"އެންމެނަށްވެސް ވަގުތު ލިބިގެންވަނީ އެއްވަރަކަށެވެ. ބައެއް މީހުން އޭގެ ބޭނުން ފުރިހަމަގޮތުގައި ހިފާއިރު އަނެއް ބަޔަކު ބޭކާރުގޮތުގައި ދުއްވައިލަނީއެވެ. ވަގުތުގައި ބަރަކާތް ލެއްވުމަށް އެދި ދުޢާކުރާށެވެ. ވަގުތު ފާއިތުވެގެން ހިތާމަކުރުމަކުން އެ ދުވަސްތަކެއް އެނބުރި ނާންނާނެއެވެ."

***

އެދެމައިންގެ ދޭތެރޭގައި ހިމޭންކަމުގެ ފާރެއްލެވުނެވެ. އެކަކުވެސް އެފާރު ވައްޓައިލާކަށް ނޫޅުނެވެ. މިރިއަމްގެ އެ އަޅާނުލުމަކީ ހަގީގަތުގައި ނަފްރަތުގެ ސަބަބުން ވިކަމެއް ނޫނެވެ. ނަމަވެސް ޔަގީނުންވެސް މަންމައާއި އަޅާލުމެއްނެތި ދުުރުވާންފެށީ ލަސްލަހުން އެކަމަކު ޝައްކެއްނެތް މިންވަރަކަށެވެ.

މިރިއަމް ކައުންޓަރުގެ ފަހަތުގައި ހުރި ގޮނޑިއެއްގައި ބަލިމީހުންގެ ޗާޓުތަކުގެ ކަރުދާސްތައް ބަލަމުން ދިޔަސް އެންމެ ލަފުޒެއްވެސް ސިކުނޑިއަކަށް ނަގައިނުގަނެވުނެވެ. ޚިޔާލު ވީ މުޅިން އެހެން ދިމާލެއްގައެވެ. އޭނައަށް ފެންނަނީ ކުރީ ދުވަހު ބާޒާރުކުރަން ގޮސް އުޅުމުގެ ތެރޭ އެތަނުން ދިމާވި ހަމްޒާއާއި ހަނާންއެވެ. މީހުންގެ ތެރެއިން ފުރޭނިގެން މަޑުމަޑުން ކުރިއަށް ދިޔައީ ވަރަށްހަމަޖެހިގެން ކޮންމެވެސް ވާހަކައެއް ދައްކަމުންނެވެ. އެހެން އެއްވެސް ޚިޔާލެއްނެ ފިކުރެއްނެތްފަދައެވެ. ހަނާން ހަމްޒާގެ އަތުގެ މުލައްދަނޑީގައި ހިފަހައްޓައިގެން ހުރީ ގެއްލިދާނެތީ ބިރުން އުޅޭ ފަދައަކުންނެވެ. ކޮތަޅުތައް އުފުލީ ހަމްޒާއެވެ. ލޯބިވާ ފިރިއެއްގެ ވާޖިބު ފުރިހަމައަށް އަދަކުރާކަން އިއުލާން ކުރަނީއެވެ. މިރިއަމް ގެ ނަޒަރު އެހެން ފަރާތަކަށް ގެންދަން ޖެހުނީ ނަފުސްގައިވި ހުރިހާ ބާރެއް އެއްކޮށްލައިގެންނެވެ.

ޚިޔާލީ އާލަމަކަށް ގެއްލިފައި އިނދެ ކުޑަކޮށް ބުމަވެސް ގޮށްޖެހި ލޯ ހަނިކޮށްލެވުނެވެ. ދުނިޔެއަކީ ކިހާ ކުޑަތަނެއްހެއްޔެވެ؟ އެބަޔަކަށް ފިލައިގެން އުޅެން ބޭނުންވާ މީހުން މޫނު ޖެހޭހާ ކައިރިވަނީ އެނގުމެއްނެތިއެވެ.

