"ފަތިސް ނަމާދާއި ޒިކުރުން ދުވަސްފެށުން، ގުރުއާނުން ކޮންމެވެސް ވަރަކަށް ކިޔެވުން، ހަޔެއްގެ ފަހުން ނުނިދުން، ކޮފީގެ ކުރިން ފެން ބުއިން، ވިއްސަކަށް މިނިޓަށް ބޭސް އަވީގައި ހުރުން، ތެދުވުމަށްފަހު ގަޑިއެއްގެ ތެރޭގައި ނާސްތާ ކުރުން، ދިހަމިނިޓްގެ ހިނގައިލުން، މަސައްކަތްތަށް ފެށުމުގެ ކުރިން ދިހަވަރަކަށް ފަހަރު ފުން ނޭވާލުން، ޝުކުރުވެރިވުން، މިއީ ހައްތާވެސް ޖިސްމާނީ އަދި ނަފްސާނީ ދުޅަހެޔޮކަމަށް ރަގަޅު އަސަރުކުރުވާ އަމަލުތަކެވެ. އަދި ރޫހާނީގޮތުންވެސް ހިތްހަމަޖެހުން ލިބޭނެއެވެ."

***

އޭނަ ތެދުވެ އިށީންއިރު ލޮލުގައި ތެތްކަންވިއެވެ. އޭރު ސިކުނޑީގައި އެއްވެސް މާޔޫސްކަމެއް ހަލަބޮލިކަމެއްނެތެވެ. އޮމާން ކަނޑެއްފަދައެވެ. އެއްވެސް ޚިޔާލެއް ނެތެވެ. ހިމޭންކަމާއި އަމާންކަމެވެ. އަބަދުވެސް އޭނައާއި އެކު ވޮޑިގެންވާ ފަރާތް ވާކަމުގެ އިހުސާސްއެވެ.

"ޔޫ ސީ މީ.އީވެން ވެން އައި ޑިސަޕިއާ"

ޒޭބާ ހަދިޔާކުރި ޖޭސްމިން މާ މުސްހަފް ކައިރީގައި އޮތެވެ. އަދި އެއްވެސް ވަރަކަށް މޯޅިކަމެއްނެތި ތާޒާކޮށެވެ.

***

އަހަރުތަކެއް ކުރިން

ޔޫސުފްޚާންގެ ގޭގައި ކުރިން ތަންކޮޅެއް އަޑުހަރުވެފައި ހާލަތު ގޯހެވެ. ފާރުގައި ގުރުއާނުގެ ކެލިގްރާފީއަށްވުރެ ގިނައީ ރަތް ކުލައިގެ މާކަރަކުން ކުރަހާފައިވާ ޗާޓުތަކެވެ. ޓީވީގެ އަޑުފަށްގަނޑާއި ޕްރެޝާކުކާގެ އަޑާއެކު އަޒިއެލް މަތީބައިގާ ހުރެ އަޑުކޮޅަށް ޅެން ކިޔާއަޑުންވެސް ގޭތެރޭގެ ހިމޭންކަން ނަގާލާފައިވިއެވެ. އަމްރާން ކޮލްޖް ނިންމާފައި އައި ދުވަހެކެވެ. ވަރުބަލިކަންމަތީގައި ހުއްޓަސް އަމިއްލަ ނަފުސަށް އިތުބާރުކުރާފަދަ ގޮތެއް ހުއްޓެވެ. އެހެން މީހުން އޭނަ ޑޮކްޓަރަކަށް ވާން ކުރާ މަސައްކަތް ގަބޫލުނުކޮށްފާނެތީ އައިޑީވެސް ނެގުމެއްނެތެވެ. އަމްރާން ގެއަށް ވަދެ މަންމަ ނުފެނިގެން އުޅުނުއިރު ފަރްޒާނަ ހުރީ ބަދިގޭގައި ކުކުޅު ފިހުމުގައި އަވަދިނެތިއެވެ. އެއްފަރާތުގައި ހުރީ ދެންމެ އަވަނުން ނެގި ކުކީސްތަކެވެ. ދަރިފުޅު ފެނުމާއެކު އުފަލުން ލޯ ވިދައިގަތެވެ.

