ރައީސް ނަޝީދުގެ ސަރުކާރުގައި ތިލަފުށީ ކޯޕްރޭޝަންގެ މެނޭޖިން ޑިރެކްޓާގެ މަގާމުގައި ހުންނެވި މުހައްމަދު ޒާހިރު (އޯކޭ ޒާހިރު) ކޯޓް އަމުރެއްގެ ދަށުން ހައްޔަރުކޮށްފި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ ކޯޓު އަމުރެއްގެ ދަށުން މިއަދު މެންދުރު 2:30ގައި އޯކޭ ޒާހިރު ހައްޔަރު ކުރީ ބަލަމުންދާ މައްސަލައަކާ ގުޅިގެން މައުލޫމާތު ސާފުކުރުމަށް ކަމަށެވެ.

"މުހައްމަދު ޒާހިރު ހައްޔަރު ކުރީ ކޯޓު އަމުރެއްގެ ދަށުން. އޭނާ ހައްޔަރު ކުރީ މޯލްޑިވްސް ޕޮލިސް ސާވިސް އިން ބަލަމުންދާ މައްސަލައަކާ ގުޅިގެން،" ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވި އެވެ.

ކޯޓު އަމުރެއްގެ ދަށުން އޯކޭ ޒާހިރު މިއަދު ހައްޔަރު ކުރި ނަމަވެސް އޭނާ ހައްޔަރު ކުރީ ފުލުހުން ބަލަމުންދާ ކޮން މައްސަލައަކާ ގުޅިގެން ކަމެއް އަދި ނުބުނެ އެވެ. ސަން އޮންލައިނަށް އެނގިފައިވާ ގޮތުގައި އޭނާ ހައްޔަރު ކުރީ ގޭގައި ހުއްޓަ އެވެ.

ސަން އަށް އެގިފައިވާ ގޮތުގައި އޯކޭ ޒާހިރު ފުލުހުން ހައްޔަރުކޮށްފައި ވަނީ އިސްލާމިކް މިނިސްޓަރު މުހައްމަދު ޝަހީމު އަލީ ސައީދު ދަރިފުޅާ އޯކޭ ޒާހިރު ދިމާކުރާ މައްސަލައެއް ޕޮލިހަށާއި ހިއުމަންރައިޓްސް ކޮމިޝަނަށް ޝަހީމް ހުށައަޅަފައި ވުމުން އެ މައްސަލަ ތަހުގީގް ކުރުމަށެވެ.

މިނިސްޓަރު ޝަހީމު، ސަން އޮލައިނަށް މައުލޫމާތު ދެއްވަމުން މިއަދު ވިދާޅުވީ އެމްޑީޕީގެ އިސް މެންބަރު އޯކޭ ޒާހިރު ކުރިން ދިމާ ކުރަމުން ގެންދިޔައީ އެމަނިކުފާނާ ކަމަށާއި މިހާރު ދަރިންނާއި އާއިލާގެ މީހުންނާ ވެސް ދިމާކުރަމުންދާ ކަމަށެވެ. އަދި ވިދާޅުވީ އޭނަގެ ދަރިކަލުން އަބްދުﷲ މާހިލް މުހައްމަދު ޝަހީމް،9، ސްކޫލް ނިމިގެން ކާރުގައި އައިސް ގެ ކައިރިއަށް ފޭބި ވަގުތު ދަރިފުޅުގެ ކަރާމަތަށް އުނިކަން އަންނަ ފަދަ ބަސްތައް ބޭނުން ކޮށްގެން ޒާހިރު މުހާތަބުކުރި ކަމަށާއި އެ މައްސަލަ މިއަދު ފުލުހުންނަށާއި ހިއުމަން ރައިޓްސް ކޮމިޝަނަށް ވެސް ހުށަޅުއްވާފައިވާނެ ކަމަށެވެ.