07 Aug 2012, 14:37
ޓްރެފިކްގެ ތަފާތު މައްސަލަތަކާ ގުޅިގެން ޖޫރިމަނާގެ ގޮތުގައި ދެ މިލިއަނަށް ވުރެ ގިނަ ރުފިޔާ މީރާ އަށް ދައްކާފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.
މި އަހަރުގެ ޖެނުއަރީ މަހުން ފެށިގެން ޖޫން މަހުގެ ނިޔަލަށް ހިނގާފައިވާ ޓްރެފިކް މައްސަލަތަކާ ގުޅޭ ގޮތުން ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ފުލުހުންގެ ޓްރެފިކްގެ ހެޑް އާސިމް އަބުދުﷲ މިއަދު ވިދާޅުވީ އެ މުއްދަތުގެ ތެރޭ ތަފާތު އެކި ޓްރެފިކް މައްސަލަތަކާ ގުޅިގެން ޖޫރިމަނާގެ ގޮތުގައި 2،725،025ރ. މީރާ އަށް ދައްކާފައިވާ ކަމަށެވެ. އަދި މިހާތަނަށް 3185 މީހެއްގެ ލައިސަންސް ޓްރެފިކް ގަވާއިދާ ޚިލާފްވެގެން ހިފަހައްޓާފައިވާ ކަމަށެވެ.
އާސިމް އަދި ވިދާޅުވީ ޖެނުއަރީން ފެށިގެން ޖޫން މަހުގެ ނިޔަލަށް ޓްރެފިކްގެ 5،607 މައްސަލައެއް ރިޕޯޓުކޮށްފައިވާ އިރު، އެ މުއްދަތުގެ ތެރޭ 895 އެކްސިޑެންޓް ހިނގައިގެން ރިޕޯޓް ކޮށްފައިވާ ކަމަށެވެ. މީގެ އިތުރުން ލައިސަންސް ނެތި ދުއްވާ މައްސަލަތަކާއި އަހަރީ ފީ ނެތި ނުވަތަ މުއްދަތު ހަމަވެފައި ވަނިކޮށް ދުއްވާފައި ހުރި މައްސަލަތައް ވެސް އިތުރުކަން ފުލުހުން ފާހަގަ ކުރެ އެވެ. އަދި އެ ހަމަސް ދުވަހުގެ ތެރޭ 124 ވެހިކަލެއް ޓޯކޮށްފައިވެ އެވެ.
އާސިމް ވިދާޅުވީ ޓޯކޮށްފައިވާ ވެހިކަލްތައް ގެންދަން ޖެހޭ މުއްދަތުގައި ނުގެންގޮސްފި ނަމަ ނައްތާލެވޭނެ ގޮތަށް ހަމަޖެހިފައިވީ ނަމަވެސް އަދި މިހާތަނަށް އެއްވެސް ވެހިކަލެއް ނައްތާލާފައިނުވާނެ ކަމަށެވެ.
ވޭތުވެ ދިޔަ ތިން އަހަރާ ޚިލާފަށް މި އަހަރުގެ ރޯދަމަހު އެކްސިޑެންޓްތައް ހިނގާފައި ހުރި ވަރު އިތުރު ނަމަވެސް މީހެއްގެ ފުރާނައަށް ގެއްލުންވާ ވަރުގެ އެކްސިޑެންޓެއް ހިނގާފައިނުވާ ކަމަށް އާސިމް ވިދާޅުވި އެވެ. ނަމަވެސް ހިނގި އެކްސިޑެންޓްތަކުގެ ތެރެއިން ނުރައްކާތެރި ދެ އެކްސިޑެންޓެއް ހިނގާ ދެ މީހެއްގެ ބޯފަޅައިގެން ގޮސްފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
މި ރޯދަމަހުގެ ތެރޭ އެންމެ ގިނައިން އެކްސިޑެންޓް ހިނގާފައިވަނީ ދެ ފުރޮޅުލީ އުޅަނދާއި ހަތަރު ފުރޮޅުލީ އުޅަނދާއި ޖެހި އެވެ.
އާސިމް ވިދާޅުވީ ރަމަޟާން މަހުގެ ފުރަތަމަ ހަފްތާގައި 46 އެކްސިޑެންޓް ރިޕޯޓް ކޮށްފައިވާ އިރު، ދެ ވަނަ ހަފްތާގައި 43 އެކްސިޑެންޓެއްގެ މައްސަލަ ރިޕޯޓުކޮށްފައިވާ ކަމަށެވެ.
އާސިމް ފާހަގަ ކުރައްވާ ގޮތުގައި އެންމެ ގިނަ އެކްސިޑެންޓް ހިނގާފައި ހުރީ ބާރު ސްޕީޑްގައި ދުއްވައިގެންނާއި ހަތަރު ފުރޮޅުލީ އެއްޗެއްހީގެ ކުރިއަރަން އޯވަޓޭކް ކޮށްގެންނާއި ނުބަލާ ދޮރުހުޅުވުމާއި ކުޑަކުދިން ގޮވައިގެން ދުއްވާ އިރު ނުބަލާ ދުއްވައިގެނެވެ.
"ރައްކާތެރި ދުރުމިނެއް ނުބަހައްޓައި ދުއްވުމާއި ބާރު ސްޕީޑްގައި ދުއްވުމާއި މަގުން ދަތުރުކުރާ އުޅަނދުތަކަށް ސަމާލުކަން ނުދީ ދުއްވުމާއި މަގާވީ ފަޅިއަށް ހަތަރު ފުރޮޅުލީ އުޅަނދުން މީހުން ފޭބުމާއި ރާއްކާތެރިކަމެއް ނެތި ކުޑަކުދިންގެ ގޮވައިގެން ދުއްވުން ހިމެނޭ،" އާސިމް ވިދާޅުވި އެވެ.