18 Aug 2025, 10:05
"ﷲ ތައާލާ ދެއްވި ނިއުމަތްތައް ގުނާ އަދަދު ކުރުމަކީ ވެވޭނެކަމެއް ނޫނެވެ. ހެނދުނު ހޭލެވުމާއި، ލާ އެންމެ ނޭވާއަކީވެސް ރަހުމަތެކެވެ. ލޮލަށް ފެނުމާއި، އަޑު އިވުން، ހުރިހާ ގުނަވަންތަކެއް ފުރިހަމައަށް ހުރުންފަދަ ކޮންމެ ކަމަކީ ﷲ ތައާލާ ދެއްވި އަގުނުކުރެވޭފަދަ ނިއުމަތްތަކެވެ. ވިސްނާ ފިކުރުކޮށްލުން ރަގަޅު ކަންތައްތަކެވެ. އެކަންތައް އެންމެ ބޮޑަށް އިހުސާސް ކުރެވޭނީ އެއިން ނިއުމަތެއް އުނިވުމުންނެވެ. ތިބާ ހެއްދެވި ފަރާތަށް ހަމްދުކޮށް ގިނައިން ޒިކުރުކުރާށެވެ. ގިނަގިނައިން ޝުކުރުކުރާ އަޅަކަށްވާށެވެ. އޭރުން ނިއުމަތްތައް އިތުރުވާނެއެވެ."
***
މެޝިން ކައިރީގައި ހުރެ އަޅަންވީ ހެދުންތައް ވަކިން ނަގަން ހުރެފައި ޒުބޭރުގެ ގަމީހެއް ނެގީ ތަފާތު އެއްޗެއް ލޮލުގައި އަޅައިގަތުމުންނެވެ. ވިދާ އޮރެންޖްކުލައިގެ ދިގު އިސްތަށްޓެކެވެ. ޒުބޭރުގެ ގަމީހުގައި ތަތްވެފައެވެ. އޭނަގެ ނޭވާވެސް ހުއްޓުނެވެ. މުޅި ހަށިގަނޑަށް ނުތަނަވަސްކަމުގެ ފިނިރާޅެއް ދަތުރުކުރުމާއެކު އެއަށް ބަލަހައްޓައިގެން ހުރެވުނީ އަނގަ ހުޅުވިފައެވެ. ހިތް ތަންކޮޅެއް އަވަސްވިއެވެ. ކުޑަދޮރުން އެޅެމުންދިޔަ އަލީގައި އެ ރަންކުލަ ވިދައެވެ. އޭނަ ޓީޝާޓު އޮތްތަނަށް ދޫކޮށްލިއެވެ.
"މިއީ ކާކުގެ؟ އަންހެންކުއްޖެއްގެ؟ އަނެއްކާ ޓޫރިސްޓެއްތަ؟"
ސަޔާރާގެ މޫނު އޭނަގެ ޚިޔާލީ ލޯގަނޑުގައި އޮޔާ ދާތަން ފެނުނެވެ. އެ ފަރިކަމާއި ރީތި އަޚުލާގެވެ. މަޑުމައިތިރިކަމެވެ. މިއިން ޒަމާނެއްގައިވެސް އޭނައަށް ސަޔާރާގެ އިސްތަށިގަނޑު ފެނިފައެއްނުވެއެވެ. ހަމަ އެހާ ރަންކުލަ ގަދަ އިސްތަށިގަނޑެއްހެއްޔެވެ؟އޭނަ ކުރިންވެސް ހަދާންވާގޮތުގައި އެ މުށި އިސްތަށިގަނޑުގައި އޭނަގެ މަންމަ ހީނާފަތް އެޅުމުން ރަތްކުލައެއް އަރައެވެ. އެއީ ހަމަ އެ ސަޔާރާގެ އިސްތަށިކޮޅެއް ހެއްޔެވެ؟ އެ ޚިޔާލު ކަށްޓެއްހެން ސިކުނޑިއަށް ހެރެންފެށިއެވެ. ދެވަނަ ވިސްނުމަކާނުލައި ސަޔާރާގެ ނަމްބަަރަށް ގުޅިއެވެ.