"ފޫހި......." މިރިއަމްއަށް އެހެން ބުނެވުމާއެކު މީހަކު އައިކަމުގެ ހިލަންވުމާއެކު "ހަމްޒާ"ގެ ނަން ހިތަށް ގެނެވުނު ސަބަބެއް ނޭގުނެވެ. ސިކުނޑިއަކީ އަޖައިބެއްފަދަ ފުރޭލައެކެވެ. ބައެއްފަހަރު އެހެންކަލަ ބާރެއް ލިބިފައިވާހެންވެސް ހީވެއެވެ. އެއީ ޔަގީނުންވެސް އެފަދަ ވަގުތުކޮޅެކެވެ.

ކައުންޓަރު ކުރިމަތީގައި ހުރީ ހަމްޒާއެވެ. ކަޅުފެހިކުލައިގެ ޓީޝާޓަކާއި ޖިންސެއްގައި ހުރުމުން ތަންކޮޅެއް ސްޓައިލިޝްކޮށް ދައްކައެވެ. ބޭރުން ވެހުނު ވާރެއިން އިސްތަށިގަނޑުގައި ފެން ހަރުލާފައިވިއެވެ. އަތުގައި ކޮންމެވެސް ކަހަލަ ފައިލެއް އޮތެވެ. އޭނަ ސިހުނުވަރުން ކޮޅަށް ތެދުވުނުގޮތަށް ލޯ ބޮޑުކޮށްލައިގެން ހުރެވުނީ ގަނޑުވެފައެވެ. ދެމީހުންވެސް އިރުކޮޅަކަށް ބުނާނެ އެއްޗެއް ނޭގިފައި ތިބެވުނެވެ. އޭނަގެ ލަފުޒު އިވުނުބާވައެވެ. ބުނެވުނީ ބާރަށް ހެއްޔެވެ؟

"މިރިއަމް......"ހަމްޒާގެ ރާގުގައިވީ ހައިރާންކަމެވެ. ސުވާލެއް ކުރުމުގެ ބަދަލުގައި އޭނަ ބުނެލީ ޔަގީންކަމާއެކުގައެވެ." މިތާ މަސައްކަތްކުރަނީ....."

"ބަލިމީހަކަށް ޒިޔާރަތްކުރަން؟" އޭނަ ބޯ ޖަހައިލިއެވެ.

"ޑޮކްޓަރ އާދިލް...." ހަމްޒާގެ ނަޒަރު ދުރުކޮށެއްނުލައެވެ." ކޮމިއުނިޓީ ހެލްތްވޯކްގެ މަސައްކަތަކާއި އޭނަ އެހީތެރިވޭ..."

"މަންމަ ކިހިނެއްތަ؟"

"ބައެއް ދުވަސްތައް އޯކޭ އަނެއް ބައި ދުވަހު މަޑުން.."އޭނަގެ އަޑުގައި ޖެހިލުމެއްވިއެވެ.

"ޕެޓްސްކޭން މެޝިން ދެހަފްތާއެއްގެ ތެރޭގައި ލިބޭނެ. އަހަރެން ބޭނުން މަންމައަށްވެސް އެޕޮއިންޓްމެންޓެއްހައްދަން....އޭރުން ބޮޑަށް ބަލި ދެނެގަނެވި ޕްރޮގްރެސްވެފައިވާވަރުވެސް ދެނެގަނެވޭނެ..."

އޭނަގެ ޚިޔާލަށް އައީ ސުޕަމާކެޓުން ދިމާވި ހަނާންއާއި ހަމްޒާއެކީ ތިބިތަނެވެ. ދެން ފެނުނީ ޒުބޭރުގެ ސޫރައެވެ. އެދެމީހުންގެ ލޯތްބެއް ގުޅުމެއްނެތް ކައިވެންޏެވެ. އޭނައަށް ދިމާވާ ކޮންމެ ހިތާމައެއް، ބަދުނަސީބެއްގެ އިލްޒާމް އެޅޭ ފަރާތަކީ ހަމްޒާއެވެ. ހަގީގަތަކީ ހަމްޒާއަށް ދިރިއުޅުމުގެ ހުރިހާ ކަމަކަށް ބާރު ނުފޯރުވޭނެއެވެ.

