އައްޑޫ ސިޓީގެ ހުޅުދޫ މެޖިސްޓްރޭޓް ކޯޓުގައި ހުޅުޖެހި މައްސަލާގައި ދައުވާ ލިބޭ 13 މީހުންގެ ތެރެއިން ކޯޓަށް ހާޒިރުނުކުރެވި ތިބި ތިން މީހުންގެ ތެރެއިން އެކަކު މިއަދު ކޯޓަށް ހާޒިރުކޮށް ޝަރީއަތް ފަށައިފި އެވެ.

މިއަދު ފަށާފައި ވަނީ ސ. ހުޅުދޫ، އައްސޭރިވިލާ އަހުމަދު ހާރޫން ހުސެއިން ގެ ޝަރީއަތެވެ.

ކްރިމިނަލް ކޯޓުގައި މިއަދު އޮތް ޝަރީއަތުގެ މަޖިލީހުގައި އޭނާގެ މައްޗަށް ދައުވާ އިއްވަވަމުން ދައުލަތުގެ ވަކީލު ވިދާޅުވީ ފެބްރުއަރީ އަށް ވަނަ ދުވަހުގެ ރޭ 7:00 އެހާކަންހާ އިރު އިތުރު ބަޔަކާ އެކު ހާރޫން ހުޅުދޫ ކޯޓު ދޮށަށް އެއްވެ ކޯޓުން ކަރަންޓު ކަނޑާލައި ކޯޓުގެ މުދަލަށް ގެއްލުންދީފައިވާ ކަމަށެވެ. އެހެންކަމުން ޓެރަރިޒަމް މަނާކުރުމުގެ ގާނޫނުގެ ދެވަނަ މާއްދާގެ (ޅ) އާއި ހަވާލާދީ އެ ގާނޫނުގެ ހަވަނަ މާއްދާގެ (ށ)ގެ ދަށުން އޭނާގެ މައްޗަށް ޓެރަރިޒަމްގެ ދައުވާ ކުރާކަމަށް ވެސް ވަކީލު ވިދާޅުވި އެވެ.

ދައުވާ އިއްވުމުން ހާރުން ބުނީ ދާއުވާ ސާފުވެއްޖެ ކަމަށާއި ދައުވާގައި ބުނެފައިވާ ކަންތައްތަކަކީ އޭނާކޮށްފައިވާ ކަންތައްތަކަށް ނުވާތީ ދައުވާއަށް އިންކާރު ކުރާކަމަށެވެ.

"ދައުވާއަށް އިންކާރުކުރަން އެއީ އަޅުގަނޑު ކުރިކަމެއް ނޫން،" ހާރުން ބުންޏެވެ.

އޭނާ ދައުވާއަށް އިންކާރުކޮށްފައި ވާތީ ދައުލަތުން ވަނީ ދައުވާ ސާބިތުކުރުމަށް ހެކި ހުށަހަޅާފަ އެވެ. އޭނާގެ މައްޗަށް ހެކިބަސްދޭ މީހާގެ ނަން ދައުލަތުން މިއަދު ވަނީ ޝަރީއަތަށް އިއްވާފަ އެވެ.

ދައުލަތުގެ ވަކީލު ވިދާޅުވީ އެ މައްސަލައިގައި ހުށަހަޅާ ހުރިހާ ހެކިން ސިއްރު ކުރަން ކުރިން ދައުލަތުން އެދުނު ނަމަވެސް މިހާރު ބައެއް ހެކިން ފިޔަވައި އެހެން މީހުންގެ ހެކިބަސް ފާޅުގައި ނަގާގޮތަށް ހަމަޖައްސާފައިވާ ކަމަށެވެ.

މިއަދުގެ ޝަރީއަތުގެ މަޖިލީހުގައި ގާޒީ ވަނީ ދިފާއުގައި ހެކި ހުށަހެޅުމަށް ހާރޫނަށް ވެސް ފުރުސަތު ދީފަ އެވެ. އެގޮތުން ހާރޫނު ހިމެނޭގޮތަށް މިހާތަނަށް އެ މައްސަލައިގެ ޝަރީއަތް ފަށާފައިވާ އެންމެންގެ މައްޗަށް ހުށަހަޅާ ހެކިންގެ ނަންތައް އާދީއްތަ ދުވަހުގެ 1:30ގެ ކުރިން ލިޔުމުން ހުށަހެޅުމަށް ގާޒީ ވަނީ އެ މައްސަލައިގައި ވަކާލާތު ކުރައްވާ ވަކީލު އަބްދުﷲ ހަސީނަށް އަންގަވާފަ އެވެ.

ހުޅުދޫ ކޯޓުގައި ހުޅުޖެހި މައްސަލައިގައި ކޯޓަށް ހާޒިރު ނުކުރެވި ބާކީ ތިބި ދެ މީހުންނަކީ ސ. ހުޅުދޫ، މަދަރުސާދޮށުގޭ، ވިޝާހު އަލީ އާއި އެރަށު ސީވޭވް އިބްރާހިމް ސަމާހު އެވެ.