"ދަރިފުޅު ހާދަ ހިއްކޭ...އެމީހުން ކާން ނުދެނީތަ؟ ބިހާއި ޕްރޮޓީން ކާންވާނެ...އަދި ނިދިވެސް ފުރިހަމަވާންވާނެ......ކައިވެނިވެސް..."

"މަންމާ ފަހަރަކު ކްރައިސިސްއެއް ނަގަންވާނީ.."

އޭނަ މަންމަގެ ނިތްކުރީގައި ބޮސްދެމުން ސިއްރުން ބިސްކޯދެއްނެގިއެވެ. މަންމައަށް ސިއްރުން އެފަދަ ކަމެއް ކުރުމަކީ ވެވޭނެކަމެއް ނޫނެވެ.

"އާޒްހުރީ އަނެއްކާ ވަކި ވައްތަރެއްގެ މޫޑެއްގައި...ކޮޓަރި ތަޅުލައިގެން އެތައް އިރެއްވާންދެން ހުރެފި..ޓޯސްޓަރ އިން ޓައިމް މެޝިނެއް ހަދަނީކަމަށް ބުނީ...."

"ނާނު ހަދާ ޓޯސްޓަރއިންތަ؟"

"އާން ދަރިފުޅު. ކީއްކުރާނީ ދޯ..އެ އަނދައިފިއްޔާ މޫނުމަތީގައި ފައިވާން ހަދާނީޔޯ....ކީކޭ ބުނާނީ؟ އެ ސިކުނޑިން ވިސްނާގޮތް މަންމަމެންނަކަށް ފަހުމެއްނުވާނެ...."

އަމްރާން މަންމައާއެކު ސައި ބުއިމަށްފަހު އަޒިއެލްގެ ހާލަތު ބަލައިލަން އެކޮޓަރިއަށް ދިޔައެވެ. ދޮރުގައި ޓަކިދިނުމުންވެސް ޖަވާބެއް ނުލިބުމުން ދޮރު ހުޅުވައިލިއިރު އޭނަ ތަޅުންމަތީގައި އިށީދެލައިގެން އިނެވެ. ވަށައިގެން ފޮތްތައް އުކާލެވިފައިވީ ބުރުޖުފަދައިންނެވެ. އިސާކް ނިއުޓަން ސޫރަތް ޔާސީން، ކާލްސަގަން އަދި ކުއެންޓަމް ކެމެލް ކިޔާ ކޮމިކެއްވެސް އޮތެވެ. ޓޯސްޓަރ ހުރީ މޭޒުމަތީގައި ބަހައްޓާފައެވެ. ރޫޅާލާފައިވާ އެލާމްގަޑިއަކާއި ބައްތިއަކަށް ނަރުތަކަކުން ގުޅާލާފައެވެ.

"އަހަރެން ބިރުގަންނަންވީ ނޫނީ އިމްޕްރެސްވާންވީތަ؟"

"ދެ ކަންވެސް..ތާރީޚީ ބޮޑު ކަމަކާއި ތްރީ އީކުއޭޝަން ކައިރީގައި މިވަނީ..."

"ތާރީޚީ ކަމެކޭ ތިބުނީ...ގެ އަންދާ ތިރިކޮށްލުމަށް ނޫނީ ނޯބްލް ޕްރައިޒެއް ލިބޭކަހަލަ؟"

"ނޮބްލް ޕްރައިޒް...ފަހަރެއްގައި ޕްރޮފެޓް ލެވެލްގެ ރެވެލޭޝަންސް........އަދި ޑިސައިޑް ނުކުރޭ..."

އަމްރާން ހިނިއައެވެ.އެ ހުނުމުގައި މަލާމާތުގެ އެއްވެސް ނިޝާނެއް ނެތެވެ.

