07 Aug 2012, 15:09
އަވައްޓެރި އިންޑިއާގައި މިމަހުގެ 22 ވަނަ ދުވަހު ފަށާ ނެހެރޫ ކަޕްގައި ރާއްޖޭގެ ފުރަތަމަ މެޗުގައި ނޭޕާލާ ދެކޮޅަށް ކުޅެން ޖެހިއްޖެ އެވެ.
އިންޑިޔާގެ ވެރިރަށް ނިއު ދިއްލީގެ ނެހެރޫ ސްޓޭޑިއަމްގައި ބާއްވާ މިމުބާރާތުގައި ރާއްޖެ ފުރަތަމަ މެޗު ކުޅޭނީ މިމަހުގެ 23 ވަނަ ދުވަހު އެވެ. އަދި ރާއްޖެ ކުޅޭ ދެ ވަނަ މެޗުގައި ބައްދަލު ކުރާނީ މުބާރާތް ބައްވާ ގައުމު ކަމަށްވާ އިންޑިޔާއާ ދެކޮޅަށެވެ. މިމެޗް ކުލޭނީ މިމަހުގެ 25 ވަނަ ދުވަހު އެވެ. އަދި ރާއްޖެ ކުޅޭ ތިން ވަނަ މެޗުގައި ސީރިއާއާ ދެކޮޅަށް ނުކުންނާނީ މިމަހުގެ 27 ވަނަ ދުވަހު އެވެ. އަދި ލީގު ބުރުގައި ރާއްޖެ ކުޅެންޖެހޭ ފަހު މެޗުގައި ބައްދަލުކުރާނީ ކެމަރޫނާ ދެކޮޅަށެވެ. މިމެޗުވެސް ކުޅޭނީ މިމަހުގެ 29 ވަނަ ދުވަހު އެވެ.
ރާއްޖެ އާއި އިންޑިއާގެ އިތުރުން ނޭޕާލާއި ކެމަރޫން އަދި ސީރިއާ ވާދަކުރާ މި މުބާރާތުގައި ލީގު ބުރެއް ކުޅުމަށް ފަހު، އެންމެ ގިނަ ޕޮއިންޓު ހޯދާ ދެޓީމެއް ފައިނަލަށް ދަތުރު ކުރާނެވެ. އަދި މިމުބާރާތުގެ ފައިނަލް މެޗް އޮންނާނީ އަންނަ މަހުގެ ދެ ވަނަ ދުވަހު އެވެ.
މިއީ މި އަހަރު ރާއްޖޭން ވާދަކުރާނެ ހަމައެކަނި ބައިނަލްއަގްވާމީ ފުޓްބޯޅަ މުބާރާތަށްވާއިރު ނެހެރޫ ކަޕަކީ އިންޑިޔާގެ ފުޓްބޯޅަ ފެޑެރޭޝަނުން އިންތިޒާމުކޮށްގެން 1982 ވަނަ އަހަރުން ފެށިގެން ބާއްވަމުން އަންނަ މުބާރާތެކެވެ.