"އައްސަލާމް އަލައިކުމް މިރިއަމް...؟" ސަޔާރާގެ އަޑުން ހީވީ ހައިރާންކަމާއި ގަބޫލުނުކުރެވުނުހެންނެވެ.""އެންމެފަހުން...އަހަރެން ވުޖޫދުން ފޮހެވިގެން އަދި ނުދާކަން މިރިއަމް ހަނދާންވެއްޖެ. ދުނިޔޭގައި އެބަހުރިން އަލްހަމްދުލިﷲ......."
"މާބޮޑަށް އަވަދިނެތި އުޅުނީ..އެނގެއެއްނު....ދިރިއުޅުމަށް އައި ބޮޑު ބަދަލު..."
"ހޫމް ތިބުނީ ތެދެއްހެން ހީވޭ. އެންމެންވެސް ހަމަ އެމީހެއްގެ ދިރިއުޅުމާއިގެން އަވަިދނެތިފައި.އަމިއްލަ ނަފުސަށްވެސް ވަގުތު ނުވެފައި...އަމިއްލަ ނަފުސަށް ވަގުތު ނުދެވުނަސް އަޅުކަން ދޫކޮށްލަން ނުވާނެ ދޯ..ޚާއްސަކޮށް ނަމާދު ވަގުތުން ކުރަންވާނެ....ނަމާދު ގާއިމުކުރާ މީހުންނަށް ގުރުއާންގައި ﷲ ތައާލާ ތައުރީފުގެ ބަސްފުޅު ވަހީކުރައްވާފައިވޭ.......އަހަރެންވެސް ހަމަ ފާޑަކަށް މަސައްކަތެއްގައި ބަދެވިފައި ހުރީ...ރަށުގެ ކުޑަކުދިންނަށް ގުރުއާނާއި އަރަބި ކްލާސްތައް ނަގައިދޭން ފެށުނީ.. ޖަމީލާއްތަގެ ހާލު ކިހިނެއްތަ؟ ޑޮކްޓަރސް ކީކޭ ބުނަނީ؟"
"އެމީހުން ބުނިގޮތުން މަންމަގެ ބައްޔަކީ ލުވީ ބޮޑީ ޑިމެންޝިއާ، އެއަށް އަނެއްހެން ފަރުވާއެއްނެތް. އަހަންނަށްވެސް އެކަމައިމެދު ކުރާނެ މާބޮޑުކަމެއްނެތް މަންމަގެ ބަލި ގޯސްވަމުންދާއިރު...."އޭނަގެ އަޑުގައި އުއްމީދެއްނެތެވެ. ސަޔާރާގެ ނޭވާގެ އަޑުވެސް ހިނދުކޮޅަކަށް ހުއްޓުނުހެން ހީވިއެވެ.
"މިރިއަމް...ﷲގެ އިރާދައާއި ނުލާ އެއްވެސް ކަމެއް ނުހިގާނެ...ބައްޔަކީ އަދަބެއްނޫން. އެއީވެސް އިމްތިހާނެއް.... ރަސޫލުސައްލަﷲ އަލައިހި ވަސައްލަމް ގެ މި ހަދީސް ހަނދާނެއްނުވޭތަ؟ ބައްޔެއް ތަހައްމަލު ކުރާ އަދި އެހީތެރިވާ މީހުންނަށްވެސް....މުސްލިމަކަށް އެއްވެސް ވަރުބަލިކަމެއް، ބައްޔެއް، މޮޅިވެރިކަމެއް، ހިތާމައެއް، އަނިޔާއެއް އަދި ދަތިކަމެއްވެސް ކުރިމަތިވާއިރު ﷲ ތައާލާ އެމީހެއްގެ ބައެއް ފާފަތައް ފުއްސަވާދެއްވާނެ...އެއީ ފަޔަށް ކަށްޓެއް ހެރުނުކަމުގައިވިޔަސް........."ސަޔާރާގެ ކޮންމެ ވާހަކައެއްގައި ﷲ ތައާލާގެ ނަން ގަންނާނެއެވެ. ހަދީސްތަކާއި ވަހީގެ ބަސްފުޅުތައް ހަނދާންކޮށްދޭނެއެވެ. އެ ފަރާތަށްޓަކާ ހިތުގައިވާ ލޯބި ހާދަ ފުނެވެ. އެހާ ހިތްހެޔޮވެފައި، ލޯބި އަދި އެ ލަފުޒުތަކުން ހިތަށް ފިނިކަން ލިބޭފަދަ އެކުވެރިއަކާއިމެދު އޭނަ ޝައްކުކުރަން ހިތަށްވެސް އެރުވީ ކީއްވެހެއްޔެވެ؟ އޭނަ ފޯނު ކަންފަތުގައި ޖައްސާ ބާރުކޮށްލައިގެން ހުރިއިރު އޭނަގެ ލޯ ކަރަންފެށިއެވެ.
