"އެހެން މީހުން ވިސްނާގޮތާއި ކިޔާނެ އެއްޗަކާއިމެދު ވިސްނާނެކަމެއްނެތެވެ. މީހުން ރުއްސައިގެން އުޅުމަށްވުރެ އެމީހަކަށް ކާމިޔާބު އޮތީ ހެއްދެވި ފަރާތާއި ގުޅުން އޮތްވަރެކެވެ. އެފަރާތުން އެންގެވިގޮތަށް އުޅެވޭނީ ގުރުއާނާއި ހަދީސް ކިޔާ އޭގައިވާ ގޮތަށް އަމަލުކޮށްގެންނެވެ. އޭރުން ތިބާއަށް ދެދުނިޔޭގެ ނަސީބާއި އުފާވެރިކަން މިންވަރުކުރައްވާނެއެވެ."

***

އެރޭ ފަރުޒާނާއަށް ރޭގަނޑު ތަންކޮޅެއް ހަމަޖެހިލައިގެން ހުރެ ސުފުރާ ތައްޔާރުކުރެވުނެވެ. އަޒިއެލް ތެރަޕީއަށް ދިޔުމުން ހިތަށް ހަމަޖެހުން ލިބުނެވެ. ޔޫސުފްވެސް އެކަމާއި ގުޅޭގޮތުން އިތުރު ސުވާލެއްނުކުރެއެވެ. ބަތް ހުރީ ތަންކޮޅެއް ފުއްޕާފައެވެ. އަޒިއެލްވެސް ބަތް ފުކިތައް ވަކިކޮށްލުމެއްނެތި ކާންފެށިއެވެ. އޭގެ ފަހުން އޭނަ ކުޑަދޮރުކައިރީގައި ނޯޓްފޮތް ހުޅުވާލައިގެން އިނެވެ. ކޮންމެހެން ބޯގޮވާފަދަ އީކުއޭޝަންތަކާއި އިލާހީ ސިއްރުތަކުގެ ވާހަކަތަކެއް ނޫނެވެ. ހަމައެކަނި ޅެމުގެ ބައިތުކޮޅެއް ލިޔުނެވެ.

"ތޫފާނެއް އަރައިގެން އަންނަހިދު..

ހިމޭންކަން ތިބާ ގެއަށް ގެނެސްދޭން ދޫކުރާށެވެ.

އެވަގުތު ގުގުރިވެސް އަރާމުކުރެއެވެ."

އަމްރާންއަށް އެ ސަފުހާ ފެނުމުން ހީލިނަމަވެސް އިތުރު އެއްޗެކޭ ނުބުނެ އޭނަ ގާތުގައި އިށީދެލައިގެން އިނީއެވެ.

***

ސިޓިންރޫމްގައި ރަސްކަންކުރަމުން ދިޔައީ ހިމޭންކަމެވެ. ތަނުގައި ހިފާފައިވީ ފަރުޒާނާ ގެންގުޅޭ ފިިނިފެން ވަސްދުވާ އެއާ ފްރެޝްނާގެ ލުއި ހިތަށް އަރާމުލިބޭ ބަހެވެ. އަޒިއަލް ބުނާގޮތުން އެއީވެސް ހުވަދުގެ ސިއްރު ރޭވުމެކެވެ. އޭނައަށް ފެންނަ ކޮންމެ އެއްޗަކީވެސް ކޮންމެވެސް ކަހަލަ ރޭވުމެއްގެ ބައިވެރިއެކެވެ. އަޒިއެލް ކައިގެން ކޮންމެވެސް ލަވައެއްގެ ރާގު އަޅުވައިލަމުން ސިޑިން އަރައިގެން ދިޔައިރު ތަންކޮޅެއް ތަބީއަތު ރަގަޅެވެ. އަމްރާން ފަޔާޕްލޭސް ކައިރީގައި އިށީދެ ލެޕް ހުޅުވާލައިގެން ކޮންމެވެސް މަސައްކަތެއް ފެށިތަނާހެން ޔޫސުފްވެސް ނޫސްކިޔަން ކައުޗްގައި ހަމަޖެހިލިއެވެ. އެކަމަކު ފަނަރަ މިނިޓްވީއިރުވެސް އެހެން ސަފުހާއެއް އުކާނުލައެވެ. ފުން ވިސްނުމެއްގައި އެހެން އިނީ ގެއްލިފައެވެ.