"ޔޫ އޯކޭ އާޒް؟ މުޅި ދުވަހު މިތާގައި...ސްކޫލް މަސައްކަތް ނުނިންމާ ފުޓްބޯޅަ ނުކުޅެ އަދި ބައްޕަ ޚަބަރު ބަލާއިރު ރުޅިއެރުވުމެއްވެސް ނެތް؟"

އަޒިއެލް އިސްއިފުލާ ބަލައިލިއިރު އެދެލޯ އާދަޔާ ޚިލާފަށް ބޮޑެވެ. ކަޅުކަޅިވެސް ކުޑަ ދެ ހަނދު ލައްވާފައި އިންފަދައެވެ."އަހަންނަށް މި ޚިޔާލުތަކުން ނުނިކުމެވޭ....ހުރިހާ އެއްޗެއް ގުޅިފައިވާކަން އެނގޭތަ؟ އާޔަތްތަކާއި އެޓޮމްސް؟ ޑްރީމްތަކާއި ޑެސިމަލްސް...މިސާލަކަށް ޔުނިވާސް ކޯޑެޑްކޮށްފައިވަނީ ޅެމުން ވެއްޖެއްޔާ؟"

"ﷲ ތައާލާ ކޮންމެ ކަމަކަށްވެސް ކުޅަދުންވަންތަ..ހަމަ ތިހެންވެސް ވެދާނެ..އެކަމަކު ޅެންވެރިންނަށްވެސް އަރާމުކުރަން ބޭނުންވޭ، ކާނާވެސް..އަދި ގޭތެރޭގައިވާ ސާމާނުތައް ނޫން އެހެން އެކުވެރިން ހޯދަންވެސް ޖެހޭ....."

އަޒިއެލް ހިންޏެއް ނައެވެ. އޭނަގެ އިނގިލިތައް ކުޑަކޮށް ތަޅުވައިލިއެވެ. އޭނަ ތުންތަޅުވަމުން ދިޔައެވެ. މުލްކު ސޫރަތުގެ އާޔަތެއް ކިޔަވާލާފައި އިސްއުފުލާބަލާލައިފިއެވެ.

"ދޮންބެއަށް އަހަރެން މިއީ ވިއާޑް މީހެއްހެން ހީވޭތަ؟"

އަމްރާން އޭނަގެ ގާތުގައި ތަޅުންމަތީގައި އިށީނީ އަޒިއެލްގެ އޮޅުން ބޮޅުންވެފައިވާ ސިކުނޑި ހަމަޔަކަށް އަޅުވަން އެހީތެރިވުމަށެވެ.

"ނޫން ދޮންބެއަށް ހީވަނީ އާޒް ހަމަ ބްރިލިއަންޓްހެން. އެކަމަކު ބައެއްފަހަރު ބްރިލިއަންޓްވީމަ ލޭންޑްކުރަން ހަދާން ނެތެނީ."

***

ކާކޮޓަރިތެރޭގައި ހުރި ޓީވީވެސް ޖައްސާފައި ހުރުމުން ޔޫސުފްގެ ނަޒަރުވަނީ އެއަށް ހުއްޓިފައެވެ. ޚަބަރުކިޔަން ހުރި ނޫސްވެރިޔާ މާ އަޑުހަރުވެގަތީ މަޖުލިސް އިދާރާތެރޭގައި ހިނގި ޚިޔާނާތެއްގެ ވާހަކަ ދައްކާފައެވެ. އެއްވެސް މީހެއްގެ ސަމާލުކަމެއް ނުލިބުނެވެ. ފަރުޒާނާ އަޒިއެލްއަށް ވަކިން ކާއެއްޗެހި އަޅައިގެން އައިސް ތަށި ބެހެއްޓިއެވެ.

"މެތް ހޯމްވޯކް ހަދައިފިންތަ އާޒް؟" ޔޫސުފް އެހިއެވެ.

"ޔުނިވާސްގެ މެތް ހެދީ.."

"ވީއިރު....ހޯމް ވޯކް ނަހަދަން؟"

އަޒިއެލް ފާޑަކަށް ހީލިއެވެ. އަމްރާން ވަގުތުން ސުލްހައިގެ މަސައްކަތަށް ވަނެވެ." މާދަން ނިންމާނީ ދޯ އާޒް....މިއަދު މާ ޚިޔާލުތައް ގިނަދުވަހަކަށް ވީމަ..."