"މަންމަގެ ބައްޔަކީ މަންމަގެ އިއްޒަތަށް ކިލަބުކަމެއް އަންނާނެކަމެއްނޫން. އަގު ވެއްޓޭނެކަމެއްނޫން. އަދި ﷲގެ ރަހުމަތުން ބޭރުވާކަމެއްވެސް ނޫން، އޭގެ ބަދަލުގައި އެއީ މިރިއަމްއަށް ލިބުނު ރަހުމަތެއްކަމަށްވެސް ވެދާނެ. މަންމައަށް ޚިދުމަތްކުރުން. މިރިއަމް މަންމައާއި އަޅާލާ އެހީތެރިވެ އެހެޔޮ ކިތަންމެ ކުޑަކަމެއް ކޮށްދިނަސް އެއީ ފަހަރެއްގައި ގިޔާމަތްދުވަހު މިރިއަމްގެ ދަރަޖަ އުފުލެން ދިމާވާ ކަމަކަށް ވެދާނެ.....އެހެންވީމަ މާޔޫސްނުވޭ. މާޔޫސްކަމަކީ ޝައިތާނާގެ ފަރާތުން އަންނަ ކަމެއް.....އުއްމީދާއި ކެތްތެރިކަމާއި ދުޢާ އަކީ ﷲގެ ފަރާތުން އަންނަ އެއްޗެއް..."
އެބަސްތަކުން އޭނަގެ ޒަޚަމްވެފައިވާ ހިތުގައި މަލަން އަޅާދިނެވެ އެކަމަކުވެސް ޝިފްނާ ފެތުރި ޚަބަރާއި އޮރެންޖްކުލައިގެ އިސްތަށި އޭނަގެ ސިކުނޑީގެ ކޮންމެވެސް ދިމާލެއްގައި ހިޔަންޏެއްފަދައިން ހަރުލިއެވެ.
"ސަޔާރާ...އަދިވެސް އިސްތަށިގަނޑުގައި ކުލަ ޖައްސާފަތަ؟" އޭނައަށް އަހާލެވުނެވެ.
"ދޭތެރެއަކުން ހީނާފަތް ކަހަލަ އެއްޗެއް އަޅައިލަން......އެކަމަކު އުފަންވީވެސް ގޯލްޑެން ބްރައުން އިސްތަށިކޮޅަކާއެކީގައި ކަމަށް މަންމަ ބުނީ....ކީއްވެ އެހެން އެހީ؟"
"މިއަދު ފެނުނީ އެކުލައިގެ އިސްތަށިގަނޑެއް....އެހެންވެ ސަޔާރާ މަތިން ހަނދާންވީ.."
"މިރިއަމް އޯކޭތަ؟ ވަޒީފާއަކަށް ދަން؟"
"އަހަރެން ކައިވެނިކޮށްފިން..."އޭނަ ޖެހިލުންވެފައި ހުރެ ބުނެލިއެވެ. އަބަދު އެކަން ސިއްރެއްގެ ގޮތުގައި ދެމިގެނެއް ނުދާނެއެވެ.
"ކައިވެންޏޭ؟.للهم بارك......މަރުހަބާ..."ސަޔާރާގެ އަޑުގައި ޖޯޝާއި ފޯރިވިއެވެ.
"އަހަރެން ބޭނުންވިގޮތަކަށް ނޫން އެކަން ދިޔައީ.."އޭނަ ވަށައިގެން ހޯދައިލިއެވެ. ނަސީބަކުން ޒުބޭރުގެ ހިލަމެއްނުވިއެވެ.