"ޢަމްރާން...ދެން ހަމަ މިހެން ކުރިއަށް ދާނީ؟"

އަމްރާން ލެޕް ލައްޕައިލަމުން ހުރިހާ ސަމާލުކަމެއް ހުސްކޮށްލީ ބައްޕައަށް ކުރާ އިހުތިރާމްގެ ބޮޑުކަމުންނެވެ."ބައްޕަ ތިބުނި އެއްޗެއް ނޭގުނު.."

"ތެރަޕީ...ސިކުނޑީގެ ޑޮކްޓަރުން...ކޮޓަރިތަކުގައި ތިބެ ބީރައްޓެހިންނާއި ހުރިހާ ވާހަކައެއް ހިއްސާކޮށްފައި އަދި ނުވީތާކަށް އެމީހުންނަށް އެކަމަށް ފައިސާދިނުން. މިއީ ރަގަޅުގޮތެއް ހެއްޔޭ މިއަހަނީ...."

"ލައްބަ.މިހާރު އެނޫންގޮތެއް ނެތް.."

ޔޫސުފް މަޑުމަޑުން އަޑެއް ލައްވައިލީ ކޮންމެހެން މަލާމާތަށްވުރެ އޮޅުން ފިލުވަން ބޭނުންވެފައިވާގޮތަކަށެވެ. ތެރަޕީގެ ބޭނުމެއް ނުވިސްނެނީއެވެ.

"ބައްޕަ އަޒިއެލްގެ އުމުރުގައި އުޅުނީ އެހެނެއްނޫން.... ދިހަގަޑިއިރުވާންދެން މަސައްކަތްކޮށްފައި ގެއަށް އަންނަނީ...ގެއަށް އަންނައިރު ވަރުބަލިވެ ނޫނީ ރުޅިގަދަވެފައި ހުރެއްޖެއްޔާ މާމަ ބުނާ އެއްޗެއް އެނގޭތަ؟ ދެ ރަކުއަތް ކޮށްފައި ފެން ތަށްޓެއް ބޯލާށޭ....އެއީ ތެރަޕީ..."

"އެެއީ ތަބީއަތަށް ހަމަޖެހުން ލިބުނުކަމަކަށް ވިތޯ؟"

ޔޫސުފް ވިސްނައިލިއެވެ."ބައްޕައަށް އުޅެވޭވަރުވި ޔަގީނުން...."

"އާޒް ސަވައިވް ނުވެއޭ ބައްޕާ..ބައެއް ދުވަހު ހަމަ ގެނބިފައި....ދެ ރަކުއަތުން އެކަނި އެ ބިޔަ ރާޅުތައް ނުހުއްޓުވޭ...ދީނުގައިވެސް ވޭ ﷲއަށް ވަކީލުކުރަންވާނީ ޖަމަލުވެސް ބަދެފައި ކަމަށް..ފަތަން ނޭގޭ މީހަކު ކަނޑަށް ފުންމާލަފާނެތަ؟"

"ބައްޕަ ހެއްދެވިފަރާތަށް ވަކީލުނުކުރާކަމަށް ދަރިފުޅު ތިބުނަނީ؟"