"އީންސްޓައިންގެ މަންމަވެސް ބުނާނީ ތި ލައިންތައް ކަން ނޭގޭ...އެކަމަކު އޭނަ ނުޖެހޭނެ ޓޯސްޓާ ހަދަން....."

އެންމެންގެ ތުންފަތަށް ލުއި ހިނިތުންވުމެއްވެރިވިއެވެ.

އަމްރާންގެ ކޮޓަރީގެ ކުޑަދޮރުތައް ހުޅުވާފައި ހުރުމުން ފިނި ވައިރޯޅިތައް ވަންނަމުން ދިޔައީ ރޭގަނޑަށް ފޮޅޭ މާތަކުގެ މީރުވަސް ހިފައިގެންނެވެ. އޭނަ މެޑިކަލް ނޯޓްސް ތައް ބަލަން އޮތްއިރު ދޭތެރެއަކުން ޚިޔާލުތައް އެހެން ދިމާލަކަށްދާން އުޅެއެވެ. އިރުގަނޑެއްނުވަނީސް އަޒިއެލް ވަންތަން ފެނުނެވެ. އޭނަގެ އަތުގައި ނޯޓްފޮތެއްއޮތެވެ.

"އަހަންނަކަށް ނުނިދުނު..ސިކުނޑިއަށް ހުއްޓުމެއްނެތް...މިތާ މަޑުކުރެވިދާނެތަ؟" އަޒިއެލް އެހީ އަދަބުވެރިކޮށެވެ. އަމްރާން ޖަވާބެއްނުދީ އެނދުން ތަންދޭން އެއްފަރާތަކަށް ޖެހިލުމް އަޒިއެލް އެނދަށް އަރާފައި ސީލިންއަށް ނަޒަރު ހުއްޓާލައިގެން އޮތެވެ.

"މިވަރަށް ފިކުރުކުރާމީހުންނަށް....ގޯޑް ވިލް ގެޓް ޓަޔަޑް އޮފް އަސްތަ؟"

ނޫން....ސިކުނޑިތައް މަޑުޖެހި އެމީހުން އަޑުއަހަންދެން ހީވިލް ވެއިޓްހެން ހީވަނީ......"

"އަހަރެންދެކެ ބިރުގަނޭތަ؟"

އޭނަ އަޒިއެލްގެ އިސްތަށިގަނޑު ހާވާލީ އޭނަ އަޒިއެލް ކުޑައިރުވެސް ފަދައިންނެވެ.

"ނޫން. އާޒްގެ ސަބަބުން ދޮންބެ އިތުރަށް ރަގަޅުމީހަކަށްވާން ބޭނުމީ އޭރުން އާޒްއާއި ފައި ހަމަކުރެވޭނީ. އަދި ވެއްޓިގެންދާއިރު ހިފެހެއްޓޭނީ..."

"އެކަމާއި ނުވިސްނާ. މިރޭ އުދުހޭނީ ތަންކޮޅެއް ތިރިން.."

ދެބެން އެގޮތުގައި ތިބެ ހުވަފެނުގެ ހިތްގައިމު އާލަކަށް ދަތުރުފެށިއެވެ. އެކަކު ދުނިޔޭގެ ކަންތައްތަކުގައި އުޅެ ވަރުބަލިކަންމަތީގައެވެ. އަނެކަކު ދުނިޔެއާއި ރޭސްޖަހަމުންނެވެ. އެހިމޭން ކޮޓަރީގައެވެ. އެއީ އަދި އެ ތޫފާނަށް ނަމެއްވެސް ދިނުމުގެ ކުރިންނެވެ.

***

ދެ މަގުންވެސް ހޫނު އާވި އަރައަރާ ހުއްޓެވެ. އަޒިއެލް ބިސްކޯދު ކާންފެށީ ސައިގެ ތެރެއަށް ގަންބާލައިގެން ފޯކޮށްގެންނެވެ. ކުޑަކުއްޖެއްފަދައިންނެވެ. ފަރުޒާނާ ވަކި އެއްޗެއް ނުބުނެއެވެ. އަޒިއެލް ގެ ފަރާތުން ހުރިހާ އުމުރެއްގެ މީހުންގެ ހަރަކާތްތައް ފެނުމަކީ އާއްމުކަމެކެވެ.

