"ހުއްޓައިލުން ރަގަޅު ބައެއް ކަންތައްތަކުގެ ތެރޭގައި އެންމެން ރުއްސަން މަސައްކަތްކުރުން، ބަދަލެއް ގެންނަން ބިރުގަތުން، މާޒީއިން އަރައި ނުގަނެވުން، އަމިއްލަ ނަފުސް ދަށްކޮށްލުން އަދި ކަންތައްތަކާއި މެދު މާ ބޮޑަށް ވިސްނުން ހިމެނެއެވެ."

***

މިރިއަމް އެއްޗެކޭ ނުބުނެ ހިމޭންވިއެވެ. ސަބަބަކީ އޭނައަށް ބައްޕަ ދުނިޔޭގައި ހުރިކަން އެނގޭތީއެވެ. މީހަކު ދެއްކި ތޯތޯ ވާހަކައެއްނޫނެވެ. އޭނަގެ ދެލޮލުންވަނީ ބައްޕަ ދެކެފައެވެ. އެކަމަކުވެސް ދުނިޔޭގައި ހުރިކަން ރަސްމީކޮށް އެނގުމުން އޭނައަށް ކުރުވީ އެހެންކަހަލަ އިހުސާސްތަކެވެ. ދުނިޔެވެސް ހެލިގަތްފަދައެވެ.

އޭނަ އެއްޗެއް ނުބުނެ އިރުކޮޅެއްވާންދެން ފޯނަށް ބަލަހައްޓައިގެން އިންދާ ފޯނުގެ ސްކްރީން އެއްކޮށް އަނދިރިވިއެވެ. ފޯނު އެއްފަރާތަކަށް އެއްލައިލުމަށްފަހު ތަޅުންމައްޗަށް ބަލަން އިންއިރު ކަންފަތަށް ވިންދުގެ އަޑު ބާރަށް އިވެއެވެ. ތުންފަތުގައި ދަތް އަޅައިގަނެވުނުލެއް ބާރުކަމުން ލޭ އަރާވަރުވިއެވެ. އޭނަގެ ބައްޕަ މަރެއްނުވެއެވެ. އެންމެ ނުތަނަވަސްވެ ހިތް ހަލާކުވީ އޭނައަށް އޮޅުވާލާފައިވާތީއެވެ. އަދި އެއީ އެންމެ އިތުބާރުކުރާ މީހާގެ ފަރާތުންނެވެ. އޭނަގެ މަންމައެވެ. މަންމަ އޭނައަށް ދޮގުހެދީއެވެ. ބައްޕަ ނިޔާވެއްޖެކަމަށް ބުނީއެވެ. އެ ދޮގު ވިހަ އެއްޗެއް ފަދައިން ހިތުގައި އޮޅިގަތެވެ. މުޅި ހިތަށްވެސް އޭގެ ހިތިކަން ފެތުރިގެން ދިޔައެވެ. އޭނަގެ ސިކުނޑިއަށް ފެނުނީ މަންމަގެ ނޫރާނީ މޫނެވެ. ވިދާ ދެލޮލެވެ. ރިހި އިސްތަށިގަނޑެވެ. ކުދި ރޫތަކެވެ. އެހާ އޯގާތެރި ރަގަޅު މީހަކު އެވަރުގެ ބޮޑު ދޮގެއް ހެދުމަކީ ގަބޫލުކުރަން ފަސޭހަކަމެއްވެސް ނޫނެވެ. ސަބަބަކީ ކޮބާހެއްޔެވެ؟ ހަމަ ޔޫނުސްއާއި ކައިވެނިކުރަންހެއްޔެވެ؟ މަންމަ އެހެން މީހަކާއި ގުޅުނީމަ ބައްޕަވެސް އެމީހުންގެ ދިރިއުޅުމަށް ނާންނަން ނިޔަތް ގަތީކަން ޔަގީނެވެ.

އެ އަރަތުގެ މާނަ ސާފުވާން ފެށީ އަދި ކިރިޔާއެވެ. ބައްޕަގެ "މަރު" ގެ ވާހަކަ ދެކެވުމަށްފަހު އިއްދަ ހަމަވުމާއެކު ޔޫނުސްއާއި މަންމަގެ ކައިވެނިކުރެވުނެވެ. އަވަށްޓެރިންވެސް އެކަމާއިހެދި ސިއްރުން އެއްޗެހި ކިޔެވެ. މިރިއަމްގެ މޮޅިވެރިކަމާއި ހިތާމަ ނިމެން ވަގުތުވެސް ނުދީ ޔޫނުސް އެގެއަށް އައުމަކީ އަނިޔާއެކެވެ.