އޭނަ އެހެން ދިމާލަކަށް ބަލަން އިނދެފައިވެސް ހަމްޒާއާއި ހަތަރުކަޅިހަމަކޮށްލެވުނެވެ. ހަމަޖެހުމުގެ ދެވަނައެއްނެތް ތޫނު ދެލޮލެވެ. އެފަދަ ނިޔަތެއް ނެތަސް ވާހަކަދެއްކުނީ ތަންކޮޅެއް ބާރަށެވެ." އެއަށްފަހު ކީއްކުރާނީ؟ އަހަންނަށް މަންމަ ގެއްލިގެންދާނީ ކިހާ އަވަހަކަށް ކަން އެނގޭފަދަ ރިޕޯޓެއް ދޭނީ..."

"އޭރުން ގުޅޭ ބޭސް ދެވޭނެ..ކެއާ ޕްލޭނިންއާއި އެއްޗެހި އެނގި ބޮޑަށް ތައްޔާރުވެވޭނެ ދޯ...ކުރިއަށް އޮތީ ކޮން ކަންތަކެއްކަން އެނގުމުން މިރިއަމްއަށްވެސް ފަސޭހަވާނެ..."

"އަނގައިން ބުނެލަން ވަރަށް ފަސޭހަ....."އޭނަގެ ހުނުމުގައި އުފާވެރިކަމެއްނެތެވެ.

"އެއީ ފަސޭހަކަމެއްނޫން. އެކަމަކު މުހިއްމު..."

ދެމީހުންގެ ދޭތެރެއަށް ވެރިވި ހިމޭންކަން ދިގުދެމިގެންދިޔައެވެ. އޭނަ ފަސްއަހަރުވާންދެން އިންތިޒާރުކުރިއެވެ. ހަމްޒާ ވައުދު އުވާލީއެވެ. ދުވަހަކުވެސް ހިތުން ފިލުވާނުލެވޭނެއެވެ. އެވަރު ހަމްޒާ ދަނެގެން ހުރިއްޔާ ރަގަޅެވެ. މާ މާތް މީހަކަށްވެގެން އަލި މޫނެއް ދައްކައިގެން ހުރިއިރު އެގޮތަށް ވައުދުވީ ކިތައް އަންހެންކުދިންނަށް ކަން ދެނެވޮޑިގެންވަނީ ހެއްދެވި ފަރާތެވެ. އޭނައަށް އެއްޗެކޭ ނުބުނެވެނީސް ކޮރިޑޯއިން ނުކުތް ނަރސް އަކު ހަމްޒާގެ ނަމުން ގޮވައިލިއެވެ. ހަމްޒާ އޭނައަށް ކުޑަ ހިނިތުންވުމެއް ދިނުމަށްފަހު ދާން ހިނގައިގަތެވެ. މިރިއަމްއަށް ހަމްޒާ ހުއްޓި ހުރިތަނުން ލޯ ވަކިކޮށްލަންވެސް ފަސޭހައެެއްނުވިއެވެ. އިރުކޮޅަކުން ބޯ ހަލުވާލާފައި" ބޭވަފާތެރި ހަމްޒާ" ސިކުނޑިން ނެރެލައިފިއެވެ. ބަދަލުގައި ފެނުނީ މަންމަގެ މޫނެވެ. "ދެ ހަފްތާ" އާއި "ޕެޓްސްކޭން" އޭނަގެ ސިކުނޑިއަށް އުދަގޫކުރުވަނިވި އެއްޗަކަށްވިއެވެ.