އަމްރާން ބޯ ހޫރައިލިއެވެ."ނޫން ބައްޕާ..އަޅުގަނޑަށް ހީވަނީ އެހެނެއްނޫން. ބައްޕަ ﷲތައާލާއަށް ވަކީލުކޮށް އިތުބާރުކުރާވަރުން ހުރިހާކަމެއް ހަމައެކަނި ފެއިތުން ފުއްދައިލަން ހިތްބާރު އަޅަނީ ނޫނީ ބައްޕަ ބިރުގަންނަނީ....ބައްޕަ ވިސްނާލަބަލަ.. ހުރިހާ ދުޢާއަކާއިއެކުވެސް ބައްޕަގެ ދަރިފުޅު ބަލިން އަރައެއްނުގަނެވޭ.......މިބުނީ ބައްޕަ ބޭނުންވަނީ ބޭހާއި ނުލާ އެކަނި ދުޢާއިން ރަގަޅުކުރަންހެން. އެކަމަކު އެންމެންގެ ދުޢާތަށް ވަގުތުން އިޖާބަވާނަމަ ދެން ދުނިޔޭގެ ނިޒާމާއި އަރައިރުންވާގޮތަށް މުޅިންވެސް މިރެކްލްސް ފެންނަން ފަށާނީ...އެކަމަކު އެހެނެއްނޫން ދުުނިޔޭގެ ކަންތައް ތަދުބީރުވެފައިއޮތީ. އިންސާނުންގެ ސިކުނޑު ނުފޯރާހާ މޮޅަށް މި ކައުނުގެ ކޮންމެ ކަމެއް އިންތިޒާމުކުރެވި ބައްޓަންވެފައިވަނީ....އަދި އެކި މީހުންނަށް އެކި ކަންތައްތަކުން އިމްތިހާނު ކުރިމަތިވާނެކަމަށް ގުރުއާނުގައި ވަހީކުރައްވާފައިވޭ....އާޒްއަކީ ބައްޕަމެންނަށް އިމްތިހާނަކަށްވެދާނެ. ކެތްތެރިކަމާއި ގުރުބާނީގެ މިސާލެއް އެބަފެނޭ...ބައްޕައަށްވެސް އެނގެއެއްނު. ޝިފާދެއްވަނީ ހަމައެކަނި ﷲ ތައާލާ..މެދުވެރިއަކަށް ޑޮކްޓަރުންވިޔަސް. ހަމައެގޮތަށް ނަފްސާނީ ބަލިމަޑުކަމަށް ޑޮކްޓަރުންނާއި ތެރަޕިސްޓުން ބޭނުންވޭ..ދުޢާވެސް ހަމަ ކުރަންވީ..."

"ބައެއްފަހަރު އަޒިއެލް އެކަނި ހުރެ ވާހަކަދައްކާފައި ހީ އެބަހަދާ...ނުނިދާ....އެހެންވެ ހިތަށް އަރަނީ ބައްޕައަށް ނާކާމިޔާބުވީއޭ..އޭނަވެސް ހިތްވަރުގަދަ ފަހުލަވާނެއްގެ ގޮތުގައި ބޮޑުނުކުރެވުނީއޭ..."

"އާޒްވެސް ވަރުގަދަ...ތަފާތީ...އެއީ ކްރޭޝްއަކަށްފަހު ތެދުވުން އަދި އަމިއްލަ އަޑުދެކެ ބިރުން އުޅޭއިރު ތެރަޕީއަށް ދިޔުން..."

"ދަރިފުޅުގެ ކޮއްކޮއަކީ އެންމެ ހިތްއަލި ކުއްޖާކަން އެނގޭތަ؟ ޓީޗަރުންވެސް ބުނާނެ އަޒިއެލްއަކީ ޚާއްސަކުއްޖެކޭ....އެހާ ރީތިކޮށް ގުރުއާން ކިޔެވި..އޭރު ހިތަށް އެރި ހަމަ އަލިކަމެކޭ ހަމަ....އެކަމަކު މިހާރު..."