"އަހަންނަށް ނުވެސް އެނގި...ކޮން ދުވަހަކު މެރީކުރީ؟"
"އެއީ ހަމަ ދެން ކުއްލިއަކަށް ހިނގިކަމެއް...."އޭނަގެ އަޑަށް ހިތިކަން ވެރިވިއެވެ." ހަމްޒާ ވައުދު އުވާލީމަ އަހަރެންވެސް އެހާ އަގެއްނެތް މީހަކަށް ވާން ބޭނުންނުވީ.."
"ކޮބާ އެ ފިިރިހެންކުއްޖަކީ؟ އަނެއްކާ އަރަބި ކުއްޖެއް؟" ސަޔާރާ އެހިއެވެ.
"ޒުބޭރު..އެކަމަކު މަށަށް ހަމްޒާ ޖެލަސްވާފަދަ ކަމެއް ނުކުރެވުނު.....އޭނައަށް ދައްކަން ކުރި ކަމަކުން ވީ ކަމެއް ހަރާމް......."އޭނައަށް ފޯނަށް ބާރުކޮށްލެވުނެވެ.
"ކައިވެންޏަކީ މީހުން ހަސަދަވެރިކުރުވަން ނޫނީ ކުޅިވަރަކަށް ކުރާ ކަހަލަ ކަމެއްނޫން. އެހެންނޫނަސް އެހެން މީހުން ގެ ހަސަދައިން ދިރިއުޅުން ހަލާކުވުން ނޫންކަމެއްނުވާނެ.....ޒުބޭރު އޭ ތިބުނީ އަހަރެމެންގެ ރަށުގައި އުޅުނު ޒުބޭރު؟ އޯ މިރިއަމް....އަހަރެމެން އަބަދުވެސް އެގޮތަށް ހީކުރީ...ހަމަ މިރިއަމް ގުޅޭނީ އޭނައާއިހެން...ކުޑައިރުއްސުރެ އޭނަ އަބަދުވެސް މިރިއަމްއަށް ޚާއްސަގޮތެއް ބަހައްޓާ...."ސަޔާރާގެ ހިތް ބިއްލޫރިކޮޅެއްހާ ސާފެވެ. އެ އަޑުގައި އެއްވެސްވަރަކަށް ހަސަދަވެރިކަމެއްނެތެވެ. ހަމަ ހަގީގީ އުފާވެރިކަމެވެ.
އޭގެ ފަހުން މައުޟޫ ދިޔައީ އެހެން ދިމާލަކަށެވެ. ބޮޑަށް އަލި އަޅުވައިލެވުނީ އިޖިފްޓަށެވެ.އެއީ ސަޔާރާގެވެސް ހުވަފެނީ މަންޒިލެކެވެ. އޭނަވެސް ތައުލީމް ހާސިލުކުރަން ބޭނުންވީ އެފަދަ ތަނަކުންނެވެ. މިރިއަމްގެ ޝައްކުގެ ކަށިތައް ނަގަން ހިތްވަރު ލިބެން ފެށީ އެ ވާހަކަތަކުންނެވެ. އެކަމަކު ފޯނު ބޭއްވުމާއެކު އެހެން ކަހަލަ ވިސްނުމެއް ސިކުނޑި ބަނަކޮށްލިއެވެ. ސަޔާރާގެ އަޅުވެރިކަމާއި ދީނީ ތައުލީމް ލިބިފައިވާ މިންވަރަށް ބަލާއިރު އޭނައަށްވުރެ ޒުބޭރުއާއި ގުޅެނީވެސް އެފަދަ އަންހެންކުއްޖަކާއެވެ.
