07 Aug 2025, 08:44
މަޝްހޫރު ތެލުގޫ ފިލްމު "ބާހޫބަލީ"ގެ ޚާއްސަ ރޯލަކުން ފެނުނު ސައުތު ބަތަލާ އަނުޝްކާ ޝެޓީގެ ފިލްމު "ގާތީ"ގެ ޓްރެއިލާ ދައްކާލައިފިއެވެ.
ސައުތު ޑައިރެކްޓަރު ކްރިޝް ޖަގަރްލަމޫދީގެ މި ފިލްމަކީ އަނުޝްކާ ވަރަށް ތަފާތު ރޯލަކުން ބެލުންތެރިންނަށް ފެންނާނެ ފިލްމެކެވެ. ވަރަށް ޖެހިލުންކުޑަ، އެއްވެސް ބިރެއްނެތި ކަންކަމާ ކުރިމަތިލާން ކެރޭ އަންހެނެއްގެ ރޯލުން އަނުޝްކާ ފެންނާނެ މި ފިލްމަކީ ވަރަށް ވަރުގަދަ ކްރައިމް އެކްޝަން ޑްރާމާއެކެވެ.
މި ފިލްމުގައި އަނުޝްކާ ފެންނާނީ މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ ކެނަބިސް ވިއްކައިގެން ދިރިއުޅުމުގެ ޒަރޫރީ ބޭނުންތައް ފުއްދަމުންދިޔަ، އިންޑިއާގެ ފަރުބަދަމަތީގައި ދިރިއުޅޭ ގިނަ ބައެއްގެ ލީޑަރެއްގެ ގޮތުގައެވެ.

ފިލްމު "ގާތީ"ގެ މަންޒަރެއްގައި އަނުޝްކާ އަދި ފިލްމުން އަލަށް އިންޑަސްޓްރީއަށް ތައާރަފްވާ އެކްޓަރު ވިކްރަމް ޕްރަބޫ--ފޮޓޯ/ޓެލެގްރާފްއިންޑިއާ
ނަމަވެސް އެ ވިޔަފާރީގެ ސަބަބުން އާއްމުންގެ ގިނަ ބައެއްގެ ދިރިއުޅުން ހަލާކުވެ އޭގެ ނޭދެވޭ އަސަރު ގިނަ ބަޔަކަށް ކުރަން ފެށުމާ އެކު އެކަމާ ދެކޮޅަށް ތެދުވާ ވަރަށް ވަރުގަދަ ލީޑަރެއްގެ ގޮތުގައި އަނުޝްކާ މި ފިލްމުން ފެންނާނެއެވެ.
އޭނާގެ ބެލުމުގެ ދަށުގައި ތިބި ގިނަ ބަޔަކާ ދެކޮޅަށް އޭނާ ތެދުވުމުން އެ މީހުންގެ އިތުރުން މަސްތުވާތަކެތި ގަންނަ ބޮޑެތި ވިޔަފާރިވެރިންނާ ދެމެދު ހިނގާ ކުރިމަތިލުންތަކެއް މި ފިލްމުން ބެލުންތެރިން ތަޖުރިބާކުރާނެއެވެ.
މި ފިލްމުން ވިކްރަމް ޕްރަބޫ ފިލްމީ ދާއިރާއަށް ތައާރަފުވާނެއެވެ.
ސައުތު ސިނަމާގެ ފިލްމު ކުންފުނި ފަސްޓް ފްރޭމް އެންޓަޓެއިންމަންޓްސްއިން ގެނެސްދޭ މި ފިލްމު ރިލީޒްކުރުމަށް ނިންމާފައި ވަނީ ތެލުގޫ، ތަމަޅަ ހިންދީ، ކަންނާޑާ އަދި މަޅަޔާލަން ބަހުން ޑަބް ކުރުމަށްފަހެވެ. މި ފިލްމު ސިނަމާތަކަށް ގެންނަން ނިންމާފައި ވަނީ އަންނަ މަހުގެ ފަސް ވަނަ ދުވަހެވެ.