ހަމްޒާއާއި ބައްދަލުވުމަށްފަހު ޑިއުޓީގައި އިނަސް އޭނައަށް މަސައްކަތަށް ސަމާލުކަމެއް ނުދެވުނެވެ. އޭނަ ބަލިމީހެއްގެ އެޕޮއިންޓްމެންޓް ސްލިޕްކޮޅެއްގައި ލިޔެލުމަށްފަހު ފައިލްކުރަން އެއްފަރާތުގައި ބޭއްވިއެވެ. އިރުގަނޑެއްފަހުން އެ ސްލިޕްކޮޅު ބޭއްވިތަނުން ނުފެނިގެން ވަށައިގެން ހޯދައިލެވުނެވެ. އެއްވެސް ދިމާލަކުން އެ ކަރުދާސްކޮޅު ނުފެނުނީ ކީއްވެހެއްޔެވެ؟ އުދަގޫދެނިވި ނުތަނަވަސްކަމެއް މޭގައި އުފެދުނެވެ. ފަހަތަށް ޖެހިލާފައި ޔުނިފޯމްގެ ޖީބާއި ތަޅުންމަތި އަދި ގޮނޑީގެ ހުރިހާތަނެއް ހޯދައިލެވުނެވެ.

"އެ ސްލިޕްކޮޅު ގެއްލުނީ ކިހިނެއްތަ؟"މިރިއަމް އަމިއްލަ ނަފުސާއި ސުވާލުކޮށްލިއެވެ. ހިތަށް ފިނިވާގޮތްވިއެވެ.

އޭނަ އެހެން ގަނޑުކޮޅެއްގައި ބަލިމީހާގެ މައުލޫމާތު ލިޔެލުމަށްފަހު ފޮރުވިޔަސް ނުތަނަވަސްކަން ސިކުނޑި ކޮންނަން ފެށިއެވެ. އެހެން ޚިޔާލުތަކުގެ ސަބަބުން އޭނައަށް މަސައްކަތަށް ސަމާލުކަން ނުދެވުނީހެއްޔެވެ؟

***

ޒުބޭރު މަސައްކަތް ނިންމުމާއެކު ގެއާއި ދިމާލަށް މިސްރާބުޖެހިއެވެ. އޭނަ ދޮރު ހުޅުވައިލިއިރު ޖަމީލާ ކައުޗްގައި އިށީދެލައިގެން އިނދެ ތަސްބީހަ ގުނަމުން ތުންފަތް ހަރަކާތްކުރާގޮތުން ޒިކުރުކުރަނީކަން އެނގުނެވެ. އޭނަ ޖަމީލާ ސިއްސުވާނުލަން މަޑުމަޑުން ހިނގާފައިގޮސް ކައިރިއަށް ހުއްޓުނެވެ. އޭނަގެ އަތުގައި އޮތީ ކެމޮމައިލްގެ މާ ބޮނޑިއެކެވެ.

"މިއީ ޖަމީލާއްތައަށް ގެނައި ހަދިޔާއެއް..."ޒުބޭރު މާބޮނޑި ދިއްކޮށްލިއެވެ. އަދިވެސް މަންމައޭ ކިޔާފައި ގޮވައިލަން އޭނަ ލަދުގަންނަނީއެވެ. ކުޑއިރުއްސުރެން ޖަމީލާއްތަގެ ނަމުން ގޮވާ އުޅެފައި ނަން ބަދަލުކުރާން ކެރޭނީވެސް ކިހިނެއްހެއްޔެވެ؟ޖަމީލާ މާބޮނޑިއަށް ބަލަހައްޓައިގެން އިރުކޮޅަކު އިނެވެ. ޒުބޭރުގެ މޫނަށް ބަލަންފެށީ ދެނެގަންނަން މަސައްކަތްކުރާފަދައިންނެވެ. މަޑުމަޑުން އަތް ދިއްކޮށްލާފައި ތުރުތުރުއަޅާ އިނގިލިތަކުން އޭގައި ހިފިއެވެ. މާތަކުގެ ވަހުން ސިކުނޑިއަށް އަރާމު ލިބުނެވެ. ތުންފަތަށް ފަނޑު ހިނިތުންވުމެއްވެރިވިއެވެ. އިރުކޮޅެއްފަހުން ޒުބޭރުއާއި ދިމާލަށް ނަޒަރު ހުއްޓައިލިއެވެ.