***
އޭނަ އެތައް އިރެއްފަހުން ލޯންޑްރީ ވަށިގަނޑު ހިފައިގެން ހިއްކަން އަޅުވަން ދިޔައެވެ. އެހާވަރުން އެކަމާއި އުޅެވުނީވެސް ކްލިނިކްގައި މަސައްކަތްކުރަންޏާ ޔުނިފޯމްވެސް ގަވާއިދުން ދޮންނަން ޖެހޭނެތީއެވެ. ރޭގަނޑުގެ ވައި ފިންޏެވެ. ފަތްތަކުގެ ދޭތެރެއިން ހަނދުވަރުގެ އަލިކަން ފުރާނާލާފައި އެހިސާބަށް އެޅިފައިވިއެވެ. އޭނަ ލޯންޑްރީ ވަށިގަނޑުން ހެދުންތައް ނެގުމާއެކު ސިހޭގޮތްވިއެވެ. ފެނުގެ އެއްވެސް އަސަރެއްނެތެވެ. ނުދޮވެ ހުރިގޮތަށެވެ. އޭނަ މެޝިން ނުޖައްސަނީ ހެއްޔެވެ؟
އަލުން އޭނަ ގޮސް މެޝިނަށް ހެދުންތައް އަޅާފައި ސްވިޗްގައި އަތް ޖެއްސިއިރު އިނގިލިތައް ރޫރޫ އަޅައެވެ.
"އަހަރެން ހަމަ ރަގަޅަށްވެސް ހަނދާން ނެތުނީތަ؟" އަމިއްލަ ނަފުސާއި ސުވާލުކުރެވުނެވެ. އޭނަގެ ސިކުނޑިއަށް ނުތަނަވަސްކަންވެރިވިއެވެ. އެއާއެކު އޭނަ އަވަހަށް އެ ވިސްނުން ސިކުނޑިން ނެރެލިއެވެ." އަހަރެން ހަމަ ޑިސްޓްރެކްޓްވެފައި ހުރީ...."
ފަހުންވެސް ސިކުނޑިއަށް ކޮށްފައިވާ ބާރާއި އުދަގޫތައް ނުފިލިއެވެ. ޚިޔާލުތައް މާ ގިނަވަނީއެވެ. ފިކުރުބޮޑުވަނީއެވެ. އޭނަވެސް ނަފްސާނީ ޑޮކްޓަރަކަށް ދައްކަންވީއެވެ. މިހާރަކަށް އައިސް ގިނަ މީހުންނަށް "ސްޓްރެސް"އިން އަރައިގަންނަން ނޭގެނީ ކީއްވެހެއްޔެވެ؟
***
އިރު އެރީ އެހިސާބުގައިވާހާ ގަސްތަކަށް ރަންކުލައިގެ އަލި އަޅުވަމުންނެވެ. ފަތިސް ނަމާދަށްފަހު އެތައް އިރެއްވާންދެން ކިޔަވަން އިނދެފައި ހަމްޒާ މިސްކިތުން ނުކުމެގެން އައިއިރު އެތައް ބަޔެއްގެ ނަޒަރު އޭނައަށް ހުއްޓުނެވެ. އެވީ ކުޑަ ދުވަސްކޮޅުވެސް ޑޮކްޓަރ ހަމްޒާ އެތައް ބަޔެއްގެ ހިތްތައް ފަތަހަކޮށްފިއެވެ. އޭނަ ފަތްތަރުމަތީގައި ތިބި ބައެއްމީހުންނާއި ސަލާމްކޮށްލިއެވެ. ކުއްލިއަކަށް ލޮލުގައިއަޅައިގަތީ އަސާއެއްގެ އެހީގައި ކޮޅަށް ހުރި ހަސަންބެއެވެ.
"ހަމްޒާ....ކޮންފަދަ ބޮޑު ހައިރާންކަމެއް..ހަސަންބެ ވަރަށް އުފާވެއްޖެ މި ކޮއިފުޅުގެ މޫނު ފެނުނީމަ. ހަމަ ހީވަނީ އަރަބިކަރައިގެ ރަސްދަރިކަލެއްހެން..........." އޭނަ ކޮރުޖަހަމުން މަޑުމަޑުން ގާތަށް އައެވެ. އުމުރުން ދުވަސްވެ ކުކުޅުފަހާ ދުވާނެ ވަރެއް މިހާރު އެ ފަޔަކު ނެތެވެ.
"ހަސަންބެ މާލޭގައިތަ؟ ހިތަށްވެސް ނާރާކަހަލަ ގޮތަކަށް މި ދިމާވީ....މާލެއަށް ދިރިއުޅުން ބަދަލުކުރީތަ؟" ހަމްޒާ ސަލާމްކޮށްލިއެވެ.
