07 Aug 2012, 14:48
ރާއްޖެ ޓީވީ ހިންގަމުން އަންނަ އިމާރާތުން ކަރަންޓް ކަނޑާލުމަށް ފަހު އެ ޓީވީ ސްޓޭޝަންގެ ކޮންޓްރޯލް ރޫމްގެ ތެރެއަށް ވަދެ އެތަނުގައި އޮންއެއާ ކުރުމަށް ބޭނުން ކުރަމުން ގެންދިޔަ ކޭބަލްތައް ރޭ ބަޔަކު ބުރި ކޮށްލި މައްސަލަ މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަނާއި މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަން (އެމްޖޭއޭ) އިން ކުށްވެރިކޮށްފި އެވެ.
ބްރޯޑްކާސްޓިން ކޮމިޝަނުން މިއަދު ނެރެފައިވާ ނޫސްބަޔާނެއްގައި ބުނެފައި ވަނީ ރާއްޖެ ޓީވީ ހިންގާ އިމާރާތަށް ބަޔަކު ވަދެ ބްރޯޑްކާސްޓްކުރުމަށް ބޭނުންކުރާ ތަކެއްޗަށް ބޮޑެތި ގެއްލުންތަކެއް ދީފައިވާތީ އެކަން އެކޮމިޝަނުން އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށާއި މިއީ ޑިމޮކްރަސީއެއްގެ މައިގަނޑު އަސާސްކަމުގައިވާ ހިޔާލުފާޅުކުރުމުގެ މިނިވަންކަމާއި ނޫސްވެރިކަމުގެ މިނިވަންކަމަށް ހުރަސްއެޅުމަށް ބަޔަކު ރާވައިގެން ހިންގި ވަރަށް ފިނޑި އެހާމެ ދަށުދަރަޖައިގެ އަމަލެއް ކަމަށް އެކޮމިޝަނުން ދެކޭ ކަމަށެވެ.
"މިފަދަ އަމަލުތައް މި ކޮމިޝަނުން ކުށްވެރިކޮށް، މިނިވަން ޑިމޮކްރެޓިކް ވެއްޓެއްގައި މީޑިއާ ހަރަކާތްތެރިވުމުގެ ފުރުސަތު ދިނުމަށް ހުރިހާ ފަރާތްތަކަށް ވެސް އިލްތިމާސްކުރަމެވެ،" ކޮމިޝަންގެ ބަޔާނުގައިވެ އެވެ.
އެމްޖޭއޭ އިން ނެރަފައިވާ ނޫސްބަޔާނުގައި ބުނެފައި ވަނީ ހިޔާލު ފާޅު ކުރުމުގެ މިނިވަން ކަމަކީ ކޮންމެ ފަރާތަތަކަށް ވެސް ގާނޫނު އަސާސީން ލިބިދީފައިވާ ހައްގަކަށްވާ އިރު އެހަގަށް ހުރަސް އެޅުމަށް އެއްވެސް ފަރާތަކުން ކުރާ އެއްވެސް ކަމަކަށް އެޖަމިއްޔާ އިން ތަރުހީބު ނުދޭނެ ކަމަށެވެ. އަދި ރާއްޖެ ޓީވީގެ ކޭބަލްތައް ބުރިކޮށްލުމަކީ ފިނޑި އަދި ދަށު ދަރަޖައިގެ އަމަލެއް ކަމަށް ވެސް ބުނެފައިވެ އެވެ. އަދި އެއަމަލް ހިނގި ފަރާތެއް ހޯދަައި އެފަރާތަކާ މެދު ފިޔަވަޅު އެޅުމަށް ވެސް އެޖަމިއްޔާގެ އިން ވަނީ ގޮވާލައިފަ އެވެ.
"ހިޔާލުފާޅުކުރުމުގެ މިނިވަންކަން ކަށަވަރުކޮށްދެނީ ތަފާތު ވިސްނުމުގެ ފިކުރަށް ފުރުސަތު ލިބޭ ގޮތަށް އޮންނަ ނިޒާމަކަށް ވާތީ މިޖަމިއްޔާ އިން ގޮވާލަނީ އެސްޓޭޝަންގެ ކޭބަލްތައް ބުރިކޮށްލި ފަރާތެއް ހޯދައި އެމީހަކަށް ހައްގު އަދަބު ދިނުމަށް،" އެމްޖޭއޭގެ ބަޔާނުގައިވެ އެވެ.
ރާއްޖެޓީވީގެ ތެރެއަށް ބަޔަކު ވަދެ އެޗެނަލް އޮންއެއާ ކުރުމަށް ބޭނުންކުރާ ކޭބަލް ބޭނުން ނުކުރެވޭ ވަރަށް ބުރިކޮށްލާފައިވާ ކަމަށާއި އެކަންތައް ބަޔަކު ކޮށްފައި ވަނީ އެ ޓީވީ ސްޓޭޝަން ހުންނަ އިމާރާތުގެ ތެރެއަށް ބަޔަކު ވަދެ އެތަނުގެ ލިފްޓްގެ ކަރަންޓް ކަނޑާލުމަށް ފަހު އެ ޓީވީ ހުންނަ އެ އިމާރާތުގެ ދެވަނަ ބުރީގެ ކަރަންޓް ކަނޑާލައިގެންނެވެ. ރާއްޖެ ޓީވީ އޮފީސް ހުންނަނީ އިލެކްޓްރޯނިކް ސިސްޓަމް ހަރުކޮށްފައި ކަމަށްވާތީ ކަރަންޓް ދިއުމުން އޮޓޯ އިން ހުރިހާ ދޮރުތައް ހުޅުވޭ ކަމަށް ވެސް އެޓީވީގެ އޮފިޝަލަކު ވަނީ ވިދާޅުވެފަ އެވެ.
އެމްބީސީގެ ބަޔާނުގައި ބުނެފައި ވަނީ ރާއްޖެ ޓީވީއަށް ދިން އެހަމަލާގެ ތަހުގީގު އަވަސްކޮށް އެކަމުގައި ޒިންމާވާ ފަރާތްތައް ޝަރީއަތުގެ ކުރިމައްޗަށް ގެނެސްދިއުމަށާއި ރާއްޖެ ޓީވީ އަށް އެއްބާރުލުން ނުދިނުމަށް ފުލުހުން ނިންމައިފައިވާ ނިންމުން އަނބުރާ ގެންދިއުމަށް އެކޮމިޝަނުން މިއަދު ފުލުހުންގެ ކިބައިން އެދިފައިވާ ކަމަށެވެ. އަދި މީޑިއާގެ އެހެން ފަރާތްތަކެކޭ އެއް އުސޫލަކުން ރާއްޖެ ޓީވީއާ މެދު ވެސް އަމަލު ކުރުމަށް އެކޮމިޝަނުން ފުލުހުންނަށް އިލްތިމާސްކޮށްފައިވާ ކަމަށްވެސް އެބަޔާނުގައިވެ އެވެ.