"މިހާރުވެސް އެއީ އަލިކަމެއް....ބައެއްފަހަރު އަލިކަން ކަނި ޖަހާ...އަދި އުއްބައްތިފަދަ އަލިތައް ވާރެއާއި ވައިން ހިމާޔަތްކުރަން ޖެހޭ..އާޒް ދީނީ ކަންތައްތަަށް ފަރުވާ ބަހައްޓާ...އެންމެ ބަލި އިރުވެސް ނަމާދު ދޫކޮށެއްނުލާ...ނަމާދަށް ނުގޮވިޔަސް ރުޅި އަންނާނެ...."

"އެތަންތަނުން މީހުން ރަގަޅުކުރޭތަ؟ ތެރަޕީ ރޫމްތަކުން؟"

"އެމީހުން އަޑުއަހާ...އަދި ބައެއްފަހަރު ހަމަ އެއީ ޝިފާ ލިބުމުގެ ފެށުން..."

ޔޫސުފް އަތްތިލައަށް ބަލަހައްޓައިގެން އިނެވެ. މަސައްކަތްކުރުމުގެ ސަބަބުން ހަރުވެފައިވާ އަތެކެވެ. އެދެއަތުން ގެއާއި، ފަރުނީޗަރާއި ކަރަންޓު ފެނުގެ މައްސަލައެއް ޖެހުނަސް ކުޅޭ އެއްޗެއް ހަލާކުވިޔަސް މަރާމާތުކޮށްލެވެއެވެ.އެކަމަކު މަރާމާތުނުކުރެވޭ އެއްޗެއް އެބަވެއެވެ. ދަރިފުޅުގެ ސިކުނޑިއެވެ.

"ވީއިރު މިކަމާއިހެދި ރުޅި އިސްކުރަން ނުޖެހޭ؟"

"ބައްޕާ..ރުޅިއައުމަކީ މައްސަލައެއްނޫން. ބިރުގަތުންވެސް ހަމަ އޯކޭ..އެކަމަކު ލަދުގަތުން.....ދަރިފުޅު ބަލިވުމުން އެކަމާއި ލަދުގަންނާކަށް ނުވާނެ ބައްޕާ...މައްސަލައަކަށްވާނީ އާޒް ބަލި ނޫންކަމަށް ދައްކަން އުޅުން..."

"ކުރީ ހަފްތާގައި އަޒިއެލް ވަރަށް ސްޓްރޭންޖް އެއްޗެއް ބުނެލި"

"ކީކޭ ބުނީ؟"

"އެހީﷲ ތައާލާ ތިމަންނަށްއަށް އަޒާބު ދެއްވަނީހެއްޔޯ މާ ގަދަޔަށް ވިސްނާތީ....މާ މައްޗަށް އަރަން އުޅޭތީ.."

"ބައްޕަ ކިހިނެއް ޖަވާބުދިނީ؟"

"ބުނާނެ އެއްޗެއް ނޭގުނު.."

"ދެން ފަހަރަކު އާޒް ސުވާލުކޮށްފިއްޔާ ޕްލީޒް ޓެލް...ﷲ ތައާލާ އާޒްއަށް އުދަރެސްވެސް ވަނީ ދެއްވާފައި އެކަމަކު އެނބުރި އަންނަން ގެއެއްވެސް ލިބިފައިވެއޭ.."

ޔޫސުފް ގަޑިއަށް ބަލާފަައި ތެދުވުނެވެ." އޭނަ ކައިރީ ބުނާތީ އަނެއް ހަފްތާގައި އަމްރާން ބިޒީވެއްޖެއްޔާ ބައްޕަ ގެންގޮސްދޭނަމޭ އެ ތެރަޕީ ތަނަށް..އަދި ބުނާތި ފްރިޖަށް މަސްޓަޑް އޮށްތައް ނާޅާށޭ. ކިރުގައި އަސާރަ ވަސް ދުވަން ފަށައިފި.."