"އަހަރެން އަދިވެސް ހިތަށް އަރަނީ ގުރުއާނުގައިވާނެއޭ ކޮސްމިކް ދޮރުތައް ހުޅުވާނެ ހިސާބު ކޯޑެއް...އެ ހޯދަންވީ. ގުރުއާނުގެ ކޮންމެ އަކުރެއްގައި ބައިވަރު ސިއްރުތައްވާހެންވެސް ހީވޭ.. އިހުސާސްވޭ............"

"ފުރަތަމަ ހިނގާބަލަ ދޮންނަ މެޝިން ހުޅުވަން....ތި ގަމީސް ލާތާ ހަފްތާއެއްވެއްޖެ...."އަމްރާން ބުނެލިއެވެ.

"މެޝިން ހަލާކުވީތަ؟"

"އާޒް އެއަށް މާމުއި އެޅީނު......"

"އާހް....އެބުނާހެން.....ކުޅަދުރުތައް ހިމާޔަތްކުރަން ނިޒާމެއް...."ދެމީހުން އެކީގައި ހޭންފެށުމުން ފަރުޒާނާ ފުން ނޭވާއެއްދޫކޮށްލިއެވެ.

"އާޒް...ދޮންބެއާއެކު ހިނގާ ތެރަޕީ ސެޝަނަކަށް ދާން....ބައެއްފަހަރު އެހެން މީހުންނާއި ގުޅިގެން އުޅެންވެސް ދަސްކުރަންވާނެ.."

"އެކަމާ އެބަވިސްނަން..."

***

ކްލިނިކް ހުންނަނީ ޝަހަރުގެ ތަންކޮޅެއް ހިމޭން ހިސާބެއްގައެވެ. ކުރިމަތީގައި އޮތީ ފެހިކަން ގަދަ ވިނަގަނޑެކެވެ. ހުރިހާ މޫސުމެއްގައިވެސް ވަރުގަދަކޮށް ހުންނަ މޭޕްލް ގަހެކެވެ. މޭވާ ވިއްކާ ކަޑާތަކާއި ލުއިކާނާ ވިއްކާ ފިހާރައެއްވެސް ފަހަނަޅާފައި ގޮސް ވަދެވޭ ރަތާއި ހުދުގެ ގެއެކެވެ.އެއީ ހޮސްޕިޓަލަކަށް ނުވެފައި އެހާވަރަށް ސާފުތާހިރުކޮށް ބަލަހައްޓަމުންދާ ތަނެއްވެސް ނޫނެވެ. ފާރަށް ވެޔޮތަކެއް އަރުވާފައިވާއިރު ވައިލެޓްކުލައިގެ މާތައް ހިނިތުންވެލައިގެން މަރުހަބާ ކިޔަނީއެވެ. ކްލިނިކްގެ ނަމާއިއެކު "ހީލިން ވިތް ޑިގްނިޓީ" އެލަފުޒުވެސް ލޮލުގައި އަޅައިގަތެނެވެ. އަމްރާން މި ކްލިނިކް ހޮވީ ހުރިހާގޮތަކުން ވިސްނާލާފައި އެންމެން އެކަށީގެންވާ ކަމަކަށް ފެންނާތީއެވެ. އެހާ ދެއްކުންތެރިކަމެއް ނެތި އަދި އެހާ ހޮސްޕިޓަލް ފާޑެއްވެސް ނެތީމައެވެ. ގެއެއްގެ އިހުސާސްކުރެވޭފަދަ ތަނެކެވެ. ކައުންޓަރުގައި ހުރީ ހިޖާބު އަޅައިގެން ހުރި އަންހެންކުއްޖެކެވެ. އޭނަ އަޒިއެލްގެ ނަމުން ގޮވާލާފައި ސަލާމްކޮށްލިއިރު ފައިސަލާ ކުރާގޮތެއް ނޫނީ ހަމްދަރުދީއެއް ނުފެނެއެވެ. އޯގާތެރިކަން އެކަނިއެވެ. އެވަރުން ފުދެއެވެ.

