަނޑުމެން ވަރަށް ފުޅާ ކޮށް ވިޔަފާރީގެ ދާއިރާ އަށް ވަންނަން ވިސްނާފައި ވަނީ. އަދި ސީދާ ވަކި ދާއިރާއެއްކަން ދަންނަވާލަން ދަތި،" އަބްދުއްރަހީމް ވިދާޅުވި އެވެ.
މީގެ ކުރިންވެސް ސަރުކާރު ހިއްސާވާ ގިނަ ކުންފުނިތައް އުފައްދާފައި ވީ ނަމަވެސް އޭގެ ތެރެއިން ގިނަ ކުންފުނިތަކަށް އަހަރު ނިންމާލަން ޖެހެނީ އެއްވެސް ފައިދާއެއް ނެތި އެވެ.