އަމްރާން ހިނިއައެވެ. އަޒިއެލްގެ ސިކުނޑީގެ މޮޅުކަމާއެކުގައިވެސް ކޮންމެފަދަ "މޮޔަ"ކަމެއްވެސް ކޮށްލަފާނެއެވެ. އޭނަގެ ޅެންތައް ފަދައިންނެވެ. މޮޅެތި ލަފުޒުތައް ހުންނައިރު ގުގުރި އަރާމުކުރާވާހަކަވެސް އޮންނަނީ ނޫންހެއްޔެވެ؟

***

ރޭގަނޑު ނުވައެއް ޖެހިއިރު އިރުއޮއްސި އުޑުމަތި އަނދިރިވާންފެށިއެވެ. މަޣުރިބަށްފަހު ކިޔަވަން އިނދެފައި އިޝާ ނަމާދުވެސް ކޮށްލައިގެން ގެއަށް ވަންގޮތަށް ޔޫސުފް ބޭރަށް ނުކުމެލީ އަޒިއެލްގެ ޚަބަރެއް ބަލައިލުމަށެވެ. ބަގީޗާތެރޭގައި ހުރި ބެންޗެއްގައި ދެފައިވަށްކޮށްލައިގެން އުދަރެހާއި ދިމާލަށް ބަލަހައްޓައިގެން އިންއިރު ކޮންމެވެސް ވާހަކައެއް ދައްކަމުން ދިޔައެވެ. ކިޔާ އެއްޗެއް ސާފެއްނުވެއެވެ.

"އަދިވެސް ރޭގަނޑު ހޭލާ ތިއުޅެނީ؟"

"ބައެއް ރޭ ނިދުމަކީ ރަގަޅުކަމެއްނޫން. ގިވްއަޕްކޮށްލުންކަމަށް ބުނެވޭނީ..."

ޔޫސުފް މަޑުމަޑުން ހިނގާލާފައި ގޮސް އަޒިއެލްގެ ގާތުގައި އިށީނެވެ. މުޅިތަނުގައި ހިފާފައިވީ މާތަކުގެ މީރުވަހެވެ. ހަނދު ހިނިތުންވެލައިގެން އިނެވެ.

"ބައްޕަ ކުރިން ވިސްނީ ނުބައިކޮށް..."

އަޒިއެލް އިނީ ހިމޭނުންނެވެ.

"ހިތަށް އެރީ ހިތްވަރަކީ ހިމޭންކަމޭ..ހަލާކުވަމުންދާ އެއްޗެއް އަޅާނުލާ ބަހައްޓައިފިއްޔާ އޭގެ އިޚިތިޔާރުގައި ރަގަޅުވާނެއޭ.."

"އެއީ ބައްޕަމެން ބޮޑުކޮށްފައިވާގޮތްހެން ހީވަނީ.."

"އާނ...އެކަމަކު އެގޮތަކަށްނޫން ދަރިފުޅުމެން ބޮޑުކުރަން ބޭނުންވީ.."

އޭނަ ކުޑަކޮށް އެނބުރި ބަލައިލިއެވެ. ބައްޕަގެފަރާތުން އެފަދަ ބަސްތަކަކަށް އޭނަ އުއްމީދެއްނުކުރެއެވެ." ތިބަސްތައް.....ތަންކޮޅެއް ކުރިން އިވުނުނަމަ.."

"އެނގޭ...ބައްޕަގެ ލޯބީގައި ކޫރުން އެޅިދާނެތީ ބިރުގަތީ...އެލޯބި ދައްކައިފިއްޔާ...އިތުރަށް ގޯސްވެދާނެތީ.."

"ގޯސްވީ އަޅުގަނޑު އެތަނުގައި ނެތް މީހަކަށް ހަދާފައި ބެހެއްޓީމަ..."