"ޝަހަރުގެ ދިރިއުޅުން މާބޮޑަށްވެސް ކަމުދޭ...ކުކުޅުހާލުގެ އަޑެއް ނީވޭ.."ހަސަންބެ ހިނިގަނޑެއް ޖަހައިލިއެވެ.
އެހެން އެބުނީ ސަމާސާއަށް ކަމަށް ހަމްޒާ ނިންމިއެވެ. އެއުމުރުގެ މީހުންގެ ހިތުގައި އުޅެބޮޑުވި ފަސްގަނޑުދެކެ ޖެހިފައިވާ ލޯތްބަކީ އޭނަ ދަންނަކަމެކެވެ.
"ހަސަންބެ ވަރަށް ދަތުރު އަޅާލަން ދޯ...ހުރިހާކަމެއް ރަގަޅު؟"
"އާނ އާނ.."ހަަސަންބެ އަސާއިން މަޑުމަޑުން ބިންމަތީގައި ޖަހައިލަމުން ގުދުވެލިއެވެ. " އެނގެއެއްނު ރަށްވެސް އަބަދު އެއްގޮތަަކަށް ނޯންނާނެ. މީހުން އައިސް ގޮސްފައި އެކަހަލަގޮތަކަށް އެއޮންނަނީ..ބައެއްކަންތައް މަޑުމަޑުން އަދި ބައެއްކަންތައް ވާފަހުން ހަގީގަތް ތިލަވަނީ...އެންމެންގެ ދިރިއުޅުމަށް އަންނަ ބަދަލުތަކާއިމެދު ހައިރާންހީވާނެ...މިހާރު އެރަށް ފަޅުތަނެކޭ ތަފާތެއްނެތް..މިސާލަކަށް ޒުބޭރު އެހެރީނު. އޭނަވެސް ވަރަށް ފަހުން މީހަކާއި އިނީ..ހަފްތާތަކެއްވާނީ......ގަބޫލުކުރަން ދަތި ދޯ.."
"ޒުބޭރު؟"ހަމްޒާ ސިހޭގޮތްވިއެވެ.
"ހޫމް. އަދި މައްސަރެއްވެސް ނުވާނެ......އަހަރެންވެސް އެކުއްޖާފުޅުގެ ކައިވެންޏަށް ދިޔައިން...ޖަމީލާގެ އަންހެންދަރިއާއި ކައިވެނިކުރީ. އެހެންވެކަން ނޭގޭ އެހެން މީހުން ހަދާގޮތަށް ރަށު އެންމެން އެއްކޮށް ލަވަޖަހާ ނަށާ ތަން އެއްކޮށް ދިއްލާލައިގެން ބޮޑު ސުފުރާ ތައްޔާރުކޮށް އެކަހަލަ ބޮޑު ވަލީމާއެއް ނުބާއްވާ... ހަމަ އާއިލާ މީހުން އެކަނި ބައިވެރިވީ. އެހެންވެ ކަން ނޭގޭ ހަމްޒާއަށްވެސް ދައުވަތު ނުދިނީ....."
ހަމްޒާގެ ސިކުނޑިއަށް ފެންނަންފެށީ މިރިއަމްގެ ވާހަކައިގެ ފެށުމެވެ. ޔަގީންކަމެއްނެތް ވާހަކައަކަށް ވަނީހެއްޔެވެ؟ ދޮގެއް ހެދީހެއްޔެވެ؟ ބޭނުމަކީ ކޮބާހެއްޔެވެ؟
"އެހެންތަ؟"
"އާނ...ޒުވާން ކުދިން ސިއްރުން ކަންތައްކޮށް ނިންމައިލަނީ. ސާދާކޮށް..އެހެން މީހުން ލައްވާ އަންދާޒާކުރުވަން ހަދާ އުކުޅެއް...ޖަމީލާވެސް މަޑުމަޑުން ކަންތައް ހަނދާންނެތެން ފެށުމުން އެ ދަރިފުޅު ބޭނުންވީ މަންމަ ހެޔޮ ހާލުގައި ހުއްޓާ ކައިވެނީގެ ގޮށް މަހައިލަންހެން ހަސަންބެއަށް ހީވޭ..އެމީހުން ޖަމީލާ މާލެ ގެންގޮސް ބަލި ދެނެގަތްއިރު ބޮޑު މައްސަލައެއް ސިކުނޑީގައި ހުރިކަމަށް ލަފާކުރެވޭ.އެއީ ދެން މީހުން އަބަހައްދަ ވާ އުމުރެެއްވެސް ނޫން....."
