ރިޔާސީ އިންތިހާބުގައި ވާދަކުރުމަށް ގިނަ ޕާޓީތަކުން ގުޅިގެން އެއް ކެންޑިޑޭޓަކު ނެރުމަކީ ރައްޔިތުނަށް ރަނގަޅު ގޮތެއް ނޫން ކަމަށް ޑީއާރުޕީގެ ލީޑަރު އަހްމަދު ތަސްމީނު އަލީ ވިދާޅުވެއްޖެ އެވެ.

އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ތަސްމީނު ވިދާޅުވީ ވެރިކަމަށް ކުރިމަތި ލައްވުމަށް ތިއްބެވި ކޮންމެ ބޭފުޅަކީ ވެސް ތަފާތު ފިކުރެއްގެ ބޭފުޅުން ކަމަށާއި ވަކި ފިކުރެއް ބަލައިގަތުގެ ފުރުސަތު ރައްޔިތުނަށް ދޭން ޖެހޭ ކަމަށެވެ.

"ގުޅިފައި އިއްތިހާދުން އެއް ކެންޑިޑޭޓަކު ނެރުމަކީ ދިވެހި ރައްޔިތުނަށް ވެސް ކޮށްދެވޭ ރަނގަޅު ކަމެއްގެ ގޮތުގައި އަޅުގަނޑު ނުދެކެން. ތަފާތު ފިކުރުގެ މީހުން ތިބިއްޔާ އެ ތަފާތު ފިކުރުގެ ތެރެއިން ބަޔަކު ބަލައިގަތުގެ ފުރުސަތު ރައްޔިތުނަށް ދޭން ޖެހޭ،" ތަސްމީނު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އިއްތިހާދުން އެއް ކެންޑިޑޭޓަކު ނެރުމަށް މި ސަރުކާރުގައި ހިމެނޭ ބައެއް ފަރާތްތަކުން މަސައްކަތް ކުރަމުންދާ ކަމަށާއި އެ މަޝްވަރާތަކުގައި ދައްކާ ވާހަކަތައް ޑީއާރުޕީން ވެސް އަހާނެ ކަމަށެވެ. ނަމަވެސް އެއް ކެންޑިޑޭޓަކު ނެރުމަކީ ވާނެކަމެއް ކަމަށް ގަބޫލު ނުކުރައްވާ ކަމަށް ތަކުރާރުކޮށް ވިދާޅުވި އެވެ.

"މިހާރު މި ސަރުކާރުގައި ބައިވެރިވެފައިވާ ޕާޓީތަކުން އެއް ކެންޑިޑޭޓަކު ނެރުމަކީ ވާނެ ކަމެއް ކަމަކަށް އަޅުގަނޑު ގަބޫލެއް ނުކުރަން. ބައެއް ބޭފުޅުން މިހާރު ކެމްޕޭންގެ މަސައްކަތް ފަށައިގެން ދަނީ. އަނެއްކާ މި ސަރުކާރުގައި ތިބޭ ޕާޓީތަކަކީ ވަރަށް ގިނަ ކަންތައްތަކުގައި ހިޔާލް ތަފާތު ޕާޓީތަކެއް،" ތަސްމީނު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މި ސަރުކާރުގައި ޑީއާރުޕީން ތާއިދުކުރީ އެހެން ޕާޓީތަކުގެ ސިޔާސަތުތަކަށް ތާއީދުކޮށްގެން ނޫން ކަމަށާއި މި ދަނޑިވަޅު ވެރިކަން ހިންގުމުގެ ނިޒާމަށް "ހުސްކަމެއް" އައިސް އެމްޑީޕީ އަށް ފައިދާއެއް ވެދާނެތީ ކަމަށެވެ.

"މި ސަރުކާރުގައި ހިމެނޭ ޕާޓީތަކަކީ ވަރަށް ގިނަ ކަންތައްތަކުގައި ހިޔާލް ތަފާތު ޕާޓީތަކެއް. އަޅުގަނޑުމެން މި ސަރުކާރަށް މި ތާއީދު ކުރަނީ މި ދަނޑިވަޅުގައި ރާއްޖޭގެ ވެރިމުގެ ނިޒާމަށް ހުސްކަމެއް އަތުވެދާނެތީ. އަދި އެ ހުސްކަމުގެ ފައިދާ، ދިވެހި ރައްޔިތުނަށް ވަރަށް އަނިޔާވެރިކޮށް ވެރިކަންކުރި އެމްޑީޕީއަށް ލިބިދާނެތީ. އެއީ މަސްލަހަތު ހުރި ގޮތަކަށް ނުވާނެތީ. މި ސަރުކާރުގައި މި ތިބެނީ އެއްބަޔަކު އަނެއް ބަޔަކު ގެންގުޅޭ ސިޔާސަތުތަކަށް ތާއީދުކުރާތީ އެއްނޫން."