ޔޫސުފް ޖީބުން ކަރުދާސްކޮޅެއްނެގިއެވެ. ދުވަސްވުމުގެ ސަބަބުން ކުލަ ބަދަލުވެފައެވެ."ދަރިފުޅުގެ ފުރަތަމަ ޅެން..ބައްޕަ ރައްކާކޮށްފައިި އޮތީ.."

އޭނަ އެ ކަރުދާސްކޮޅު އަތުލިއެވެ. އެ ލަފުޒުތަކަށް ބެލިއެވެ.

"ގޯޑް އިޒް ނޮޓް އެފްރެއިޑް އޮފް މައި ނޮއިސް...."އޭނަ ފުން ނޭވާއެއް ދޫކޮށްލިއެވެ.

"ބައްޕަ ކުރިން އެވާހަކަވެސް ނުބުނީ..އެކަމަކު މިހާރު އެކަން ގަބޫލުކުރެވިއްޖެ.."

އޭނަ ހިނިތުންވެލިއެވެ. ދެބަފައިންގެ ދެމެދުގައި ބަޔާން ނުކުރެވޭފަދަ ރީތި ގުޅުމެއްގެ ބިންގާ އެޅުނެވެ.

***

ކައިލާ އެނދަށް އަރާފައި އޮތްއިރު އަމްރާން އިނީ ރަގްމަތީގައި އިށީދެލައިގެންނެވެ. އަޒިއެލް ބީންބޭގަށް ވެއްޓިގަތް ގޮތަށް ނިކަން އަރާމުކޮށް ކުޝަންގައި ބައްދާލައިގެންނެވެ.

"ކައި ހަނދާންވޭ ތިއްތި ބައްޕަގެ ބުރަކަށީގައިވާ ތަދު ރަގަޅުކުރަން ރޯ އިގުރާއި ރުގުޔާ ވީޑިއޯތަކެއް ޖެއްސީ..."ކައިލާ ކުރުއަތްމަތީގައި އޮށޯވެލިއެވެ.

"ޢަދި މަންމަގެ އައި ލައިނާއިން ބާތުރޫމްގެ ލޯގަނޑުގައި އާޔަތުލް ކުރުސި ލިޔުނީ...."އަމްރާން އެއްލޯ މަރައިލިއެވެ.

"ޔޫ އާ ވެލްކަމް....އެކަމަކު މިގޭގެ ޕްރޮޕަޓީތަކުގެ ރޫހާނީ ވެލިއު މަތިކުރަން އަހަރެން މަސައްކަތްކުރީ..."

އަޒިއެލްގެ ޖުމްލައާއެކު އެންމެން ހޭންފެށިއެވެ.

"އޭރު އަހަރެން ތިއްތި ދެކެ ހާދަ ބިރުގަނެއޭ.."

"އަހަރެން ދެނެހުރިން.."

"އެކަމަކު އަސްލު ބިރުވެރިއެއްނޫން.. ހަމަ ތަންކޮޅެއް އިންޓެންސް...އަދި އަޑުހަރީ..." ކައިލާ ވިސްނާފަދަ ގޮތަކަށް ބުމަ ގާތްކޮށްލިއެވެ.

"ބައެއް ރޭ 72 ގަޑިއިރުވާންދެން ނުނިދާ..." އަޒިއެލް ހީގަތެވެ.

"ތިއޮލޮޖީ ލިޔަމުން އެއް ނޭވާގައި މުގޮށިމީދަލަކަށް މަލާމާތްކުރި އިންސާނެއްވެސް އާޒް ފިޔަވާ ދުނިޔެއަކު ނުހުންނާނެކަން ހަމަ ޔަގީން........"އަމްރާން ހަނދާންކޮށްލިއެވެ.

"ދޮންބެ....ފުރަތަމަ މުގޮށިމީދާ މަށަށް މަލާމާތްކުރީނު.....އޭގެ ސައިޑް ނުނަގާ..."

އެންމެން ހީގަތެވެ. އެއީވެސް ޝިފާއެއްގެ ފެށުމެކެވެ.