މިހާރު މަންމަގެ ހަނދާން ފުސްވެފައިވާއިރު މިރިއަމް ދެއްކި ވާހަކަތަކުގެ ދެބައިކުޅަ އެއްބައި ހަނދާން ނުހުންނަކަމަށް ދައުވާކޮށްފައި މަންމަ އިންނާނީ ހަމަޖެހިލައިގެން ކޮޓަރީގައެވެ. މަންމަފަދަ ތެދުވެރިއެއް ނެތްކަމަށް ދައްކައިގެންނެވެ.

އަލްޒައިމާސް

މިރިއަމްއަށް ބޯ ހަލުވައިލެވުނެވެ. އަސްތަޣުފިރުﷲ އޭނަގެ ނުބައި ނުލަފާކަމާއެވެ. ބަނޑުއަޅާ ވިހޭ މައިމީހާއާއިމެދު އެކަހަލަ ގޮތަކަށް ވިސްނައިގެން ނުވާނެ ނޫންހެއްޔެވެ؟ ކުށްވެރި އިހުސާސްތައް އޮބިނޯންނަވަރަށް ގަދަވެގެން ލޮލުން ކަރުނަ ހިލުނެވެ. ސިކުންތުކޮޅެއްފަހުން އަނެއްކާ ސިކުނޑި އެނބުރުނެވެ. ކޮންމެ ގޮތެއްވިޔަސް މަންމައަށް އެ މައްސަލައިގެ ތެރެއިން ބޯ ދަމައިގަނެވިދާނެއެވެ. މަންމަ ހަނދާން ނެތުނީކަމަށް ބުނެވޭނެއެވެ. އުމައިރު އަހުމަދު މަރުވީކަމަށް ދުވަހަކުވެސް މިރިއަމް ގާތު ނުބުނާކަމަށް ހުވާކުރަންވެސް މަންމަ ފަހެއްނުޖެހޭނެއެވެ.

***

ޖަމީލާ ކާކޮޓަރީގެ ގޮނޑިއެއްގައި އިށީދެލައިގެން އިނެވެ. ޒުބޭރު ގެނެސްދިން އަތަރުފުޅި ހުރިގޮތަށް ހެދުމަށް އޮއްސާލައިގެން ކަން ނޭގެއެވެ. ކޮންމެގޮތެއްވިޔަސް އަރާމު ލިބޭފަދަ ލުއިވަހެކެވެ. ސިކުނޑިވެސް ތާޒާވާނެއެވެ. ރަންކުލަ އެކުލެވޭ ހެދުމަކާއެކު ކަޅު ހިޖާބެއްގައި މަންމަގެ މޫނު ފެންނަނީ ވަކިން ދޮންކޮށެވެ. މަންމަ މެންޑެރިން އޮރެންޖެއް މަށަނީއެވެ. އަތުގެ ހަރަކާތް ލަސްކަމުން ތޮށިކޮޅެއް ނެއްޓުމަށްވެސް ދެތިން މިނިޓް ނަގާނެއެވެ. ބައެއް އަރިތަކުން ތޮށިކޮޅުތައް ނައްޓަން ފެށުމުން އަތާއި މޭޒުމައްޗަށް އެޅެމުން ދިޔައެވެ. މިރިއަމްއަށް އިރުކޮޅެއްވާންދެން މަންމަގެ ލަސް ހަރަކާތްތަކަށް ބަލަހައްޓައިގެން ހުރެވުނެވެ. އޭނަގެ އުދާސްތައް ބޭރުކޮށްލަން ހިތް އެދުނެވެ.

"މަންމާ..."

"އޮރެންޖްކޮޅެއް ކާލަބަލަ..." ޖަމީލާގެ އިސްއުފުލާ ބަލައިލިއެވެ.

"ބައްޕަ ނިޔާވިއިރު.....މަންމަ މޫނު ދެކުނިންތަ؟"އޭނަގެ މޫނުމަތިން ފެނުނީ ސީރިޔަސްކަމެވެ. މަންމަ ދިއްކޮށްލި އޮރެންޖްކޮޅުގައި ހިފާކަށްވެސް ބޭނުމެއްނުވިއެވެ.

