ރައީސްް މުހައްމަދު ނަޝީދުގެ ވެރިކަން ބަދަލުވި ދުވަހުން ފެށިގެން އެމްޑީޕީން ކުރިއަށް ގެންދާ މުޒާހަރާތަކުގައި ފުލުހުންނަށާއި ސިފައިންނަށް އަނިޔާވަމުންދާ މައްސަލައަކީ ރާއްޖޭގެ ގިނަ ބަޔަކު ކަންބޮޑުވާ ކަމެއް ކަމަށާއި ނަމަވެސް އެފަދަ ކުށްތައް ކުރާ ފަރާތްތަކަށް އަދަބު ދިނުމުގައި ސަރުކާރުން އަބަދުވެސް ބަލާނީ ޝަރުއީ މަރުހަލާގެ ތެރެއިން އެކަންކަން ކުރުމަށް ކަމަށް ރައީސް އޮފީހުގެ ސްޕޯކްސްޕާސަން އައްބާސް އާދިލް ރިޒާ ވިދާޅުވެއްޖެ އެވެ.

އައްބާސް އާދިލް މިހެން ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު ވަަހީދުގެ ސަރުކާރުގެ ތަންފީޒީ އިދާރާތަކުގެ މަސައްކަތްތައް އެންމެ އެކަށީގެންވާ ގޮތުގައި ކުރިއަށްދާ ކަމަށް ދެކެވަޑައިނުގެންނަވާ ކަމަށް ސިޔާސީ ބައެއް ބޭފުޅުން ސިފަކުރައްވަމުން ގެންދަވާ ދަނޑިވަޅެއްގަ އެވެ.

އައްބާސް ވިދާޅުވީ ގާނޫނީ ވެރިކަން ކުރުމަކީ އެއްވެސް ހާލަތެއްގައި ޖަޒުބާތީވެގެން ކުރެވޭނެ ކަމެއް ނޫން ކަމަށާއި ރައީސް ވަަހީދުގެ މަޑުމައިތިރިކަމާއި ކެތްތެރިކަމަކީ ރާއްޖެ މިހާރު މިއޮތް ހާލަތުން އަމާން މާހައުލަކަށް ދިއުމަށް ހަމައެކަނި އޮތް ފުރުސަތު ކަމަށް ގިނަ ބަޔަކު ގަބޫލްކުރާ ކަމަށެވެ. އަދި ސަރުކާރަށް ލިބިފައިވާ އެންމެ ބޮޑު ކާމިޔާބީއަކީ ވެސް ކަންކަމުގައި ޖަޒުބާތީވެ ކަންކަމުގައި އަވަސްއަރުވައިނުލައި ހިކުމަތްތެރިކަމާ އެކު އެކަންކަން ކުރުން ކަމަށް ވެސް ވިދާޅުވި އެވެ.

"ގާނޫނާ ހިލާފު ވުމަށް ގޮވާލެވޭ ގޮވާލުންތަކުގެ އަޑު ސަރުކާރަށް ވެސް އަޑު އިވޭ. އެއްވެސް ހާލަތެއްގައި ގާނޫނީ ވެރިކަން ކުރުމަކީ އަޅުގަނޑުމެންނަށް ފެންނަ ގޮތަކަށް ނުވަތަ އަޅުގަނޑުމެން ރުހޭ ގޮތަކަށް އެކަން ކުރުމެއް ނޫން. އެގޮތަކަށް އެކަން ކުރެއްވުމުގެ ނަތީޖާއަކަށް ވެވަޑައިގަތީ ރައީސް މުހައްމަދު ނަޝީދު ގެއަށް ވަޑައިގެންނަވަން ޖެހިވަޑައިގަތުން. ގާނޫނާ ހިލާފު ނުވުމަކީ ރައީސް ވަހީދުގެ ކާމިޔާބީ ކަމަށް ގިނަ ބަޔަކު ގަބޫލް ކުރޭ،" އައްބާސް ވިދާޅުވި އެވެ.

