މިދިޔަ ޖޫން މަހު މާފަންނު ގެއެއްގެ ކައިރިން ބިދޭސީއެއްގެ ގަޔަށް ވަޅި ހެރި މައްސަލައެއް ޝަރީއަތަށް ފޮނުވައިފި އެވެ.

ޕްރޮސެކިއުޓާ ޖެނެރަލް އޮފީހުގެ މީޑިއާ އޮފިސަރު ހުސެއިން ނާޝިދު މިއަދު ވިދާޅުވީ ޖޫން މަހު 11 ވަނަ ދުވަހު ބިދޭސީއެއްގެ ގަޔަށް ވަޅިހެރި މައްސަލައިގައި ދައުވާ ކުރަނީ މއ. މާޖެހިވިލާ، ސިޔާން ހާދީއާއި ގދ. ގައްދޫ، ޖަންބުރޯލްގަސްދޮށުގޭ، މުހައްމަދު ޝަފީގުގެ މައްޗަށް ކަމަށެވެ.

ނާޝިދު ވިދާޅުވީ އެ މައްސަލައިގައި ކުރަނީ ދެ ދައުވާއެއް ކަމަށެވެ. އެއީ ވަޅިހެރިކަމުގެ ތުހުމަތުގައި ސިޔާންގެ މައްޗަށް ތޫނުއެއްޗަކުން މީހަކަށް ހަމަލާދިން ކަމުގެ ކުށުގެ ދައުވާ އާއި އަދި އެ ވަގުތު އެސަރަހައްދަށް ދިޔަ ފުލުހަކަށް ހަމަލާދީފައިވާކަމަށް ތުހުމަތު ކުރެވޭތީ ޝަފީގުގެ މައްޗަށް ފުލުހުންގެ ދައުރު އަދާކުރަން ހުރި މީހަކަށް ހަމަލާދިނުމުގެ ކުށުގެ ދައުވާ ކަމަށެވެ.

ތޫނުއެއްޗަކުން މީހަކަށް ހަމަލާދިނުމުގެ ކުށުގެ ދައުވާ ސިޔާންގެ މައްޗަށް ކޮށްފައި ވަނީ ބިރުދެއްކުމާއި ނުރައްކާތެރި ހަތިޔާރާއި ތޫނުއެއްޗިހި ގެންގުޅުން މަނާ ކުރުމުގެ ގާނޫނުގެ ދެވަނަ މާއްދާގެ (ނ) އާއި ހަވާލާދީ އެ މާއްދާގެ (ބ) އާއި (ޅ) ގެ ދަށުންނެވެ.

އެ ގާނޫނުގައި ބުނާގޮތުން އެފަދަ ކުށެއް ސާބިތުވެއްޖެ މީހަކު ދިގު މުއްދަތަކަށް ޖަލަށް ލެވޭނެ އެވެ.

ފުލުހަކަށް ހަމަލާދިން މައްސަލައިގައި ދައުވާކޮށްފައި ވަނީ ފުލުހުންގެ ގާނޫނުގެ 73 ވަނަ މާއްދާއާ ހަވާލާދީ އެ ގާނޫނުގެ 75 ވަނަ މާއްދާގެ ދަށުންނެވެ.

ފުލުހުންގެ ގާނޫނުގެ 75 ވަނަ މާއްދާގައި ބުނަނީ އެފަދަ ކުށެއް ސާބިތުވެއްޖެ މީހެއްގެ އަދަބަކީ 12000ރ. ވުރެ ބޮޑު ނޫން އަދަދަކުން ޖޫރިމަނާ ކުރުން ނުވަތަ ހަ މަސް ދުވަހަށް ވުރެ ދިގުނޫން މުއްދަތަކަށް ޖަލަށް ލުން ނުވަތަ 12000ރ. އަށް ވުރެ ބޮޑު ނޫން އަދަދަކުން ޖޫރިމަނާ ކުރުމާ އެކު ހަމަސް ދުވަހަށް ވުރެ ދިގުނޫން މުއްދަތަކަށް ޖަލަށް ލުމެވެ.