"ޒުބޭރުއަށް އެނގޭތަ؟ މަލަކީވެސް ކުއްލިއަކަށް ފޮޅޭ އެއްޗެއްނޫން. މަޑުމަޑުން ފިޔައަކަށްފަހު ފިޔައެއް ރޭޅެމުންގޮސް އެއްކޮށް ފޮޅެން ވަގުތުނަގާ..އޭގެ ވަގުތު ޖެހުނީމަ...ﷲ ތައާލާ އިންސާނުންނަށްވެސް ދަސްކޮށްދެއްވީ ކޮންމެ ކަމެއްވެސް ވާނީ އޭގެ ފުރިހަމަ ވަގުތުގައިކަން.. ކެތްތެރިވާން ޖެހޭކަން....ކެތްތެރިކަމުގެ މުހިއްމުކަން.....ހަނަފަސްކަމުގެ ތެރެއަށް ވާރޭ ފޮނުއްވާ މީހުންނަށް ރަހުމަތް ލައްވާ.........." ޖަމީލާ ފިޔަތަކުގައި އިނގިލިން ފިރުމަމުން ދިޔައެވެ.

"މާ ފޮޅުންފަދައިން ކެތްތެރިކަމަކީ ﷲތައާލާގެ ޕްލޭންތަކަށް އިތުބާރުކުރުން....އަހަރެމެންނަށް ކުރިއަށް ވާން ހުރި ކަންތައް ނޭގޭއިރުވެސް އެފަރަތާށް ވަކީލުކުރުން..."

ޖަމީލާގެ ހިކުމަތްތެރި ބަސްތަކާއިމެދު އޭނަވެސް ހައިރާންވެ އަނގަ ހުޅުވުނެވެ. ހިތަށް އަސަރުކުރުވިފަދަ ބަސްކޮޅެކެވެ.

"މަގޭ މިރިއަމްފަދައިން...އަދިވެސް މިރިއަމް ބޮޑެއްނުވޭ....އަދިވެސް މަގު ހޯދަމުން ދަނީ...ބައެއްފަހަރު އިރުގެ ހޫނުގެ ސަބަބުން މޯޅިވާގޮތްވޭ...އެކަމަކު އަދިވެސް ވަރަށް ހިތްވަރުގަދަ...."

ޖަމީލާގެ ނަޒަރުގައި ވީ ކުލުނެވެ. މަންމައެއްފަދަ ލޯތްބެވެ.

"އަހަރެން ދިޔުމުން ޒުބޭރު މިރިއަމްއަށް އަޅާލާނެކަމަށް އަހަރެން ޔަގީންކުރަން...."

"އަބަދުވެސް އިންޝާﷲ...އަހަރެން ވައުދުވަން....."އޭނަގެ ލޯ ފެންކަޅިވިއެވެ.

"ތޫފާނެއް އެބަ އެނބުރެމުން ދޭ...."ޖަމީލާ ވައިއަޑަކުން ބުނެލިއެވެ. މައުޟޫ ބަދަލުވިގޮތުން އޭނައަށްވެސް ހައިރާންކަމެއް ލިބުނެވެ. އެއަށްފަހު އިތުރު އެއްޗެއް ނުބުނެ ޖަމީލާ ލަސް ފިޔަވަޅުތަކެއްގައި ކޮޓަރިއާއި ދިމާލަށް ހިނގައިގަތެވެ.

ޖަމީލާ އެބުނީ ކޮން ތޫފާނެއްގެ ވާހަކައެއް ހެއްޔެވެ؟

***

މިރިއަމް މޭޒުމަތީގައި ހުރި ރީތިވާ ސާމާނުތައް ތަރުތީބުކުރަން ހުއްޓާ ޒުބޭރު ކަރު ކެހިލިހެން ހީވެގެން އެނބުރުނެވެ. އޭނަ ފުރަގަހަށް އަތް ލައިގެން ހުރެފައި އަތް ދިއްކޮށްލިއެވެ. ރަތްކުލައިގެ ފިނިފެންމަލެކެވެ. އޭނަ ހައިރާންކަމާއެކު ބުމަ އަރުވައިލިއެވެ." މިއީ ކޮންކަމެއް؟ މާ ބޮޑަށް އެކުވެރިވާންވެގެން؟"

"އަހަރެމެން މެރީޑްއެއްނު..."ޒުބޭރުގެ ހުނުމުގައި ހުރީ ކަންބޮޑުވުމެވެ.

