ކާމިޔާބު ރީތި ފިލްމުތަކެއް ގެނެސްދީފައިވާ ފިލްމު ޑައިރެކްޓަރު ސޫރަޖު ބަރްޖަތިއާ އަލަށް އުފައްދާ އާއިލީ ފިލްމުގެ ޕްރޭމްގެ ރޯލަށް އެކްޓަރު އަޔުޝްމާން ކުރާނާ ގެންނަން ނިންމައިފިއެވެ.

އިންޑިއާގެ މުމްބާއީގައި ދިރިއުޅޭ އާއިލާއެއްގެ ވާހަކަ ގެނެސްދޭ މި 'ފެމިލީ ޑްރާމާ' ފިލްމުގެ ޝޫޓިން ކުރިއަށް ގެންދަނީ މުމްބާއީގައި ކަމަށް ޑައިރެކްޓަރު ސޫރަޖު ވަނީ ބުނެފައެވެ.

ފިލްމަށް އަޔުޝްމާން ގެނައުމާ ގުޅޭގޮތުން ވާހަކަ ދައްކަމުން ސޫރަޖު ބުނެފައި ވަނީ އަޔުޝްމާނަކީ މަސައްކަތަށް ވަރަށް ކަމޭހިތާ، ވަރަށް ފަރުވާތެރިކަމާ އެކު މަސައްކަތް ކުރާ ހުނަރުވެރި އެކްޓަރެއް ކަމަށެވެ.

ފިލްމު "ހަމް އާޕްކޭ ހޭ ކޯން" އަދި "މޭނޭ ޕިޔާރު ކިޔާ" ފަދަ ރީތި ލޯބީގެ ފިލްމުތައް ގެނެސްދިން ސޫރަޖުގެ މިފަހަރުގެ ފިލްމަކީ ވެސް ވަރަށް ބޮޑު ކާސްޓަކާ އެކު ގެނެސްދޭ ފިލްމެއް ކަމަށް ވަނީ ބުނެފައެވެ.

ސަލްމާން ޚާން ޑައިރެކްޓަރު ސޫރަޖް ބަރްޖަތިއާއާ އެކު. ސޫރަޖް އަކީ ސަލްމާން ޚާންގެ ފިލްމީ ކެރިއަރުގެ އެންމެ ކާމިޔާބު ފިލްމު ގެނެސްދިން ޑައިރެކްޓަރު-- ފޮޓޯ/ފިލްމުފެއަ

އޭނާގެ އެހެން ފިލްމުތަކުން ފެންނަ ޖާދޫ މި ފިލްމުން ވެސް ބެލުންތެރިން ތަޖުރިބާކުރާނެ ކަމަށާއި ފިލްމުގެ ވާހަކަ ހަގީގަތާ އެއްގޮތަށް ގެނެސްދިނުމަކީ އޭނާގެ އެންމެ އިސް ވާޖިބު ކަމަށް ސޫރަޖު ވަނީ ބުނެފައެވެ.

ފިލްމު "މޭނޭ ޕިޔާރު ކިޔާ" ފަދައިން ސޫރަޖުގެ ކޮންމެ ފިލްމެއް އުފައްދާއިރު ވެސް އޭނާ ވަރަށް ހާސްވާ ކަމަށާއި މި ފިލްމުގެ މަސައްކަތް ފެށުމުގެ ކުރިން ވެސް ވަރަށް ބޮޑަށް ހާސްވި ކަމަށާއި ބޮކްސް އޮފީހުގައި ފިލްމަށް ލިބޭ އާމްދަނީއަށް ވުރެ ބޮޑަށް ބެލުންތެރިންގެ ޖަޒުބާތުތައް ފިލްމާ ގުޅޭނެ ކަމާމެދު އަބަދުވެސް ކަންބޮޑުވާ ކަމަށް ކުޅަދާނަ ޑައިރެކްޓަރު ވަނީ ބުނެފައެވެ.

ސޫރަޖް މިހާތަނަށް އުފެއްދި ކޮންމެ ފިލްމަކީ ވެސް ވަރަށް ތެދުވެރިކަމާ އެކު އެ ފިލްމެއްގައި ގެނެސްދޭ ޖަޒުބާތުތަކާއި އިހުސާސްތައް ގެނެސްދޭ ޑައިރެކްޓަރެއް ކަމަށާއި އަލަށް އުފައްދާ މި ފިލްމު ވެސް އުފައްދަނީ އެ ތެދުވެރިކަމާ އެކީ ކަމަށް ވަނީ ބުނެފައެވެ.

އާއިލީ ގުޅުންތަކުގެ މައްޗަށް ބިނާކޮށް އުފައްދާ ފިލްމުތަކަކީ ބެލުންތެރިން ވަރަށް ބޮޑަށް ޖަޒުބާތީވާ ފިލްމުތަކަށް ވުމުން އެއްވެސް ކަހަލަ މަކަރުވެރި ހީލަތްތެރިކަމެއް އޭނާގެ ފިލްމުތަކުން ބެލުންތެރިން ތަޖުރިބާކުރަން ބޭނުންނުވާ ކަމަށް ސޫރަޖު ވަނީ ބުނެފައެވެ.

މިހާތަނަށް ސޫރަޖުގެ ފިލްމުތަކުން ޕްރޭމްގެ ކެރެކްޓާއިން މުޅިން ވެސް ފެނިފައި ވަނީ ބޮލީވުޑްގެ އެކްޓަރު ސަލްމާން ޚާންއެވެ. އެހެންކަމުން ސަލްމާންގެ ބަދަލުގައި އެ ކެރެކްޓާއިން އަޔުޝްމާން ގެނެސްދިނުމަކީ ވެސް ސޫރަޖް ވަރަށް ބޮޑަށް ހާސްވާ ކަމެއް ކަމަށާއި ބެލުންތެރިން އެކަން ބަލައިގަންނާނެ ކަމަށް އުއްމީދުކުރާ ކަމަށް ސޫރަޖު ވަނީ ބުނެފައެވެ.

ސޫރަޖު އެންމެފަހުން ބެލުންތެރިންނަށް ގެނެސްދިން ފިލްމަކީ 2022 ވަނަ އަހަރު ރިލީޒްކުރި ފިލްމު "އޫންޗާއީ"އެވެ.