07 Aug 2012, 14:29
ދިރާގް ދިވެހި ލީގުގެ ދެ ވަނަ ބުރުގައި ރޭ ނިއުރޭޑިއަންޓު ހޯދި ފުރިހަމަ ކާމިޔާބީއަށް ވީބީ އައްޑޫ އެފްސީގެ ހެޑް ކޯޗް ތުރުކީގެ ޖޭން ވަންލީ މަރުހަބާ ކިޔައިފި އެވެ.
ގަލޮޅު ރަސްމީ ފުޓްބޯޅަ ދަނޑުގައި ކުޅުނު މިމެޗް ނިއުއިން ކާމިޔާބު ކުރީ ވީބީއާ ދެކޮޅަށް ކުޅެ 5-1 ލަނޑުންނެވެ.
ރޭގެ މެޗަށް ފަހު ނޫސްވެރިންނާ ބައްދަލުކުރައްވާ ވާހަކަ ދައްކަމުން ވަންލީ ބުނީ، ނިއު ހޯދި ކާމިޔާބީ އަކީ އެޓީމަށް ހައްގު ކާމިޔާބެއް ކަމަށާއި އެކާމިޔާބުގައި އެޓީމްގެ ކުޅުންތެރިންނާއި މެނޭޖްމަންޓަށް މަރުހަބާ ކިޔައި ކަމަށެވެ. އަދި ރުޅިގަދަވެގެން ނިއުގެ ސަޕޯޓަރުންނާ ދިމާލަށް ރޭގެ މެޗުގެ ތެރެއިން ދާން ޖެހުނީ ނިއުގެ ސަޕޯޓަރުންގެ ތެރޭގައި އިން ގަމާރު މީހެއް ވަންލީގެ ލޮލަށާއި ވީބީގެ ގޯލްކީޕަރު ހުސައިން ހަބީބުގެ މޫނަށް ލޭޒާލައިޓް އެޅުވުމުން އެކަން ހުއްޓުވަން ކަމަށެވެ.
ފުރަތަމަ ހާފަށް ވުރެ، ދެ ވަނަ ހާފުގައި ފޯރިގަދަވި މިމެޗުގައި ވީބީގެ ކޯޗް ވަލީ ރުޅިގަދަވެގެން ނިއުގެ ސަޕޯޓަރުންނާ ދިމާލަށް ދިޔަ ވަގުތު އޭނާ ހުއްޓުވީ އެވަގުތު އެތާ ތިބި ފުލުހުންނެވެ. އަދި ވަންލީ އެދިމާލަށް ދިއުމުން ނިއުގެ ސަޕޯޓަރުންގެ ފަރާތުން ފެންފުޅިއެއް އެއްލި މަންޒަރު ފެނިފައި ވެއެވެ.
"ލޭޒާ އެޅުވުމުން އަހަރެން ވަރަށް ރުޅިއާ. އެއީ ވަރަށް ނުރައްކާތެރި ކަމެއް. އެކަހަލަ ކަންތައް ކޮށްގެން ނުވާނެ. ފުރަތަމަ ލޭޒާ އެޅުވީ އަހަރެންގެ ލޮލަށް. އެކަހަލަ ކަންތައް ދެ ވަނަ ފަހަރަށް ތަކުރާރު ނުވުމަށް އަހަރެން ބޭނުން. ލޮލަށް ލޭޒާ އެޅުވުމުން އެކަން ހުއްޓުވަން އަހަރެން އޮފިޝަލް ގާތުވެސް ބުނިން. ލޭޒާލައިޓް އެޅުވި މީހާ އަހަންނަށް ނުބައި މާނައެއް ދޭހަވާ އިޝާރާތެއް ކުރީ. ފުރަތަމަ ހާފުގައި ނިއު އަށް ލިބުނު ޕެނަލްޓީ ޖެހިއިރު ވެސް، ހަބީގެ މޫނަށް ލޭޒާ ލައިޓް އެޅުވި. އެހެންވެ އަހަރެން ވަރަށް ރުޅިއާ،"މެޗަށް ފަހު ނޫސްވެރިންނާ ވާހަކަ ދައްކަމުން ވަންލީ ބުންޏެވެ.
ވަންލީ ބުނީ، މެޗުން ބަލިވި ކަމުގައި ވިޔަސް އިދިކޮޅު ނިއުގެ ސަޕޯޓަރުންނާ މޫނު ކެޑެން ބޭނުން ނުވާކަމަށެވެ. އަދި އެންމެ ސަޕޯޓަރެއް ކުރާ ކަމެއްގެ ސަބަބުން ހުރިހާ ސަޕޯޓަރުންގެ އަގު ވެއްޓުމަކީ ދެރަ މައްސަލައެއް ކަމަށް ވެސް ރޭގެ ނިއުސްކޮންފަރެސްގައި ވަންލީ ފާގަކުރިއެވެ.
ރޭގެ މެޗަށް ފަހު ވަންލީ ވަނީ ނިއުގެ ބައެއް ސަޕޯޓަރުންނާއި އެޓީމުގެ ކުޅުންތެރިންނާ ވެސް ސަލާމް ކޮށްފައެވެ.
ރޭގެ މެޗުގައި ނިއުއަށް ގޯލްތައް ކާމިޔާބު ކޮށްދިން ކުޅުންތެރިންނަކީ މެޗުގައި ހެޓްރިކް ހެދި ކެޕްޓަން އަހުމަދު ތޯރިގް (ޓޮމް) އާއި އަލީ އަޝްފާގް (ދަގަނޑޭ) އަދި އިބްރާހިމް ފަޒީލް (އޮއްޕޮ) އެވެ. ވީބީގެ ހަމައެކަނި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ އަހުމަދު ނާޝިދު (ނާއްޓޭ) އެވެ.
ރޭގެ މެޗުން ނިއު މޮޅުވުމުން ލީގް ތާވަލްގެ އެންމެ ކުރީގައި އެޓީމް އޮތީ 33 ވަނައިގައެވެ. ނިއު މިހާތަނަށް ލީގު ކާމިޔާބު ކުރެވިފައިވަނީ އެންމެ ފަހަރަކު އެވެ. އެއީ 2006 ވަނަ އަހަރު އެވެ.