މިރިއަމް ކަޅި އަނބުރާލިނަމަވެސް މަލުގައި ވަސްބަލައިލިއެވެ. އެއަށްފަހު ނަޒަރު ހުއްޓައިލީ ދުރަށެވެ." މިކަހަލަ ކަންތައް ޒުބޭރުއަކާއި ނުގުޅޭ....."

"ރަގަޅު ވާހަކައެއް..މިކަހަލަ ކަންތައްތަކުގައި އަހަރެން ވަރަށް ފަހަތުގައި އުޅޭނީ..."ޒުބޭރު ގެ މޫނުމަތީގައިވި ކަންބޮޑުވުން ފިލައިގެން ދިޔައެވެ."އެނީވޭ..އަހަރެން މާ މި ގެނައީ.....ބިގް ޑީލް....ނޫންތަ؟"

"އާނ....ހަމަ ވަރަށް ބޮޑުކަމެއް..ދެން ފަހަރަކުން ގެންނާނީ ޅެމެއް ލިޔެގެން ނޫނީ އެހެން ކަމެއް ކަން ނޭގޭ...."

"ތިހާ މިރިއަމްގެ ނަސީބު ރަގަޅުވާނެތަ؟" ޒުބޭރުގެ ނަޒަރުގައިވީ ސަމާސާކުރާފަދަ ގޮތެކެވެ.

އޭނަ އެ ޖުމްލައަށް ސަމާލުކަމެއްނުދިނެވެ. ނަޒރު ހުއްޓުނީ ގޮނޑީގެ އަތްގަނޑުގައި އަޅުވާފައި އޮތް ޖެކެޓަށެވެ."ޒުބޭރުގެ ހެދުންތައްވެސް ގެނެސްދީ....ދާވަށިގަނޑު ފުރިފައި ހުރީމަ މިހެން މިބުނީ. އެތަންމިތަނަށް ދާ އެއްޗެހި އުކާފައި ހުރީމަ ވަރަށް އުދަގޫވޭ..."

ޒުބޭރު އަވަސްއަވަހަށް އޭނަގެ ދާ އެއްޗެހިތައް އެއްކޮށްފައި ކޮތަޅު ދިއްކޮށްލިއެވެ." ހިއަ ޔޫ ގޯ ވައިފް......"

"މަށާއި ދިމާލަށް ތިހެން ނުކިޔާ..."އޭނަ ލޯ އަޅައިލަމުން ބުނެލިއިރު ޒުބޭރުވެސް ހަމަ އެ ލަފުޒުތައް ކިޔާގޮތަށް އަނގަ ހަރަކާތްކުރިއެވެ. ދެމީހުންނަށް އެކީގައެވެ.

"އަހަންނަށް އެނގޭ މިރިއަމް އެހެން ބުނާނެކަން..."

މިރިއަމް ތުން އަނބުރާލާފައ ހެދުން ކޮތަޅު ހިފައިގެން ކޮޓަރިން ނުކުތެވެ.

އޭނަ މެޝިން ކައިރީގައި ހުރެ އަޅަންވީ ހެދުންތައް ވަކިން ނަގަން ހުރެފައި ޒުބޭރުގެ ގަމީހެއް ނެގީ ތަފާތު އެއްޗެއް ލޮލުގައި އަޅައިގަތުމުންނެވެ. ވިދާ އޮރެންޖްކުލައިގެ ދިގު އިސްތަށްޓެކެވެ. ޒުބޭރުގެ ގަމީހުގައި ތަތްވެފައެވެ. އޭނަގެ ނޭވާވެސް ހުއްޓުނެވެ. މުޅި ހަށިގަނޑަށް ނުތަނަވަސްކަމުގެ ފިނިކަން ދަތުރުކުރުމާއެކު އެއަށް ބަލަހައްޓައިގެން ހުރެވުނީއެވެ.

ނުނިމޭ