ޖަމީލާ އޮރެންޖްއަރި ތަށިތެރޭގައި ބޭއްވިއެވެ. އެލޮލުން ކުޑަކުޑަ ހައިރާންކަމާއި މޮޅިވެރިކަމެއް ފެނުނެވެ. ފަޅި ސިކުންތުކޮޅަކަށެވެ.

"ނޫން.."ޖަމީލާގެ އަޑު މަޑެވެ." ރަށުތެރޭގައި އެވާހަކަ ދެކެވުނީ...ބައްޕަ ނިޔާވީ..މޫދަށް ދޯ............"

"މަންމަ ހަމަ ގަބޫލުކުރީ؟ އެއްވެސް ހެއްކެއްނެތި...."އޭނައަށް ބުނެވުނީ ތަންކޮޅެއް ބާރަށެވެ. ގަސްތުގައެއްނޫނެވެ.

"ގަބޫލުނުކުރާނެ ސަބަބެއްވެސް ނެތް..." ޖަމީލާ އެސްފިޔަތައް މަރައިލީ ކަމެއް ހަނދާން ކުރަން އުޅޭކަހަލަ ގޮތަކަށެވެ.

"ސަބަބެއް ނެތި؟ ބައްޕަ ވަޅުލީގޮތަށް ޔޫނުސްއާއި ކައިވެނިކުރީ.."އޭނަގެ ހުނުމުގައި ހިތި އަދި ރުޅިވެސް އެކުލެވުނެވެ.

"ޔޫނުސް.....ކިހާ އޯގާތެރި ހިތްހެޔޮ....އަހަރެމެންނާއި އަޅައިލި..." ޖަމީލާގެ ބުމައަށް ރޫ އެރިއެވެ.

"ތީ ޖަވާބެއްނޫން...."އޭނަގެ އަޑު ގަދަވިއެވެ.

"މިހާރު އެ ވާހަކަ ދެއްކުމުގެ ބޭނުމަކީ ކޮބާތަ؟" ޖަމީލާގެ ލޮލުން ކަންބޮޑުވުމާއި ހާސްކަން ފައުޅުވާންފެށިއެވެ.

އޭނައަށް މަންމައާއި ދިމާލަށް ބަލަހައްޓައިގެން ހުރެވުނެވެ. އޭނަ ބަލާބޮޑުކޮށް ތަރުބިއްޔަތުކޮށް، ދުޢާކޮށްދިން މަންމައެވެ. ނަމަވެސް މަންމައަކަށް ހެދޭނެ އެންމެ ބޮޑު ދޮގު ހެދީއެވެ. އެ ދޮގުގެ ސަބަބުން އޭނަގެ މުޅި ހަޔާތް ބަރުބާދުވެއްޖެއެވެ. ހުރިހާ އުފާތަކަށް ހިޔަނި އެޅިއްޖެއެވެ. ފަހަރެއްގައި މަންމައަށްވެސް މިލިބެނީ ދޮގުހެދުމުގެ ސަޒާކަމަށް ވެދާނެއެވެ.

"ސަބަބަކީ މަންމަ ހިއްސާކުރާވަރަށް ވުރެ އިތުރަށް އެނގޭހެން ހީވާތީ..."

ޖަމީލާގެ ނަޒަރު އޮރެންޖް އަރިތައް އަޅާފައި ހުރި ތަށްޓަށް ހުއްޓުނެވެ. ދުނިޔެއިން މިވަގުތު އެންމެ ބޮޑު ސަމާލުކަމެއް ލިބެން ޖެހޭ އެއްޗަކީ އެއީކަމުގައި ހީވާފަދައެވެ." އަހަރެން ވަރުބަލިވެއްޖެ މިރިއަމް..."

"ކިހާ ބޮލަށް ފަސޭހަ..."އޭނަ ފަހަތަށް ޖެހުނެވެ.

ޖަމީލާއަށް އެބުނި އެއްޗެއް އަޑު ނީވުނަސް އިތުރަށް ނާހައެވެ. އޭނަ ދުރަށް ހިނގައިގަތްއިރު ޖިންނިއެއްފަދައިން ކެމޮމައިލް ގެ ވަސް ހޯލާއި ހަމަޔަށްވެސް އައެވެ. އޭނައަށް ދުރުކޮށްލެވެން ނެތް އެއްޗެއް ފަދައިންނެވެ.