ހަމްޒާގެ ބުމަކައިރިވިއެވެ. މިރިއަމް އޭނަ ގާތު ބުނީ މާ ކުރިން ކައިވެނިކޮށްގެން ހުރިކަމުގައެވެ. ހަސަންބެގެ ވާހަކަތަކުން ދޭހަވަނީ އެކައިވެންޏެއް ކުރެވުނީ ދާދި ފަހުންކަމަށެވެ. އިޖިފްޓަށްކުރި ދަތުރަށްފަހުގައެވެ. އެންމެ ފަހުން ހަސަންބެ ހަނދާންކޮށްފައި ތާރީޚުވެސް ބުނެދިނެވެ.
ކުއްލިއަކަށް ސިކުނޑިއަށް ބަރުވާންފެށިއެވެ. މިރިއަމް އޭނަގާތު ދޮގުހެދިކަން ޔަގީންވެއްޖެއެވެ.
މިރިއަމް އޭނަ ގާތު އެހާ ބޮޑު ދޮގެއްހަދަންވީ ކީއްވެހެއްޔެވެ؟
***
ގޭގެ ފަހަތުގައި ހުރި ކޮޓަރިއެއްގައި ހުރި ހައިވަކަރު ގޮނޑިއެއްގައި ކުރުގެޅިލައިގެން ހާރިސާ އިނެވެ. އަތުގައި ހުރީ ކަޅު ސައިތަށްޓެކެވެ. ބޯމަތީގައި ކަހަލަގޮތަކަށް އެލުވާފައިވާ ފާނޫޒުން ފާރުތަކަށް ދިގު ހިޔަނިތައް އެޅިފައިވެއެވެ. އޭނަގެ މޫނުމަތީގައި ރޫޖެހިފައިވާއިރު ލޮލުގައިވަނީ ހަރުކަށިކަމާއި ރަހުމެއްނެތްކަމުގެ ކުލަވަރެވެ. ގޭގެ ފަހަތުބަޔަށް ނިކުންނަ ދޮރުގައި މީހަކު ޓަކިޖެހިއެވެ. ތިންފަހަރުއެވެ. ހާރިސާގެ ތުންފަތަށް ފަނޑު ހިނިތުންވުމެއްވެރިވިއެވެ.
"ޢެމީހުން އެއައީ.."
ދެމީހުން ވަދެގެން އައެވެ. އަނދިރީގެ ސަބަބުން ކޮންމެވެސް ކިރިޔާ މޫނު ވަކިކުރަން އެނގެނީއެވެ. އިސްކޮޅުން ދިގުމީހާގެ ލޯ އެކި ދިމާލަށް އުކަމުންދާއިރު ދެން ހުރީ ބާމަތި ފުޅާ ޒުވާނެކެވެ. އޭނަ އަތް ހުރަސްކޮށްލައިގެން ހުރީ މި އަންހެނާއާއި މުޅި ގެއާއި މެދުވެސް ޝައްކުގެ ލޮލަކުން ބަލާފަދަ ގޮތަކަށެވެ.
"ކިހިނެއްމިވަނީ؟ އަޅުގަނޑުމެން ހިލޭ ސާބަހަށް މަސައްކަތް ނުކުރާނެކަން އެނގެއެއްނު.."އިސްކޮޅުން ދިގު މީހާ ވާހަކަދެއްކިއެވެ.
"އަހަރެން ކަމެއްކުރުވަންޏާ އަގުވެސް ދޭނީ....އިށީދޭ..."ހާރިސާގެ ހިނިގަނޑު ކުރަކިވެފައި ކުރެވެ.