އަޒިއެލް އެތެރެއަށްވަދެ ސޯފާއަކަށް ވެއްޓިގަތްގޮތަށް މަޖައްލާއެއްގެ ސަފުހާތައް އުކަމުން ދިޔަސް އެއަށް ނަޒަރު ހުއްޓިގައެއްނެތެވެ. އަމްރާންވެސް ފޯނުން ސްކްރޯލް ކުރަމުން ދިޔަސް ބަލައިނުލެވެއެވެ.

"ސޯ....ކޮބާ ޕްލޭނަކީ؟ އަހަރެން ޖެހެނީ ބީރައްޓެއްސަކަށް ހުރިހާ ސިއްރެއް އޮއްސައިލަން.........ބާލީހަކަށް ކަރުނަ އަޅާފައި ނިކުންނައިރު މުޅިން ރަގަޅުވެގެން؟"

"އެހާ އަވަހަށް ހައްލު ލިބޭނެނަމަ ކޮންފަދަ ރަގަޅުވީސް.މިތަނުގައި އޮންނަ ގޮތަކީ އާޒް ގިނައިން ވާހަކަދައްކާނީ...އެމީހުން އަޑުއަހާނެ..ބައެއްފަހަރު އާޒްއަށް ހަމަ އެމީހުންނާއި އަރައިރުންވެވިދާނެ އޭރުންވެސް އެމީހުން އަޑުއަހަން ތިބޭނެ......."

"މެރީޑް ކަޕްލްއިން އުޅޭގޮތަކާއި ވައްތަރީ......ވަރަށް ޝައްކު......"

"އެވަރުގެ ކެތްތެރިކަމެއް ރޫހާނީގޮތުން ލިބުނު ދުވަހަކުން ދޮންބެ އާޒް ގާތު ބުނާނަން..."ދެމީހުން ހީލިއެވެ.އިރުކޮޅެއްފަހުން އޯގާތެރި އަޑަކުން އަޒިއެލްއަށް ގޮވައިލާފައި އެދުނީ އެތެރެއަށް ވަނުމަށެވެ. އެތެރޭގައި ހުރީ ލޮލަށް ފަސޭހަ އަލިކަމެކެވެ. މަޑުމަޑު އަޑަކާއެކު ކަށި އޭގެ ވާޖިބު އަދާކުރަމުން ދިޔަ ގަޑިއެއް ބިތުގައި ހަރުކޮށްފައިވާއިރު އިސްލާމިކް ކެލިގްރާފީވެސް ވިއެވެ. ޟުހާ ސޫރަތާއި ނޫރު އާޔަތްތަކެވެ. ބިސްމިﷲ އަޅާފައިވާ ފްރޭމެއް ވަކިން ހުއްޓެވެ. ތެރަޕިސްޓަކީ އުމުރުން ސާޅީހަކަށް އަހަރުގެ މީހެކެވެ. ލޮލުން ފެންނަނީ ހަމަޖެހުމެވެ. އޭނަ އިނީ އެކަހެރިކޮށްހުރި ގޮނޑިއެއްގައި އިށީދެލައިގެންނެވެ.

"ސަލާމް އަޒިއެލް...ވަރަށް އުފާވެއްޖެ އައީމަ.."

"މަކަރު ހަދައިގެން ރިޝްވަތުދީގެން އަދި ނަފްސާނީގޮތުން ބްލެކްމެއިލްކޮށްގެން ގެނައީ..."

"އިމްޕްރެސިވް...ތިން ކަން ހަމައެއްކޮށް؟"

"އަޅުގަނޑުގެ ބޭބެއަކީ ޑޮކްޓަރެއް....ކުށްވެރި އިހުސާސްތަކީ ދޮންބެގެ ކްލިނިކަލް ހަތިޔާރެއް..."

ތެރަޕިސްޓް ގެ ހުނުމުގައި އަޒިއެލް ބައިވެރިވިއެވެ.