އޭގެ ފަހުން މިރިއަމްގެ ސިކުނޑިއަށް ކޮންމެވެސް ކަހަލަ އިންގިލާބެއް އައެވެ. އޭނަ އަދިވެސް މަންމައާއި ވާހަކަަދައްކައެވެ. ސައި ހިފައިގެން ގެންގޮސްދެއެވެ. އެގޭގެ ހަތަރުފާރުތެރޭގައި ވަގުތު ހޭދަކުރެއެވެ. އެކަމަކުވެސް މަންމައާއި އޮތް ގުޅުމަށް ބަދަލު އެހެން ކަހަލަ ބަދަލެއް އައެވެ. މަންމަގެ ނަން ސްކްރީނުން ދިއްލުނަސް އޭނަ ފޯނު ނެގުން ހުއްޓައިލިއެވެ. ކްލިނިކްގައި ހުއްޓާ މަންމަ ގުޅަންފެށީމަ އޭނަ ކެނޑެންދެން ބަލަން އިންނަނީއެވެ. އަވަދިނެތި ހުރި ވަގުތެއްގައި ގުޅިއްޔާ ފޯނު ސައިލެންޓަށް ލާފައި ޖަވާބުދޭވަރަށް ވުރެ އަވަދިނެތްކަމަށް އަމިއްލަ ނަފުސަށް ވިސްނައިދޭނެއެވެ. ކުރިން އެންމެ ރިންގަކާއެކު އޭނަ ފޯނު ނެގިއެވެ. އޭނަ ދެކެނީ މަންމަ އޭނަގެ ވާހަކަތަކަށް ޖަވާބުނުދެނީ ހަނދާންނެތުމަށްވުރެ ބޮޑަށް މަންމަ އެގޮތް އިޚުތިޔާރުކުރުމުންނެވެ. މަންމައަށް އުމައިރު ދުނިޔޭގައި ހުރިކަން އެނގޭނެއެވެ. އެއީ ޔަގީންކަމެކެވެ.

***

ބުރާސްފަތި ދުވަހު މިރިއަމް ބާޒާރުކޮށްލަން ދިޔައެވެ. ގެއަށް ބޭނުންވާ ސާމާނު ގަންނަން ގޮސްފައި މަންމަ މަތިން ހަނދާންވިއެވެ. އޭނަ ކުރިން ކޮންމެ ދުވަހަކު މަންމައަށް ޗޮކްލެޓެއް ގެނެސްދެއެވެ. ދޭތެރެއަކުން ޗޮކްލެޓް އައިސްކްރީމެވެ. އެއީ މިފަހަކަށް އައިސް މަންމަގެ ފެވެރިޓެވެ. ކެޑްބަރީ ޗޮކްލެޓް ފެނުމުން މަންމަގެ ލޯ ދިއްލިގެން ދެއެވެ. އޭނަ ކެޑްބަރީ ޗޮކްލެޓް ހަރުގަނޑު ކައިރިއަށް ގޮސްފައި އެކަތި ނަގަން އުޅުނެވެ.

"ނޫން މިއަދުވެސް ނުގެންދާނީ. އޭރުން މަންމައަށް އަހަރެން އަޕްސެޓްވެފައި ހުރިވަރު އެނގޭނީ....."އޭނަ މަންމައަށް ދިނީ އަދަބެއްހެއްޔެވެ؟ އެ ތަނުން ނުކުމެވުމާއެކު އުދާހުގެ ސާލެއް ހިތުގައި އޮޅައިލެވުނުހެން ހީވިއެވެ. ހިތަށް އުފާވެރިކަން ނުލިބެނީ ކީއްވެހެއްޔެވެ؟ އަބަދު ހާސްވެފައެވެ. ނުތަނަވަސްވެފައެވެ. ރުޅިގަދަވެފައެވެ. އަހަރެން ނޫން މީހަކަށް މިފަދަ އިމްތިހާނުތަކެއް ކުރިމަތިވާނެހެއްޔެވެ؟

