07 Aug 2012, 13:34
ރާއްޖެ ޓީވީ ހިންގާ އިމާރާތަށް ބަޔަކު ވަދެ ކޮންޓްރޯލް ރޯމްގެ ކޭބަލްތައް ބުރިކޮށްލައިފި އެވެ.
ބޮޑުތަކުރުފާނުމަގުގައި ހުންނަ ކްއީން އޮފް ދަ ނައިޓް އިމާރާތުގެ ދެވަނަ ފްލޯގައި ހުންނަ ރާއްޖެ ޓީވީ އޮފީހަށް ވަދެ އެތަނުގެ އޮންއެއާ ކުރަން ބޭނުންކުރާ ކޭބަލްތައް ބުރިކޮށްލާފައި ވަނީ ކަތުރު ފަދަ ތޫނު އެއްޗަކުންނެވެ.
ރާއްޖޭ ޓީވީގެ އޮފިޝަލަކު މިއަދު ވިދާޅުވީ އެ އޮފީހަށް ވަދެ ގެއްލުން ދީފައި ވަނީ ރޭގެ ވަގުތެއްގައި ކަމަށާއި އޮފީސް ތޭރަގައި ހުރި އޮންއެއާ ކޭބަލްތައް ބޭނުން ނުކުރެވޭ ވަރަށް ބުރިކޮށްފައިވާ ކަމަށެވެ.
އަދި ބުނީ ގެއްލުންތަކެއް ދީފައިވާކަން އެނގުނީ މިއަދު ހެނދުނު އޮފީހަށް ދިއުމުން ކަމަށެވެ.
"އޮން އެއާނުކުރެވޭ ވަރަށް ކޭބަލްތައް ވަނީ ބުރިކޮށްފައި. މިއީ ސީދާ ބްރޯޑްކާސްޓް ކުރިޔަ ނުދޭން ދީފައިވާ ހަމަލާއެއް،" އެނާ ކިޔާދިނެވެ.
އެނާ ބުނީ ރާއްޖެ ޓީވީ އޮފީސް ހުންނަނީ އިލެކްޓްރޯނިކް ސިސްޓަމް ހަރުކޮށްފައި ކަމަށާއި އޮފީހަށް ވަދެފައި ވަނީ އެ ފްލޯގައި ކަރަންޓް ކަނޑާލުމަށް ފަހުގަ ކަމަށެވެ.
"ލިފްޓް ކަރަންޓް ކަނޑާލާފައި ދެން އެ ފްލޯއިން ކަރަންޓް ކަނޑާލާފައި ވަދެފައި ވަނީ. ކަރަންޓް ކަނޑާލީމާ އޮފީސް ހުރިހާ ދޮރުތައް ހުޅުވޭނެ އިލެކްޓްރޯނިކް ލޮކް ހަރުކޮށްފައި ހުންނާތީ،" އޭނާ ބުންޏެވެ.
ސަންގެ ނިއުސް ރިޕޯޓަރުން ރާއްޖެ ޓީވީ އަށް ދިޔައިރު ފުލުހުންގެ ފޮރެންސިކް ޓީމެއް އެތަނުގައި ހަރަކާތްތެރިވެ އެވެ. ފުލުހުން އޭރު އެތަނުގައި ހުރި އެއްޗެހިން ފިންގަޕްރިންޓް ނަގައި ގެއްލުންތައް ބަލަމުންދެ އެވެ.
ރާއްޖެ ޓީވީން ބުނީ އެމީހުން ފުލުހުންނަށް މައްސަލަ ރިޕޯޓުކުރީ މިއަދު މެންދުރު 12 ޖަހާ އެހާކަންހާ އިރު ކަމަށެވެ.