ޒުވާން ފިލްމީ ތަރިން ކަމަށްވާ އަހާން ޕާންޑޭ އާއި އަނީތު ޕައްޑާ ލީޑް ރޯލް ކުޅުނު ލޯބީގެ ފިލްމު "ސައްޔާރާ"އަކީ އިންޑިއާގެ ސިނަމާގެ ތާރީޚުގައި މިހާތަނަށް އެންމެ ބޮޑު އާމްދަނީއެއް ލިބުނު ލޯބީގެ ފިލްމު ކަމަށް ޔަޝް ރާޖް ފިލްމްސްއިން ބުނެފިއެވެ.

މޯހިތު ސޫރީ ޑައިރެކްޓްކޮށް ޔަޝް ރާޖް ފިލްމްސްއިން ގެނެސްދިން މި ފިލްމަށް އާއްމުންގެ ބޮޑު ތަރުހީބެއް ލިބެމުން އަންނައިރު ފިލްމަށް ލިބުނު އާމްދަނީގެ އަދަދު 517.5 ކްރޯޑު ރުޕީސް (59 މިލިއަން އެމެރިކާ ޑޮލަރު)އަށް އަރާފައިވާ ކަމަށް ވައިއާރްއެފްއިން ވަނީ ބުނެފައެވެ.

ފިލްމު "ސައްޔާރާ"އަށް ލިބެމުން އަންނަ ކާމިޔާބީއާ ގުޅިގެން ވައިއާރްއެފްއިން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައި ވަނީ އެ ފިލްމު ވަނީ ސިނަމާއަށް ވަން ކޮންމެ މީހެއްގެ ހިތުން ހާއްސަ ޖާގައެއް ހޯދާފައި ކަމަށެވެ.

ފިލްމު "ސައްޔާރާ"ގެ ލީޑް ތަރިން ކަމަށްވާ އަހާން ޕާންޑޭ އަދި އަނީތު ޕައްޑާ އެ ފިލްމުގެ ޑައިރެކްޓަރު މޯހިތު ސޫރީއާ އެކު ފިލްމު ސެޓުގައި--ފޮޓޯ/ޕިންކްވިލާ

އެކަމަށް ޓަކައި ބެލުންތެރިންނަށް އިންތިހާއަށް ޝުކުރު އަދާކުރަމުން "ސައްޔާރާ"އަކީ އިންޑިއާގެ ސިނަމާގެ ތާރީޚުގައި އެންމެ ބޮޑު އާމްދަނީއެއް ހޯދި ލޯބީގެ ފިލްމަށް ވެފައިވާ ކަމަށް ވައިއާރްއެފްގެ މި ޕޯސްޓުގައި ވަނީ ބުނެފައެވެ.

މިދިޔަ ޖުލައި މަހުގެ 18 ވަނަ ދުވަހު ސިނަމާތަކުގައި އެޅުވި ފިލްމު "ސައްޔާރާ" އަކީ އެންމެ 45 ކްރޯޑު ރުޕީސް (ގާތްގަނޑަކަށް 5.13 މިލިއަން ޑޮލަރު)ގެ ބަޖެޓަކުން އުފެއްދި ފިލްމެކެވެ. މި ފިލްމު އުފެއްދިއިރު މިއީ ބެލުންތެރިންގެ ތަރުހީބު އެހާ ބޮޑަށް ލިބޭނެ ފިލްމެއް ކަމަށް އުއްމީދު ވެސް ނުކުރާ ކަމަށް ޑައިރެކްޓަރު މޯހިތު ސޫރީ ވަނީ ބުނެފައެވެ.

ފިލްމު "ސައްޔާރާ" ބެލުމަށްފަހު އެ ފިލްމަށް ބެލުންތެރިންގެ އިތުރުން ފިލްމު އިންޑަސްޓްރީގެ ގިނަ ބައެއްގެ ތައުރީފު އޮހެމުން އަންނައިރު ގިނަ ބަޔަކު ބުނެފައި ވަނީ ފިލްމު "ސައްޔާރާ" އަކީ ބޮޑެތި ޚަރަދުތައް ކޮށްގެން ފިލްމު އުފައްދާ ޕްރޮޑިއުސަރުންނަށް ދެވުނު ފިލާވަޅެއް ކަމަށެވެ.

ހަމައެއާއެކު ބެލުންތެރިން ބޭނުންވަނީ "ސައްޔާރާ" ފަދަ ވަރަށް ސާދާ ސީދާ ވާހަކަ ތަކުގެ މައްޗަށް ބިނާކޮށް އުފައްދާ ފިލްމުތައް ކަމަށް އާއްމުންގެ އިތުރުން ފިލްމު އިންޑަސްޓްރީގެ ތަޖުރިބާކާރު ފަރާތްތަކުން އަންނަނީ ބުނަމުންނެވެ.