މިރިއަމް ހިފައިގެން ހުރި ކޮތަޅުތައް މަޑުމަޑުން ދެކޮޅަށް އެއްލަމުން ގެއާއި ދިމާލަށް މިސްރާބުޖެހިއެވެ. އޭރު ވައި ކޮންމެވެސް ވަރަކަށް ހޫނުވެފައި ލޮނުގެ އަސަރު އެކުލެވެއެވެ. ބަދަރުމައްޗަށް ރަންކުލަ އެޅެމުން ދިޔަ އިރު ނިކަން ހިތްގައިމެވެ. އޭނަ ކޮންމެހެން ހުރީ ފެރީ ޓާމިނަލްއާއި ހަމަޔަށް ދާކަށް ނޫނެވެ. ނަމަވެސް އޭނައަށް އެހިސާބަށް ދެވުނީ އަމިއްލަ އިޚުތިޔާރުގައެއްނޫނެވެ. އޭނަ ފާލަމުގެ އެއްފަރާތުގައި ހުއްޓުނުއިރު ފެރީވެސް އައިސް މަޑުކޮށްލީއެވެ. ފަޅުވެރިން އެކަކު އަނެކަކަށް ހަޅޭއްލަވާ ހަދާއިރު އިންޖީނުވެސް އަޑުގޮއްވަމުން ދިޔައެވެ. ކުއްލިއަކަށް ޒުބޭރު ފެނުމުން އޭނަ ސިހޭގޮތްވިއެވެ.

ޒުބޭރުގެ އަތުގައި އޮތީ ތާޒާ މަލުގެ ގުލްދަސްތާއެކެވެ. އޭނަ ފެރީއަށް އަރަން ދިޔައީ އެ މާބޮނޑި އެއް އަތުން ހިފައިގެން އަނެއް އަތުން ފޯނު ކަންފަތުގައި ޖައްސަައިގެންނެވެ. އޭނަގެ މޫނުމަތިން ފެންނަނީ ހަމަޖެހިފައި ހުރިކަމެވެ. ފުރިހަމަ ސަމާލުކަން އެ ފޯނަށް ދެވިފައެވެ. އޭނަގެ ދަބަހުން ފޯނު ވައިބްރޭޓްވާއަޑަށް ނަގާފައި ބަލައިލިއިރު ސްކްރީނަށް އަރާފައިވީ ޒުބޭރުގެ ނަމެވެ.

އޭނަ ހިތް އަވަސްވެފައިވާ ހާލުގައި އޮޅާލާފައި ހުރި ބޮޑު ވާގަނޑުތަކެއްގެ ފުންޏެއްގެ ފަހަތަށްވަދެ ނިވާވެލިއެވެ.

"މިރިއަމް...." ޒުބޭރުގެ އަޑު ހުރީީ ނިކަން ކެޝުއަލްކޮށެވެ. މާބޮޑަށެވެ." އަހަރެން މިރޭ ލަސްވާނެ އިނގޭ..ގާނޫނީ މަސައްކަތެއްގައި އެހެން ރަށަކަށް ދާން މި ނައްޓާލަނީ...އިންތިޒާރު ނުކުރައްޗޭ.."

އޭނަ ބޮދާ އޮވެފައި ކިިރިޔާ ލޯ ފެންނަވަރަށް ތެދުވުނެވެ. އޭނައަށް ބަލައިލެވުނީ މާތަކަށެވެ. ފެރީއަށް އެރުމުގެ ކުރިން ރެއިލިންގައި އިރުކޮޅަކަށް ހިފަހައްޓާލައިގެން ހުއްޓެވެ.

"އެންމެ ރަގަޅު.."އޭނަގެ އަޑުމަޑެވެ. ދެމީހުންވެސް އެ ގުލަދަސްތާގެ ވާހަކައެއް ނުދައްކައެވެ.

***

އެފަހުން މިރިއަމްގެ ޚިޔާލުން ޒުބޭރު މާބޮނޑީގައި ހިފަހައްޓައިގެން ހުރި މަންޒަރު ފޮޅައިލަން ފަސޭހައެއްނުވިއެވެ. ޒުބޭރު ސަޔާރާދެކެ ލޯބިވާކަމުގެ އަޑު ރަށުތެރޭގައި ފެތުރިފައިވުމުން އެ ޚިޔާލުވެސް އަނެއްކާ އެނބުރި އައެވެ. މިހާރު އެކަމުގެ ހެކިތައް ބީރައްޓެހިގޮތަކަށް ފެންނާންފެށިއެވެ. މީހުން ދެއްކި ވާހަކައިގާ ހަގީގަތެއް ވާކަން ޔަގީނެވެ. އަޑެއް ކިއްޔާ ރެދެއް ލާނެއެވެ. ޒުބޭރު މިފަހަކަށް އައިސް ސަމާލުކަން ގެއްލުމާއި، މާގިނައިން ރަށްތަކަށް ދިޔުން، އަދި ސިއްރުން ފޯނުގައި ހުރުމެވެ.

