ފިލްމީ ދާއިރާއަށް ތައާރަފުވި ދުވަސްވަރު ހަށިގަނޑުގެ ބަރުދަން އިތުރުވުމުން، ބައެއް އެކްޓަރުންނާ އެކު މަސައްކަތް ކުރުމަށް ބޭނުން ނަމަ ވަރަށް ބޮޑަށް ބަރުދަން ލުއިކުރުމަށް ބައެއް ފިލްމު ޕްރޮޑިއުސަރުން އެންގި ކަމަށް ބަތަލާ ވިދިޔާ ބާލަން ބުނެފިއެވެ.

ފިލްމުފެއާއަށް ދިން އިންޓަވިއުއެއްގައި ވާހަކަ ދައްކަމުން ވިދިޔާ ބުނީ އޭގެތެރޭގައި 2009 ވަނަ އަހަރު ރިލީޒްކުރި ފިލްމު "ކިސްމަތު ކަނެކްޝަން" ހިމެނޭ ކަމަށެވެ.

ޝާހިދަކީ ވިދިޔާއަށް ވުރެ އުމުރުން ދެ އަހަރު ހަގު އެކްޓަރެއް ކަމުން ވިދިޔާ ފެންނަން ވާނީ ޝާހިދަށް ވުރެ ޒުވާންކޮށް ކަމަށް ފިލްމު ގެނެސްދިން ޕްރޮޑަކްޝަންއިން ބަތަލާއަށް އެންގި ކަމަށް މި އިންޓަވިއުގައި ވަނީ ބުނެފައެވެ.

ވިދްޔާ ފިލްމު "ކިސްމަތު ކަނެކްޝަން"ގެ މަންޒަރެއްގައި އެކްޓަރު ޝާހިދު ކަޕޫރާ އެކު--ފޮޓޯ/ހިންދުންސްތާންޓައިމްސް

އެ ފިލްމަށްފަހު 2019 ވަނަ އަހަރާ ހަމައަށް ވިދިޔާއަށް ހުށަހެޅުނު ގިނަ ފިލްމުތަކުގައި ޚާއްސަ ނޯޓެއް އޮންނަ ކަމަށާއި އެއީ އޭރު ބަރުދަން ލުއިކުރުމަށް އެދިފައި އޮންނަ ނޯޓެއް ކަމަށް، ކާމިޔާބު ގިނަ ފިލްމުތަކެއް ކުޅެފައިވާ ބަތަލާ ވަނީ ބުނެފައެވެ.

އޭގެ ސަބަބުން ނަފުސާނީ ގޮތުން ވެސް ވިދިޔާ ވަރަށް ބޮޑަށް ބަލިކަށިވި ކަމަށާއި އެ ދުވަސްވަރު ބަރުދަން ލުއިކުރުމަށް މީހާ ވަރުބަލިވާ ވަރަށް މަސައްކަތް ކުރިކަމަށް ބަތަލާ ވަނީ ބުނެފައެވެ.

އެހެންނަމަވެސް ބަރުދަނަށް މާބޮޑު ބަދަލެއް ނާންނަ ކަމަށާއި ވިދިޔާގެ ޓްރެއިނާ ވެސް ހުރީ އެކަމާ ވަރަށް ބޮޑަށް ކަންބޮޑުވެފައި ކަމަށް، "ޕަރިނީތާ"އިން ފިލްމީ ދާއިރާއަށް ތައާރަފުވި ބަތަލާ ބުނެފައިވެއެވެ.

ވިދިޔާގެ ބަރުދަން އިތުރުވަނީ ހޯމޯނަލް މައްސަލައެއްގެ ސަބަބުންކަން ފަހުން އެނގުނު ކަމަށާއި އެކަން ދެނެގަނެ ފަރުވާ ހޯދުމަށް ވަގުތު ނެގި ކަމަށް ވިދިޔާ ވަނީ މި އިންޓަވިއުގައި ބުނެފައެވެ.

އޭގެފަހުން ވިދިޔާއަށް ހުށަހަޅާ ފިލްމުތަކާ އެކު ބަރުދަން ލުއިކުރަން ޑިމާންޑުކުރާ ޕްރޮޑިއުސަރުންނަށް ބަތަލާ އެންގީ ލޫޅާފަތިކޮށް ތިބޭ ފިލްމީ ތަރިންނާ އެކު އެ ފިލްމުތައް އުފެއްދުމަށެވެ. އެހެންނޫނީ ވިދިޔާގެ ބަރުދަން ލުއިކުރުމަށް ޑިމާންޑުނުކޮށް އެ ފިލްމެއް އުފައްދަން ބޭނުންނަމަ އެކަމަށް މަރުހަބާ ކިޔާ ކަމަށް ޕްރޮޑިއުސަރުންނަށް އެންގި ކަމަށް ބަތަލާ ވަނީ ބުނެފައެވެ.

ބޮލީވުޑް ފިލްމީ ތަރިންގެ ތެރެއިން ވިދިޔާ ފާހަގަކުރެވެނީ 'ބޮޑީ ޝޭމިން'އާ ދެކޮޅަށް ވަކާލާތު ކުރަމުން އަންނަ ތަރިއެއްގެ ގޮތުގައެވެ. ވިދިޔާ އެންމެފަހުން ފެނިފައި ވަނީ މިދިޔަ އަހަރު ރިލީޒްކުރި ފިލްމު "ބޫލް ބުލައްޔާ 3"އިންނެވެ.