މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ ޕެކެޓްތަކަކާ އެކު ތިން މީހަކު ތިން ރަށަކުން ހައްޔަރުކޮށްފި އެވެ.

ފުލުހުން މިއަދު ބުނީ ތ. ތިމަރަފުށީގައި ފުލުހުން ހިންގި އޮޕަރޭޝަނެއްގައި އެ ރަށުން 37 އަހަރުގެ މީހަކު ހައްޔަރު ކުރީ މަސްތުވާތަކެތި ހުރި ޕެކެޓަކާ އެކު ކަމަށެވެ. އަދި މަސްތުވާތަކެތީގެ ރެކޯޑު އޮންނަ އެމީހާ ތިމަރަފުށީ ބަނދަރު ސަރަހައްދުން ހައްޔަރުކުރި އިރު، މަސްތުވާތަކެތި ފެނިފައި ވަނީ އެވަގުތު އޭނާ އެއްލާލި ޕެކެޓެއްގެ ތެރެއިން ކަމަށް ފުލުހުން ބުނެ އެވެ. އަދި އެމީހާ ހައްޔަރުކޮށް ކުޑަކަމުދާތަކެތި ޓެސްޓްކުރި އިރު މަސްތުވާތަކެއްޗަށް ޕޮޒިޓިވްވި ކަމަށް ވެސް ފުލުހުން ބުނެ އެވެ.

ފުލުހުން ބުނީ މިދިޔަ ޖޫން މަހުން ފެށިގެން ފުލުހުން ތިމަރަފުށީގައި ހިންގަމުން އަންނަ އޮޕަރޭޝަނުގެ ދަށުން މަސްތުވާތަކެތީގެ ވިޔަފާރި ކުރާ ކަމަށް ތުހުމަތުކުރެވޭ މީހުންނާއި، ގްރޫޕް ހަދައިގެން މަގުތަކުގެ ކަންކަންމަތީގައި ތިބޭ މީހުންނާ ސުވާލުކޮށް ބަލައި ފާސްކުރަމުން އަންނަ ކަމަށެވެ.

އޭގެ އިތުރުން ފުލުހުން ވަނީ މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި ހަ ރަބަރު ޕެކެޓާ އެކު އދ. މަހިބަދޫން ވެސް މީހަކު ހައްޔަރުކޮށްފަ އެވެ. އުމުރުން 26 އަހަރުގެ އެމީހާ ހައްޔަރުކޮށްފައި ވަނީ މަހިބަދޫ ޕޮލިސް ސްޓޭޝަނުން ކުރިއަށް ގެންދާ ޚާއްސަ އޮޕަރޭޝަނެއްގެ ދަށުން މިމަހުގެ ތިން ވަނަ ދުވަހުގެ ރޭ ދަންވަރު ވަގުތެއްގައި މަގުމަތިން ހިނގާފައި ދަނިކޮށެވެ. އޭނާގެ އަތުން މަސްތުވާތަކެތި ފެނިފައި ވަނީ ފުލުހުން ފެނުމާ އެކު އޭނާ އެއްލާލި ބޮނޑިކޮށްފައި އޮތް ކަރުދާސް ކޮތަޅެއްގެ ތެރެއިން ކަމަށް ވެސް ފުލުހުން ބުނެ އެވެ.

ފުލުހުން ވަނީ ކ. ތުލުސްދޫއަށް މަސްތުވާތަކެތި އެތެރެ ކުރަން އުޅުނު ކަމުގެ ތުހުމަތުގައި އުމުރުން 33 އަހަރުގެ މީހަކު ވެސް ހައްޔަރުކޮށްފަ އެވެ. އޭނާ ހައްޔަރުކޮށްފައި ވަނީ ތުލުސްދު އަށް ދިޔަ ފެރީއަކުން ބަނދަރަށް ފޭބި ވަގުތު އެވެ.

ފުލުހުން ބުނީ މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި 10 ރަބަރު ޕެކެޓް ފެނިފައި ވަނީ އޭނާގެ ހަށިގަނޑު ބަލައި ފާސްކުރި ކުރުމުގެ ތެރޭ އޭނާ އަތުގައި އޮތް ސުޕާރީ ޕެކެޓެއްގެ ތެރެއިންނެވެ. އަދި އޭނާގެ ކުޑަކަމުދާ ތަކެތި ޓެސްޓުކުރި އިރު މަސްތުވާތަކެއްޗަށް ޕޮޒިޓިވް ވެފައިވާ ކަމަށް ވެސް ފުލުހުން ބުނެ އެވެ.