އޭނައަށް ޚިޔާލުކުރެވުނީ ސިޔާރާއެވެ. ގޮނޑުދޮށުގައި ހުރިއިރު އިރުގެ އަލި އެ ނިގާބަށް އެޅެމުން ދިޔައީ މަޑުމަޑު ވިދުމަކާއެކުގައެވެ. އެއް އިރެއްގައި އޭނަގެ އެކުވެރިއެއްގެ ގޮތުގައި ދެކުނު ކުއްޖާއާއިމެދު އިހުސާސްކުރެވުނީ ބީރައްޓެއްސެއް ކަމުގައެވެ.

އޭނައަށް ފެރީީ ޝެޑިއުލް ގިނަގިނައިން ބެލެންފެށިއެވެ. އޭނަ ިނގާފައި އުޅުމަށް ވަގުތުތައް ހަމަޖެއްސީ ޒުބޭރު އެހެން މާ ބުކޭތަކާއެކު ފެނިދާނެކަމުގެ އުއްމީދުގައެވެ. އޭނަގެ ހިތަށް ބާރުވެލީ ހަސަދައާއި އަދި އޭނަ ނަމެއް ދޭން ބޭނުންނުވާ އެހެން އިހުސާސަކުންނެވެ. އެކަމަކު އަޖައިބުވަނީ ޒުބޭރު ފަހަރެއްގައިވެސް އެފަދަ ކުރިމަތިލުމަކަށްދާ ވަރުގެ އަމަލެއް އޭނައަށް އެނގިގެން ހިންގާފައެއްނުވެއެވެ. ދުވާލުގެ ތާވަލްއަކަށްވެސް ބަދަލެއްނާވެއެވެ. އޭނަ ފަދައިން ޒުބޭރުވެސް ވަކި ދުރުމިނެއް ބަހައްޓައެވެ.

***

މިރިއަމް ހެދުންތައް ރީތިކޮށް ފައްޖަހަން ސޯފާގައި އިށީދެގެން އިންދާ އޭނަގެ ނޭފަތުގައި ޖެހުނީ ދަންނަ ވަހެކެވެ. ސްޓްރޯބެރީއާއި ވެނީލާވެސް އެކުލެވޭ ފޮނި ކްރީމީ ވަހެކެވެ. އޭނަގެ އަތުގެ ހަރަކާތް ހުއްޓި ލޯ ބޮޑުކޮށްލެވުނެވެ. އަދި ކުޅަދާނަ ޖާސޫސެއްފަދައިން ނޭފަތް ދަމައިލަމުން ވައިގެ ވަސް ބެލިއެވެ. އެއާއެކު ނަޒަރު ހުއްޓުނީ ފެންވަރާ ތާޒާވެލައިގެން ކޮނޑަށް ތުވާލި އެއްލާލައިގެން އައި ޒުބޭރުއަށެވެ. އޭނަ ވަގުތުން ލޯ ހަނިކޮށްލިއެވެ. އެތައްވަރަކަށް ޚަރަދުތައް ކުޑަކޮށްލައިގެން ދިޔާ ރަންފަދައިން އޭނަ ފަރުވާތެރިކަމާއެކު ގެންގުޅުނު ޝަވަރޖެލް ހުރިގޮތަށް އޮއްސާލައިގެން މި ފިރިހެނާ އައީއެވެ.

އޭނަ ކެތްކުރެވޭނެ އެންމެ މައްޗަށް ކެތްކުރިއެވެ. ލޯމަތި ރީތިކޮށްލަމުން ކުރަން އިން މަސައްކަތަށް ރުޖޫއަވިއެވެ. ސީދާ ސުވާލުކުރުމެއްނެތެވެ. ޑްރާމާވެގެން ކުށްވެރިކުރާކަށް ނޫޅުނެވެ. ނަމަވެސް އޭނަގެ ސިކުނޑީގައި އޮތް ޒުބޭރުގެ ކުށުގެ ލިސްޓުގައި އެ މައްސަލަ ފައިލްކޮށްލައިފިއެވެ.