"އަހަރެމެން އެންމެން އެކީގައި އުޅެބޮޑުވިނަމައޭ ހިތަށް އަރާ.....މިގޮތަށް ކަންތައްތަކާއި ވާހަކަދައްކާ ޑިސްކަސްކޮށް...."ކައިލާއަށް ބުނެވުނެވެ.

"އަދި ކިރިޔާ އޭ ދޮންބެމެން ބޮޑުވަމުން މިދަނީ..."

"އެންމެންވެސް އަހަންނާއެކު ގައި ވި...."އަޒިއެލް ކުޑަކޮށް ޖަޒުބާތީވިއެވެ.

"އަބަދުވެސް އެކީ ވާނަން އިންޝާﷲ...."ކައިލާ ވައުދުވިއެވެ."ބައިދަވޭ އަހަރެެމެންނަށް އަވަށްޓެރިން ލިބިއްޖެ....ދިވެހިން ވީމަ ކުޑަކޮށް ހާސްވޭ..އެހާ އަވަހަށް މީހުންނާއި އެކުވެރިވާން ކެރޭ ޒާތު މީހެއްނޫން. ކައިވެސް ތެރަޕީ ނަގަންދާންވީކަން ނޭގޭ..ކީކޭ ދޮންބެ ބުނަނީ؟"

***

ޒޭބާއާއި އާއިލާގެ އެންމެންހެން ރާއްޖެތެރެ ރަށަކަށް ޗުއްޓީ ހަދައިލަންގޮސް ޕިކްނިކް ދިޔަ ދުވަހެކެވެ. ހުދު ދޮންވެލިގަނޑުމަތީގައި ރާޅުޖަހާ ހިސާބުގައި ޒޭބާ އިށީދެލައިގެން އިންއިރު އޭނަގެ ހިޖާބާއި ވައިރޯޅިތައް ގޯނާކޮށްލައެވެ. ހަމައެކަނި ހިތަށް އިވޭވަރަށް ރާޅުތައް ކިޔަދެމުން ދިޔައީ ލޯބީގެ ވާހަކަތަކެވެ. އޭނައަށް ފޯނު ހުޅުވާލައިގެން ބަލަން އިނދެވުނީ ގްރޫޕް ފޮޓޯއަކަށެވެ. އެއީ މިދިޔަ އަހަރު ލަންޑަނަށް ކުރި ދަތުރުގައި އަޒިއެލްގެ އާއިލާއާއެކު ނެގުނު ފޮޓޯއެކެވެ. އަޒިއެލްގެ ހީލައިގެން ހުރީ ލަދުން ކަހަލަގޮތަކަށެވެ. އަމްރާންގެ ޝަޚުސް ވަރުގަދައެވެ. ކައިލާގެ ދޮންކަން ދިއްލިފައެވެ.

އޭނައަށް ފުން ނޭވާއެއް ދޫކޮށްލަމުން އަމިއްލަ ނަފުސަށް ބުނެވުނެވެ." އާޒް ބިރުވެރިއެއްނޫން...މީހުންނަށް އަންޑަސްޓޭންޑް ނުވަނީ....ކަނޑުފަދައިން.....ކަނޑުވެސް ދަސްވެ ފަރިތަވީމަ ފުންވިޔަސް ބިރުވެރިތަނަކަށް ނުވޭ. ބައެއްމީހުންނަށް ކަނޑާއި ނުލާ ދިރިނޫޅެވޭ...."

އޭނަގެ ބޮޑުދައިތަ ލައިލާ ކައިރިއަށް އައެވެ. ހައިރާންވެފައެވެ."ޒޭބް...މިހާރުވެސް އަނދާފައި ތީނީ.....ސަންސްކްރީން ނުލަން ދޯ..."

"ޒޭބް ނިންމައިފިން...ސައިކޮލޮޖީ ހަދާނީ..."

"ކީކޭ؟ ޒޭބް...."