"އަޒިއެލް ބުނެބަލަ...މިތަނަށް އައީ ކޮން މަގުސަދެއްގައި ކަމަށް ވިސްނަނީ؟"

އަޒިއެލް އިރުގަނޑެއްވާންދެން ވިސްނަން އިނެވެ."މާ ހަލުވިކޮށް ވާހަކަދައްކާތީ....ހުވަފެން ތަންކޮޅެއް ވަރުގަދަޔަށް ދެކޭތީ...އެހެން މިހުން ގަބޫލުނުކުރާކަންތައް ގަބޫލުކުރާތީ...އަދި "އެޕިސޯޑްސް"ތައް އަންނާތީ. އަދި އެހެން ނައިއްޔާ އެކަމަށް އެހެން އެންމެން އިންތިޒާރުގައި ތިބޭތީ..."

"އެހެން މީހުން އިންތިޒާރުކުރާ ކަމަކާއި އަޅާނުލާ....... އަޒިއެލް ވެއިޓްކުރަނީ ކޮންކަމަކަށް؟"

އަޒިއެލް ބިތުގައި ހުރި ގަޑިއަށް ބަލަން އިނުމަށްފަހު ދުރަށް ބަލަންފެށިއެވެ." އެހެން މީހުން ބިރުނުގަންނަ ވާޝަންއަކަށް..."

***

އަމްރާން ލައުންޖްގައި އިށީދެލައިގެން އިންއިރު ފޯނުގައި އަތެއްނުލައެވެ. އޭނައަށް އިސްތަށިގަނޑުގައި އަތް ހާކައިލެވުނީ ކަންބޮޑުވުމާއި ނުތަނަވަސްކަމުގެ ހަކަތަ ހަށިގަނޑުގައި އުފެދުމާއެކުގައެވެ. އޭނަ ކަންބޮޑުވަނީ އަޒިއެލް ބިރުގަނެފާނެތީއެއްނޫނެވެ. އޭނަ ކަންބޮޑުވަނީ އުއްމީދު އޮތްވަރުންނެވެ. އަޒިއެލްގެ ސިކުނޑިއަށް ވަދެ އެހީވުމަށް ތެރަޕިސްޓަށް ފަސޭހަވުމަށް ދުޢާކުރެވުނެވެ. މަންމަވެސް ދެފަހަރު ގުޅައިފިއެވެ. އޭނަ ފޯނު ނުނެގީވެސް ހާސްވެފައިވާވަރުންނެވެ. މަންމަ އެންމެފަހުން މެސެޖް ކުރަންފެށިއެވެ."އާޒް އެތެރެއަށް ވަންތަ؟ އިށީން ތަ؟ ވާހަކަދެއްކިތަ؟"

އޭނަ އަށް ވާނުވާ ނޭގޭތީ ޖަވަބެއް ނުދީ އިނެވެ.

ކުރިމަތީގައި ހުރި ގޮނޑިއެއްގައި އިން އަންހެނަކު ހެޑްފޯން އަޅައިގެން އިން ކުއްޖަކަށް ޖޫސް ޕެކެޓެއް ދިއްކޮށްލިއެވެ. އަމްރާން އެމީހުންނަށް ބަލަހައްޓައިގެން އިނީ އެހެން ކައުނަކުން އައިސްފައިވާ މީހުންނަށް ބަލާފަދައިންނެވެ.

***

"އާޒްގެ ޚިޔާލުތައް ނުރައްކާތެރިހެން ހީވޭތަ؟"

"ހަމައެކަނި ވާހަކަތައް ހިއްސާނުކޮށްފިއްޔާ....ނޫނީ އެއީ މުގައްދަސް ޥިސްނުންތަކަށްވެފައި އެހެން މީހުންނަށް އެނގެން ނުޖެހޭނެކަމަށް ވަންޏާ..."

"ﷲތައާލާ އަޒިއެލްއާއިމެދު ރުހިވޮޑި ނުގަންނަވާކަމަށް ގަބޫލުކުރަންތަ؟"

އަޒިއެލް އެ ސުވާލަށް ވަގުތުން ޖަވާބެއްނުދިނެވެ.އޭނަގެ އަޑުމަޑުވިއެވެ.

"ބައެއްފަހަރު...އެކަމަކު އެހެން ފަހަރު އަހަންނަށް އިހުސާސްވަނީ އަހަންނަކީ އެންމެ ޚާއްސަ އިންސާނެއްހެން..."