"މަގޭ އަގުބޮޑު ޝަވަރޖެލް އޭނަގެ ޕާސަނަލް ސްޕާއަކަށް ހެދީއެވެ."

އޭނަގެ ޚިޔާލަށް އައީ ބާތްރޫމްގައި ހުރި ޝެލްފްގައި އެ ފުޅި އެއްބައި ހުސްކޮށްލާފައި ހުއްޓައެވެ. ހުރިހާ ޝުކުރެއް ޒުބޭރުއަށެވެ.

އެއާއެކު ސިކުނޑީގެ އެންމެ ފުނުގައި އޭނައަށް ރުޅިވެރިކަމުގެ ކުޑަ ކަންޏެއް އުފެދުނުހެން ހީވިއެވެ. މުޅި ކައުނުވެސް އޭނައާއި ކުދި ކުދި ހަގުރާމަ ކުރަން ހަވާލުކުރާފަދައެވެ. މިއީ އޭނަގެ ނަފުސް އަދި ތައްޔާރުވި ހަގުރާމައެއްނޫނެވެ.

އެދުވަސްފަހުން އޭނައަށް ފާހަގަވީ އޭނަ މަޑުމަޑުން މަންމައާއި ދުރުވާންފެށިކަމެވެ. އޭނަގެ ސިކުނޑިއާއި ޚިޔާލުތައް އޮޅުންބޮޅުންވެފައިވަނީ ޝައްކާއި ވަހުމް ތަކުންނެވެ. ރަށުތެރޭގައި ދެކެވުނު ވާހަކަތަކެވެ. މަންމައާއި ކުރަން ބޭނުންވެ އެކަމަކު އަހަން ނޭގުނު ސުވާލުތަކެވެ. އޭނަ ކޮންމެހެން މަންމައަށް އަނިޔާވެރިވުމުގެ ނިޔަތެއްނެތެވެ. އެކަމަކު އޭނައަށް ދިމާވެފައިވާ ހާލަތުގެ ބުރަދަނުގެ ސަބަބުން ކެތްތެރިކަން ކޮޅުންލައިގެން ދަނީއެވެ. ބައެއްފަހަރު ރުޅިއާއި ނުތަނަވަސްކަން އިންތިހާއަށް ގަދަވެ މަންމައާއި ކުރިމަތިލާ ހަޅޭއްލަވަން ދާން އުޅެފައިވެސް ހިމޭންވަނީ ހަގީގަތުގައިވެސް މަންމައަށް ހަނދާންނެތުމުގެ މައްސަލަ ކުރިމަތިވެފައިވާތީއެވެ. ވީއިރު އޭނަ މަންމައާއި ދުރުން އުޅުނަސް އެކޮޓަރިއަށް ނުވަނަސް މަންމައަށް އެނގޭނީވެސް ކިހިނެއްހެއްޔެވެ؟ އަނެއްބައި ފަހަރު ކުށުގެ އިހުސާސްތައް ރާޅެއްފަދައިން ހަށިގަނޑުގައި ދަތުރުކޮށްލައެވެ. ކުއްލިއަކަށް އެންގުމަކާއި ނުލައެވެ. އެފަދަ ވަގުތެއްގައި ސިއްރުންގޮސް މަންމަގެ ކޮޓަރިއަށް ބޯދިއްކޮށްލެވެއެވެ. މަންމަ އިންނަނީ ކޮންމެވެސް ދިމާލެއްގައި ގަބުވެފައެވެ. އެކަނިވެރިވެފައެވެ.

އެދެމައިންގެ ދޭތެރޭގައި ހިމޭންކަމުގެ ފާރެއްލެވުނެވެ. އެކަކުވެސް އެފާރު ވައްޓައިލާކަށް ނޫޅުނެވެ. މިރިއަމްގެ އެ އަޅާނުލުމަކީ ހަގީގަތުގައި ނަފްރަތުގެ ސަބަބުން ވިކަމެއް ނޫނެވެ. ނަމަވެސް ޔަގީނުންވެސް މަންމައާއި އަޅާލުމެއްނެތި ދުުރުވާންފެށީ ލަސްލަހުން އެކަމަކު ޝައްކެއްނެތް މިންވަރަކަށެވެ.

ނުނިމޭ