ހިނގަމުންދާ ތަހުގީގަކާ ގުޅިގެން ކަމަށް ބުނެ އެމްއެންޑީއެފްގެ މެޑިކަލް ސާވިސަސްގެ ކޮމާންޑިން އޮފިސަރުގެ އެހީތެރިޔާގެ ޕޯސްޓުގައި ހުރި ކެޕްޓަން ޑރ. ފާތުމަތު ތަހުސީން އިބްރާހިމް އެ ޕޯސްޓުން ޑިމޯޓްކޮށްފި އެވެ.

އެމްއެންޑީއެފްގެ ކާނަލް އަބްދުއްރަހީމް ވެސް މިއަދު ވިދާޅުވީ "އެތެރޭގެ ތަހުގީގަކާ"އި ގުޅިގެން ޑރ. ތަހުސީން އޭނާ އަދާކުރަމުން ދިޔަ މެޑިކަލް ސާވިސްގެ ކޮމާންޑިން އޮފިސަރުގެ އެހީތެރިޔާ ކަމުން ވަކިކޮށްފައިވާ ކަމަށާއި ނަމަވެސް އޭނާ އެމްއެންޑީއެފުގެ ވަޒީފާ އިން ވަކިކޮށް އަދި ރޭންކަށް ވެސް ބަދަލެއް ގެނެސްފައި ނުވާ ކަމަށެވެ. އަދި ވިދާޅުވީ ޕޯސްޓްތަކަށް ބަދަލުގެނައުމަކީ އެމްއެންޑީއެފްގައި އާންމުކޮށް ހިނގާކަމެއް ކަމަށެވެ.

"ޕޯސްޓްތަކަށް ބަދަލުގެނައުމަކީ އާންމުކޮށް ހިނގާ ކަމެއް، ތަހުސީން ހަމަ މަސައްކަތް ކުރައްވަމުން ވެސް ގެންދަވަނީ އެ ސެކްޝަންގައި. ހަމައެކަނި އޭނާ އަދާކުރައްވަމުން ގެންދެވި ޕޯސްޓުން ވަކި ކުރީ. އަދި ގޭގައި މަޑުކުރަން ވެސް ނާންގާ. ބަލި ނޫނިއްޔާ މިއަދުވެސް ވަޒީފާ ޔަށް ނިކުމެ ވަޑައިގަތް އުޅުއްވާނީ،" އަބްދުއްރަހީމް ވިދާޅުވި އެވެ.

ރައީސް މުހަންމަދު ނަޝީދު ފުލުސް އޮފީހަށް ހާޒިރުކުރި ދުވަހު ޖުމްހޫރީ މައިދާނުގައި ހިނގި ހަމަނުޖެހުންތަކުގެ ތެރެއިން ސިފައިންގެ މީހަކު ޑރ. ތަހުސީންގެ ބައްޕަގެ ބޮލުގައި ޖަހައި ޒަހަމްކޮށްލި ކަމަށް ތުހުމަތުކޮށް ތަހުސީން ވަނީ އޭނާގެ ފޭސްބުކް ވޯލްގައި މިދިޔަ ބުރާސްފަތި ދުވަހު އެވާހަކަ އާންމުކުރައްވައިފަ އެވެ. އަދި އޭނާ ޑިމޯޓްކޮށްފައި ވަނީ އެ މައްސަލާގައި ކަމަށް ވެސް އަޑު ފެތުރިފައިވެ އެވެ.

އަބްދުއްރަހީމް ވިދާޅުވީ ޑރ. ތަހުސީންގެ ބައްޕައަށް ސިފައިންގެ މީހަކު އަނިޔާކުރި ކަމަށް ބުނާ މައްސަލަ ސިފައިންގެއިން ބަލަމުން އަންނަ ކަމަށާއި ނަމަވެސް އޭނާ ޕޯސްޓުން ދުރުކުރީ އެ ތަހުގީގާ ގުޅިގެންކަން ވިދާޅުވުމަށް އަދި ނޭނގޭ ކަމަށެވެ. ނަމަވެސް އެ މައްސަލާގައި ތަހުސީންގެ ކިބައިން ވެސް ބައެއް ކަންކަން ފާހަގަވެފައިވާ ކަމަށް ވެސް އަބްދުއްރަހީމް ވިދާޅުވި އެވެ.

"އަޅުގަނޑުމެން އަނިޔާވެރިކަމަށް ޖާގައެއް ނުދޭނެ. އަޅުގަނޑުމެންގެ ކުދިންގެ ކައިރީ ބުނެފައި އޮންނާނީ ވެސް ޖެހިޔަސް ނުޖަހާށޭ. އަދި އެއްޗެއް ކިޔަސް އެއްޗެއް ނުބުނާށޭ. އެއާ ހިލާފުވެއްޖިއްޔާ އެކަން ބަލާނެ. އަޅުގަނޑުމެންގެ ކުއްޖަކު ޑރ. ތަހުސީންގެ ބައްޕައަށް އަނިޔާކުރި ކަމަށް ބުނާ މައްސަލަ ވެސް އެބަބަލާ. އަދި އެކަމުގައި ތަހުސީންގެ ކިބައިން ވެސް ބައެއް ކަންކަން ހިނގައިގެން ގޮސްފައި އެބަހުރި. ނަމަވެސް އެ ފިޔަވަޅަކީ އެކަމާގުޅިގެން އައި ފިޔަވަޅެއްކަން އެކަން ބަލަމުން ދާތީ ދެންނެވޭކަށްނެތް،" އަބްދުއްރަހީމް ވިދާޅުވި އެވެ.