އަޒިއެލް އެތަނުން ނުކުތީ ޖީބަށް އަތް ޖަހާލައިގެންހުރެއެވެ. އޭރު އުޑުމައްޗަށްވަނީ ރަން ފިޔާތޮށިކުލައެއް ވެރިވާން ފަށާފައެވެ. އަމްރާންވެސް އަވަހަށް އިންތަނުން ތެދުވުނެވެ.

"ކިހިނެއް ދިޔައީ؟"

"ބައެއް ސުވާލުތައް ކުރީ...ބައެއް ސުވާލުތަކަށް ޖަވާބުދިނިން. ޖޯކެއްވެސް ކިޔައިލިން. ނުރޮން... ނަސްރު ލިބިއްޖެ..."

"އެހެންވެއްޖެއްޔާ ހަމަ ރަގަޅު ފެށުމެއް..."ދެމީހުން އެކީގައި ހިނގައިގަތްގޮތަށް މަގަށް ނުކުތެވެ. ހިމޭންކަމާއެކު ކުރިއަށް ދިޔައެވެ.

"އޭނަ އެހި ގޯޑް ރުހިވޮޑިނުގަންނަވާކަމަށް ގަބޫލުކުރަން ހެއްޔެވެ؟"

"ކީކޭ އާޒް ބުނީ؟"

"އަހަންނަށް ނޭގެއޭ. އެކަމަކު އަހަންނަކީވެސް ފަހަރެއްގައި އަޑު އެއްސެވުމަށް ހަމަ ވޯތް މީހެކޭ..."

"އާނ.....ކުއެންޓަމް އެންޖެލްއާއި އަދި ޓޯސްޓާ ހަދީސް ޑިކޯޑަރަކަށް ހަދަން މަސައްކަތްކުރިޔަސް ހަޅޭއްލެވިޔަސް ދޯ......."

އަޒިއެލް ހޭންފެށިއެވެ. ފުރަތަމަ ފަހަރަށް އެ ހުނުމުގައި މޮޔަގޮތެއްނެތެވެ. ހިތްގައިމު ހުނުމެކެވެ.

"އެމީހުން އަހަރެން އަލުން އަޔަ ދޭނެހެން ހީވޭތަ؟"

"ގޮނޑިތައް ސައިކޯއެނެލައިސް ނުކުރަން ވައުދުވީމަ..."

އެރޭ ފަރުޒާނާއަށް ރޭގަނޑު ތަންކޮޅެއް ހަމަޖެހިލައިގެން ހުރެ ސުފުރާ ތައްޔާރުކުރެވުނެވެ. އަޒިއެލް ތެރަޕީއަށް ދިޔުމުން ހިތަށް ހަމަޖެހުން ލިބުނެވެ. ޔޫސުފްވެސް އެކަމާއި ގުޅޭގޮތުން އިތުރު ސުވާލެއްނުކުރެއެވެ. ބަތް ހުރީ ތަންކޮޅެއް ފުއްޕާފައެވެ. އަޒިއެލްވެސް ބަތް ފުކިތައް ވަކިކޮށްލުމެއްނެތި ކާންފެށިއެވެ. އޭގެ ފަހުން އޭނަ ކުޑަދޮރުކައިރީގައި ނޯޓްފޮތް ހުޅުވާލައިގެން އިނެވެ. ކޮންމެހެން ބޯގޮވާފަދަ އީކުއޭޝަންތަކާއި އިލާހީ ސިއްރުތަކުގެ ވާހަކަތަކެއް ނޫނެވެ. ހަމައެކަނި ޅެމުގެ ބައިތުކޮޅެއް ލިޔުނެވެ.

"ތޫފާނެއް އަރައިގެން އަންނަހިދު..

ހިމޭންކަން ތިބާ ގެއަށް ގެނެސްދޭން ދޫކުރާށެވެ.

އެވަގުތު ގުގުރިވެސް އަރާމުކުރެއެވެ."

އަމްރާންއަށް އެ ސަފުހާ ފެނުމުން ހީލިނަމަވެސް އިތުރު އެއްޗެކޭ ނުބުނެ އޭނަ ގާތުގައި އިށީދެލައިގެން އިނީއެވެ.

ނުނިމޭ