ހދ. ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގައި މަސައްކަތްކުރާ ޑޮކްޓަރެއްގެ އަނބިމީހާ އަށް ތޫނު އެއްޗަކުން ބިރުދެއްކުމަށް ފަހު ފައިސާތަކެއް ފޭރިގެންފި އެވެ.

ކުޅުދުއްފުށީ މީހަކު ބުނީ މިދިޔަ ހޮނިހިރު ދުވަހުގެ ރޭ ދަންވަރު އެ ދެމަފިރިން އުޅޭގެޔަށް ދެ ފިރިހެނަކު ވަދެ ތޫނު އެއްޗަކުން ބިރުދެއްކުމަށް ފަހުގައި 2000ރ. ފޭރިގެން ފައިވާ ކަމަށެވެ. އަދި ވޭތުވެދިޔަ ބުރާސްފަތި ދުވަހު ވެސް އެގެއިން 3000ރ. ވަގަށް ނަގާފައިވާ ކަމަށް އޭނާ ބުންޏެވެ.

"އެނގިފައިވާ ގޮތުގައި އެވަގުތު ޑޮކްޓަރު ހުރީ ހޮސްޕިޓަލުގައި ޑިއުޓީގައި. ގޭގައި ހުރީ އޭނާގެ އަންހެނުންނާއި އެދެ މީހުންގެ ފަސް އަހަރުނުވާ ދެ ކުދިން އެކަނި،" އޭނާ ބުންޏެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް މިއަދު ވިދާޅުވީ ކުޅުދުއްފުށީން މިދިޔަ ހޮނިހިރު ދުވަހުގެ ރޭ ދަންވަރުގައި މީހަކަށް ތޫނު އެއްޗަކުން ބިރުދެއްކުމަށް ފަހު ފައިސާތަކެއް ފޭރިގަތް މައްސަލައެއް ބަލަމުންގެންދާ ކަމަށާއި އެ މައްސަލާގައި އަދި މިހާތަނަށް މީހަކު ހައްޔަރުކޮށްފައިނުވާ ކަމަށެވެ.