07 Aug 2012, 14:22
އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓް އިންޑިއާގެ ޖީއެމްއާރު ކުންފުންޏާ ހަވާލުކުރުމުގައި ކޮރަޕްޝަންގެ މައްސަލަތަކެއް ހިމޭނޭ ކަމަށް ތުހުމަތުކުރެވިގެން އެންޓި ކޮރަޕްޝަންސް ކޮމިޝަނުން ކުރިއަށް ގެންދާ ތަހުގީގު އަވަސް ކޮށްދިނުމަށް ސަރުކާރުން ގޮވައިލައިފި އެވެ.
ރައީސް އޮފީހުގެ ސްޕޯކްސްޕާސަން އައްބާސް އާދިލް ރިޒާ މިއަދު ވިދާޅުވީ ޖީއެމްއާރުގެ މައްސަލައާ މެދު ސަރުކާރުން ގޮތެއް ނިންމުމުގައި އެ މައްސަލައާ މެދު އޭސީސީން ކުރިއަށް ގެންދާ ތަހުގީގުގެ ރިޕޯޓަށް ބައްލަވާނެ ކަމަށާއި އެގޮތުން އެކޮމިޝަންގެ ރިޕޯޓުން ޖީއެމްއާރާ އެކު ވެފައިވާ އެއްބަސްވެފައިވާ މަރުހަލާގައި ހުރި ގާނޫނީ ކަންކަން ސާފުވެގެން ދާނެ ކަމަށެވެ. އަދި އެއަށް ފަހު ރައީސުލްޖުމްހޫރިއްޔާ އެކަމާ މެދު ގޮތެއް ނިންމަވާނެ ކަމަށް ވެސް ވިދާޅުވި އެވެ.
"މިމައްސަލައަކީ އޭސީސީ އިން ބަލަމުން ގެންދާ މައްސަލައެއް. އަދި މިއީ މިހާތަނަށް އެކޮމިޝަނުން ބަލާ އެންމެ ބޮޑު އެއް މައްސަލައިގެ ގޮތުގައި ބަލާ މައްސަލަ ކަމަށް އެކޮމިޝަންގެ ރައީސް ވަނީ ވިދާޅުވެފައި. އެހެންކަމުން ސަރުކާރުން މިކަމުގައި ކުރިއަށްދާނެ ގޮތެއް ނިންމާނީ އޭސީސީގެ ރިޕޯޓްގެ މައްޗަށް ބިނާކޮށް،" އައްބާސް ވިދާޅުވި އެވެ.
ވީޓީވީގެ ޕްރޮގްރާމެއްގައި ރޭ ވާހަކަ ދައްކަވަމުން އައްބާސް އާދިލް މިހެން ވިދާޅުވެފައިވާ އިރު ޖީއެމްއާރުގެ މައްސަލައާ މެދު ޑީއާރުޕީން ގޮތެއް ނިންމާނީ ސަރުކާރުން އެމައްސަލައާ މެދު ނިންމާ ގޮތެއް އެޕާޓީއާ ހިއްސާކުރެއްވުމުން ކަމަށް އެޕާޓީގެ ލީޑަރު އަހުމަދު ތަސްމީން އަލީ ވަނީ ވިދާޅުވެފަ އެވެ. ޖީއެމްއާރާ އެކު ކުރީގެ ސަރުކާރުން ވެފައިވާ އެއްބަސްވުމަކީ ސައްހަ އެއްބަސްވުމެއް ކަމުގައިވާ ނަމަ އެ އެއްބަސްވުމަށް އިހުތިރާން ކުރުމަށް ތަސްމީން ވަނީ އެދިވަޑައިގެންފަ އެވެ.