އެދެމީހުން ޖެހިލުންވެތިބެވެސް ގޮނޑިތަކުގައި އިށީދެ ހަމަޖެހިލިއެވެ. ހާރިސާ ކުޑަފޮށްޓެއް ނެގިއެވެ. އޭގެ ތެރޭގައިވާ ފޮތިގަނޑެއްގެ ތެރޭގައި ނޫޓުތަކެވެ. އޭނަ މޭޒުމައްޗަށް އެޖެހިއެވެ.
"އަހަރެން ބޭނުންވަނީ އެވަކީލު ދުރަށް ދާން...އޭނަ މަގޭ އާއިލާ ބަދުނާމްކޮށްފި...މާމަދަރިފުޅު ޖަލުގެ ތޭރިތަކުގެ ފަހަތަށް ލުމުގެ ޒިންމާ އޭނަ ނަގަންޖެހޭނީ..މި ބޮޑު ލަދުގައި ހުރެ ދުނިޔެ ދޫކޮށްދާކަށް ބޭނުމެއްނޫން.....ކަލޭމެން ދެމީހުން މިކަންތައް ނިންމާލަދީ.."
އިސްކޮޅުން ދިގު މީހާ ފޮތިގަނޑު ކުޑަކޮށް ހިއްލާލުމުން ފެނުނު ފައިސާބޮނޑިތަކުން ލޯ ދިއްލުނެވެ."މިއީ އެންމެ މަސައްކަތަަކަށް ރަގަޅު އަދަދެއް...އެކަމަކު އެކްސިޑެންޓްތައްވެސް އެހާ އަގު ހެވެއްނުވާނެ. ކަމަނާ ބޭނުންވަނީ އޭނަ މަރައިލަން..."
"ކަނޑު އޭނަ ދިރުވައިލީކަމަށް ހަދާ..ބޯޓު އެކްސިޑެންޓެއް. ކޮންމެވެސް ގޮތަކަށް ކައްސާލައިގެން ވެއްޓިދާނެއްނު..އަހަންނަށް ފަރުވާލެއްނެތް..އެކަމަކު މަގޭ ބޮލުގައި އެއްވެސް ގޮތަކަށް އެޅުވިގެންނުވާނެ. ސާފުވެއްޖެތަ؟"
އެންމެފަަހުން ބާމަތި ފުޅާ ޒުވާނާގެ ފުން އަޑު އިވުނެވެ." މި ވަކީލު...އެއީ ވަންނާނެތަނެއްނެތް ލަޓޯފަޓޯ މީހެއްނޫން. ގާނޫނީ ވަކީލެއް.... އުދަގޫވާނެ..."
"އަހަރެންގެ އުމުރުން ވަރަށް ދުވަސްވެއްޖެ...އަތުން ގެއްލޭނެ މާބޮޑު އެއްޗެއްނެތް..އެކަމަކު އޭނަގެ އަތުގައި ހުރިހާ އެއްޗެއް އެބަހުރި..އަންބެއް، މުސްތަގުބަލް..އެއީ އޭނަ ބަލިކަށިކޮށްލާނެ އެއްޗެހި. އެންމެ ދެރަވާފަދަ ކަމެއް ކޮށްލާ...."
ދެމީހުން އެކަކު އަނެކަކަށް ނަޒަރު ބަދަލުކޮށްލަމުން ހީލިއެވެ."ތިކަންވެއްޖެކަމަށް ބަލާ.."
އެދެމީހުން ދާންވެގެން ތެދުވުމުން ހާރިސާގެ ބަލިކަށި ނަފުސް ގޮނޑިއަށް ދޫކޮށްލެވުނެވެ. ލޯ މަރައިލަމުން ދުޢާކުރަންފެށިއެވެ. ބަދަލުހިފުމުގެ ރޫހުން ކަޅިވެފައިވާ ދުޢާއެކެވެ. ފާނޫޒުން ކަނި ޖަހައިލުމާއެކު އޭނަގެ މޫނަށްވެސް ހިޔަނިއެޅުނެވެ. ޖަމީލާ ބުނި ތޫފާން އޭގެ އަސްލު ސިފަޖެހެން އުޅެނީއެވެ.
ނުނިމޭ