08 Aug 2025, 17:13
ފަލަސްތީނުގެ ޣައްޒާ ހިފުމަށް އިސްރާއިލުގެ ކެބިނެޓުން ފާސްކުރި ނިންމުން ކުށްވެރިކުރައްވައި، އެ ނިންމުން ތަންފީޒުކުރުން ހުއްޓުވަން ފިޔަވަޅުތައް އެޅުމަށް ބައިނަލްއަގުވާމީ ޖަމިއްޔާތަކަށް ރައީސް ޑރ. މުޙައްމަދު މުއިއްޒު މިއަދު ގޮވާލައްވައިފިއެވެ.
އިސްރާއިލްގެ ސަލާމަތީ ކެބިނެޓުން ވަނީ، ޣައްޒާ ފަތަހަ ކުރުމަށް އިސްރާއިލްގެ ބޮޑުވަޒީރު ބެންޖިން ނަތަންޔާހޫ ހުށަހަޅާފައިވާ ޕްލޭން ފާސްކޮށްފައެވެ.
އެކަމާ ގުޅިގެން ރައީސް މުއިއްޒު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި، ވަނީ ހަރުކަށި އިބާރާތުން އެކަން ކުށްވެރި ކުރައްވާފައެވެ. އެގޮތުން، އެއީ ބައިނަލުއަގުވާމީ އިންސާނީ ހައްގުތަކުގެ ގާނޫނުތަކާ ޚިލާފު ކަމެއް ކަމަށާއި އެކަމުގެ ސަބަބުން ފަލަސްތީނު ރައްޔިތުންގެ އަމިއްލަ މިނިވަންކަން ގެއްލޭނެ ކަމަށް އެމަނިކުފާނު ވިދާޅުވެފައިވެއެވެ.
އިސްރާއިލުގެ ނިންމުމުގެ ސަބަބުން ފަލަސްތީނުގެ ރައްޔިތުން މިހާރަށް ވުރެ ހާލުގައި ޖެހޭނެ ކަމަށާއި އެ ސަރަހައްދުގެ އަމާންކަން އިތުރަށް ގެއްލޭނެކަން ރައީސް ފާހަގަކުރެއްވިއެވެ.
ހަމައެހެންމެ، އިސްރާއިލުގެ ބާރުގެ ދަށަށް ފަލަސްތީނު ގެންދިޔުން ރާއްޖޭން ބަލައެއް ނުގަންނާނެ ކަމަށާއި އަބަދުވެސް އެ ގައުމުގެ ހައްގުގައި ދިވެހީން ވަކާލާތު ކުރާނެކަމަށް ރައީސް ވިދާޅުވިއެވެ.
ބައިނަލްއަގުވާމީ ޖަމިއްޔާތަކަށް ރައީސް ގޮވާލެއްވީ، އިސްރާއީލުން ޣައްޒާގެ ބާރު ހޯދުމަށް ނިންމާފައިވާ ނިންމުން ތަންފީޒުކުރުން ހުއްޓުވުމަށާއި އިސްރާއިލުން ހިންގަމުންދާ އަނިޔާވެރިކަން ނިމުމަކަށް ގެނައުމަށެވެ. އަދި، އިސްރާއިލުގެ އަމަލުތަކަށް އެ މީހުން ޖަވާބުދާރީ ކުރުވުމަށް ރައީސް ވަނީ ގޮވާލައްވާފައެވެ.
ރައީސްގެ އިތުރުން އިސްރާއީލްގެ އަމަލު ރާއްޖޭގެ ފޮރިން މިނިސްޓްރީން ވެސް ވަނީ ކުށްވެރިކޮށްފައެވެ.
މިނިސްޓްރީން ނެރުނު ބަޔާނުގައި ވަނީ، އިސްރާއީލުގެ ބާރުގެ ދަށަށް ޣައްޒާ ގެންދަން އުޅޭކަން އިސްރާޢިލުން ހާމަކުރުމަކީ ބައިނަލްއަޤުވާމީ ޤާނޫނާ ޚިލާފު ކަމެއް ކަމަށެވެ.
އެއާއެކު، އެކަމަކީ ފަލަސްތީނުގެ އަމިއްލަ ވެރިކަން ހިންގުމަށް އެޅޭ ހުރަހެއް ކަމަށާއި އެ ގައުމުގެ ސިޔާދަތީ ބާރަށް އަރައިގަތުން ކަމަށް ދެކޭ ކަމަށް މިނިސްޓްރީން ބުނެފައިވެއެވެ.
ސަރުކާރުން ވަނީ، މި ނިންމުން ތަންފީޒު ކުރުން ހުއްޓުވުމަށް އިސްރާއިލަށް މަޖުބޫރު ކުރުމަށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް ބައިނަލްއަގުވާމީ ޖަމިއްޔާތަކަށް ގޮވާލާފައެވެ. އަދި، ފަލަސްތީނުގެ ރައްޔިތުން މިނިވަން، ދައުލަތެއް އުފެއްދުމަށް ކުރަމުންދާ މަސައްކަތްތަކަށް ރާއްޖޭން އަބަދުވެސް ތާއީދު ކުރާނެކަން ސަރުކާރުން ފާހަގަކުރެއެވެ.
އިސްރާއިލްގެ އަމަލުތައް ރައީސާއި ދިވެހި ސަރުކާރުން ކުށްވެރިކުރިއިރު، ސަލާމަތީ ކެބިނެޓް ބައްދަލުވުމުގެ ކުރިން އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ވަނީ ހަމާސް ބަލިކޮށް އިސްރާއީލުން ޣައްޒާގެ ފުރިހަމަ އަސްކަރީ ކޮންޓްރޯލް ނަގަން ގަސްތުކުރާކަން އިއުލާން ކުރައްވާފައެވެ.
އޭގެއިތުރުން ހަނގުރާމަ ނިމުމަކަށް ގެނައުމަށް ފަސް ކަމެއްވެސް ކެބިނެޓުން ވަނީ ފާސްކޮށްފައެވެ. ހަނގުރާމަ ނިމުމަކަށް ގެނައުމަށް ހުށަހަޅާފައިވާ ފަސް ކަމަކީ ހަމާސްއިން ހަތިޔާރު ބެހެއްޓުމާއި، ހަމާސްގެ ބެލުމުދަށުގައިތިބި ހުރިހާ އަސީރުން މިނިވަން ކުރުމާއި، ޣައްޒާ ސަރަހައްދުން ހަތިޔާރު ބޭލުމާއި، އިސްރާއީލުން ޣައްޒާގެ ސަލާމަތީ ބާރު ކޮންޓްރޯލު ކުރުން އަދި ހަމާސް ނުވަތަ ފަލަސްތީނުގެ ވެރިކަމުގެ ބަދަލުގައި މަދަނީ ސަރުކާރެއް އޮތުމެވެ.