"އަހަރެން ބޭނުމީ ކޮންމެވެސް ދުވަހަކުން ލަންޑަނަށް ދާން...އަޒިއެލް ކައިރީގައި އިންނަން...ކަޒިންއެއްގެ ގޮތުގައެއްނޫން. އެހީތެރިވާން އެނގޭ މީހެއްގެ ހައިސިއްޔަތުން...."އޭނަ ބަލަހައްޓައިގެން އިނީ ކަނޑުގެ ސަތަހައަށެވެ."ފަހަރެއްގައި އާޒްއަށް އަދި ދުވަހަކުވެސް ރައްކާތެރިކަން ނުލިބޭފަދަ ތަނަކަށް އޭނަގެ ދުނިޔެ ހަދާދިނުން.."

މިފަހަރު ރާޅު އައީ ތަންކޮޅެއް ލުއިކޮށެވެ. އޭނަގެ ފައިތިލަައިގާ ބޮސްދިނެވެ.

"މަންމައަށް އެނގިއްޖެއްޔާ ކުޑަވަރެއްގެ ޒަލްޒަލާއެއް އަންނާނެ..މަންމަ ބޭނުމެއްނުވޭ ޒޭބް އާޒް ގެ ވައިއެޅޭ ހިސާބަކަށްވެސް ދާން...މަންމައަށް އިފުރީތެއްގެ ކުރިމަތީގައި ޒޭބް އިނަސް މާ އޯކޭވާނެ....."ލައިލާ ހާސްވިއެވެ.

ޒޭބާ ހޭންފެށިއެވެ. އޭނަގެ އަޒުމް ވަރުގަދައެވެ.

***

ޒޭބާ އޭނަގެ ކޮޓަރިއަށް ވަނުމުން ކޮންމެވެސް ވަރަކަށް ކައިލާގެ މަތިން ހަދާންވިއެވެ. އަހަރެއް ފާއިތުވީއިރު ދެކުދިންފެ ދެމެދުގައި މެސެޖް ބަދަލުކުރެވޭވަރު މަދުވިޔަސް އެގުޅުން އޮތީ ހަމަ އެއްވަރެއްގައެވެ. ދިގު ދަތުރަކަށްފަހު ވަރުބަލިވެފައި ހުއްޓަސް ނިދަން ތައްޔާރުވެ ޕިޖާމާ ލައިގެން ލޯޝަންލާ ހެދުމަށްފަހު އޭނަ އަލަމާރި ހުޅުވާލާފައި ނެގީ ކުޑަ ވަކަރު ފޮށްޓެކެވެ. އޭގެ އެތެރޭގައި ފަށްޖަހާފައިވާ ސިޓީތަކެވެ. އޭނަ ތަންކޮޅެއް ބީ ކަރުރާސްކޮޅެއެއްގައި ގަލަމަކުން ލިޔަންފެށިއެވެ.

"ޑިއަރ އަޒިއެލް.

ޗާޓަކުން ހޯދައިގެންވެސް އަލުން ނުފެންނާނެ ހިސާބަކަށް ދާން އުޅޭފަދައިން ދުއާ ކިޔަން ހުއްޓާ ފެނުނު ދުވަހު އަހަރެން ވަރަށް ބިރުގަތް. އެކަމަކު މިހާރު ސާފުވެއްޖެ...ވަރަށް ރަގަޅަށް އަންޑަސްޓޭންޑް ވެއްޖެ. ހިތަށް އަރަނީ ކުރިންވެސް އެކަން ދަސްވިނަމައޭ......" އޭނަ އެ ކަރުދާސްކޮޅު ފަށް ޖަހާލާފައި ރިބަންކޮޅަކުން އައްސާލައިފިއެވެ. ޕޯސްޓްކުރަން ބޭނުންވިއެވެ. އަދި ނުކުރެވިފައެވެ.

ނުނިމޭ