މިއަހަރުގެ ކުރީކޮޅު ދަގަނޑު ބުރިއާއި ވަޅި ތޫނުކުރަން ތިއްބައި ފުލުހުން ހައްޔަރު ކުރި ދެ މީހެއްގެ މައްޗަށް ދައުވާކޮށްފި އެވެ.

އެ މައްސަލައިގައި ދައުވާ ކޮށްފައި ވަނީ މ. ލިޔާއާގޭ، އަބްދުﷲ މާޒިން އާއި މާލޭ ދަފްތަރު 1127 އަލީ ފުރުގާންގެ މައްޗަށެވެ.

ކްރިމިނަލް ކޯޓުގައި މިއަދު އޮތް ޝަރީއަތުގެ މަޖިލީހުގައި އެ ދެ މީހުންގެ މައްޗަށް ދައުވާ އިއްވަވަމުން ދައުލަތުގެ ވަކީލާ ވިދާޅުވީ މި އަހަރުގެ ޖެނުއަރީ 26 ވަނަ ދުވަހުގެ ވަގުތެއްގައި އެ ދެ މީހުންނާއި އިތުރު ބަޔަކު ޕޮލިޓެކްނިކް އިމާރާތުގެ ހުޅަނގަށް އޮންނަ ކޮށީގައި ދަގަނޑާއި ވަޅި ތޫނުކުރަން ތިއްބާ ފެނިފައިވާ ކަމަށެވެ. އެހެންކަމުން އެ ދެ މީހުންގެ މައްޗަށް ކުރާ ދައުވާ އަކީ އާންމުތަނެއް ފިޔަވައި އެހެންތަނެއްގައި ނުރައްކާތެރި ހަތިޔާރާއި ތޫނުއެއްޗި ގެންގުޅުމުގެ ކުށުގެ ދައުވާކަމަށް ދައުލަތުގެ ވަކީލާ ވިދާޅުވި އެވެ.

ދައުވާ އިއްވުމުން އެ ދެ މީހުން ވެސް ވަނީ ދައުވާއަށް އިންކާރުކޮށްފަ އެވެ.

މާޒިން ބުނީ އެއީ އޭނާ ދުށްތަނެއް ވެސް ނޫންކަމަށެވެ. އަދި ފުރުގާން ބުނީ އެތާގެ ތެރެއަށް އޭނާ ނުވަންނަ ކަމަށެވެ.

އެ ދެ މީހުން ދައުވާއަށް އިންކާރުކޮށްފައި ވާތީ ދައުލަތުން ވަނީ ދައުވާ ސާބިތުކުރުމަށް ހެކި ހުށަހަޅައިފަ އެވެ.

ދައުލަތުން މިއަދު ހުށަހެޅި ހެކީންގެ ތެރޭގައި އެ ދެ މީހުން ވަޅިއާއި ދަގަނޑު ތޫނުކުރަން ތިއްބާ ފެނުނު މީހަކާއި އެތާގެ ތެރޭގައި އެ ދެ މީހުން ތިއްބާ ފެނުނު ދެ ފުލުހަކު ހިމެނެ އެވެ.

އެ ދެ މީހުންގެ ތެރެއިން މާޒިން އަކީ ފެބްރުއަރީ އަށް ވަނަ ދުވަހުގެ ހަވީރު އޭޑީކޭ ހޮސްޕިޓަލްގެ ތެރޭގައި ވަޅިއެއް ގެންގުޅެގެން ދޮޅު އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރަމުން އަންނަ މީހެކެވެ. އަދި ފުރުގާނަކީ މި އަހަރުގެ އޭޕްރީލް މަހުގެ 11 ވަނަ ދުވަހުގެ ރޭ ދަންވަރު ބިލަބޮން ހައި ސްކޫލް ކައިރިން މީހެއްގެ ގަޔަށް ވަޅިހެރި މައްސަލައިގައި ވެސް ދައުވާ ކުރާ މީހެކެވެ.