މިސަރުކާރުގެ ފާއިތުވި ހަ މަސް ދުވަހު ކަންކަން ހިނގަމުންދާ ގޮތަށް ބާލާ އިރު މިސަރުކާރުން ގާނޫނު ތަންފީޒު ކުރާނެ ކަމަށް ދެކެވަޑައިނުގެންނަވާ ކަމަށް ސަރުކާރަށް ތާއީދުކުރާ ޕާޓީ އެއް ކަމުގައިވާ ޕީޕީއެމްގެ ނައިބް ރައީސް އުމަރު ނަސީރު ވަނީ ވީޓީވީގެ ޕްރޮގްރާމެއްގައި ވިދާޅުވެފަ އެވެ. އަދި އެމުއްދަތުގައި ދައުލަތުގެ ތަންތަނުގައި ހުޅުޖަހައި ފުލުހުނަށް އެކިވަރުގެ އަނިޔާތައް ބަޔަކު ކޮށްފައިވާ އިރު މިހާތަނަށް އެއިން އެެއްވެސް މީހަކަށް ހުކުމެއް ކޮށްފައިނުވާ ކަމަށް ވިދާޅުވެ އުމަރު ވަނީ ފާޑު ވިދާޅުވެފަ އެވެ.

އައްބާސް ވިދާޅުވީ އުމަރު ނަސީރުގެ އެވާހަކަތަކީ ޖަޒުބާތީ ވާހަކަތަކެއް ކަމަށް ދެކެވަޑައިގަންނަވާ ކަމަށާއި ކުށްކުރާ ފަރާތްތަކާ މެދު އަޅަން ޖެހޭ ފިޔަވަޅުތައް އަޅައި އެފަރާތްތަކާ މެދު ގާނޫނުގެ ތެރެއިން އަމަލް ކުރެވެމުން އަންނަ ކަމަށެވެ. އަދި ތަންފީޒީ ދާއިރާތަކުގެ މަސައްކަތްތައް ކުރިއަށްދާ ސްޕީޑާ މެދު ސަރުކާރުން ހިތްހަމަ ޖެހޭ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"ސަރުކާރުން ގަބޫލްކުރާ ގޮތުގައި މިކަންތައްތައް ވަރަށް ފުރިހަމައަށް ކުރިއަށް އެބަދޭ، މިހަމަސް ދުވަހުގެ ތެރޭގައި މިހާ ގިނަ މައްސަލަތައް ކުރިއަށްދާ ކަމަކީ ތަންފީޒީ ދާއިރާތަކުގެ މަަސައްކަތް ވަރަށް ބާރަށް ކުރިއަަށްދާ ކަމުގެ ހެއްކެތް،" އައްބާސް ވިދާޅުވި އެވެ.

ފެބްރުއަރީ އަށް ވަނަ ދުވަހު ހިނގައި ދިޔަ ހަމަނުޖެހުންތަކުގައި އެކި ރަށްރަށުގެ ކޯޓުތަކުގަ އާއި ޕޮލިސް ސްޓޭޝަންތަކުގައި ހުޅުޖެހި މައްސަލަތަކާ ގުޅިގެން ފުލުހުން ކުރިއަށްގެންދާ ތަހުގީގު ނިންމައި އޭގެތެރެއިން ބައެއް މައްސަލަ މިހާރު ވަނީ ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ހުށަހަޅައިފަ އެވެ. އެގޮތުން އައްޑޫ ސިޓީގައި އާއި ގދ. ތިނަދޫގައި ހުރި ދައުލަތުގެ އިމާރާތްތަކެއްގައި ހުޅުޖަހައި ބޮޑެތި ގެއްލުންތަކެއް ދިން މައްސަލައިގައި 200 އަށް ވުރެ ގިނަ މީހުންގެ މައްޗަށް ދައުވާކޮށްދިނުމަށް އެދި ވަނީ ހުށަހަޅައިފަ އެވެ. އޭގެ ތެރެއިން ބައެއް މީހުންގެ މައްސަލަ ޕީޖީން މިހާރު ވަނީ ޝަރީއަތަށް ވެސް ހުށަހަޅައިފަ އެވެ.