07 Aug 2012, 12:10
ހިދާޔަތުގެ އަލި ނެރުމަށް އެހީތެރިވުމުގެ ގޮތުން ނާއިބު ރައީސް މުހައްމަދު ވަހީދުއްދީން 90،000 ރުފިޔާ އިސްލާމިކް މިނިސްޓްރީ އަށް ހަދިޔާ ކޮށްފި އެވެ.
އިސްލާމިކް މިނިސްޓަރު މުހައްމަދު ޝަހީމު އަލީ ސައީދު މިއަދު ވިދާޅުވީ މީގެ ކުރިން ކޮންމެ ހުކުރު ދުވަހަކު ނެރެމުން އަންނަ ދެ ސަފްހާގެ ނޫސް ހިދާޔަތުގެ އަލި ނެރުން ހުއްޓާލަން ޖެހުނީ އެ މަޖައްލާ ނެރުމަށް ހިނގާ ހަރަދު މި އަހަރުގެ ބަޖެޓްގައި ނެތުމުން ކަމަށެވެ.
ހިދާޔަތުގެ އަލި ނުނެރޭތާ މިހާރު ވަނީ ފަސް މަސްވެފަ އެވެ. ހިދާޔަތުގެ އަލި ޗާޕްކުރުމުގެ ހަރަދަށް ކޮންމެ ހަފުތާއަކު 10800ރ. ހަރަދުވާ ކަމަށް އިސްލާމިކް މިނިސްޓްރީ އިން ބުންޏެވެ.
ހިދާޔަތުގެ އަލި ނޫސް މަޖައްލާ އެއްގެ ގޮތަށް ބަދަލުކޮށް ނެރުމަށް ހަމަޖެހިފައި ވަނީ ދީނީ އެކި އެކި މައުލޫތަކުގެ މައްޗަށް ކަމަށާއި އީދުގެ ފަހުން މަޖައްލާގެ ފުރަތަމަ އަދަދު ނެރެވޭނެ ކަމަށް ޝަހީމު ވިދާޅުވި އެވެ.
"އެމަޖައްލާ އަލުން ނެރެން ނިންމައިފިން. އިލްމީ އިސްލާމީ އިޖުތިމާއި މަޖައްލާއެއްގެ ގޮތުގައި މަހަކު އެއްފަހަރު ނެރެވޭނެ. މީ ރާއްޖޭގައި މިގޮތަށް ނެރޭ އެންމެ ރަނގަޅު މަޖައްލާއަށް ވާނެ ކަމަށް އުއްމީދު ކުރަން. ފުރަތަމަ އަދަދު އީދުގެ ފަހުން ނެރެވޭނެ،" ޝަހީމު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ހިދާޔަތުގެ އަލި މަޖައްލާއަކީ ހިލޭ ބަހާ މަޖައްލާއެއް ކަމަށާއި ރާއްޖޭގެ އެކި ކަންކޮޅުތަކަށް މަޖައްލާގެ ކޮޕީތައް ލިބޭނެ އިންތިޒާމު ހަމަޖައްސަވާނެ ކަމަށެވެ.
ރާއްޖޭގެ ދީނީ އިލްމުވެރިން އެކިއެކި ޢިލްމީ ލިޔުންތައް ކޮންމެ ހުކުރު ދުވަހަކު ފޯރުކޮށްދޭ ހިދާޔަތުގެ އަލި މީގެ ތިން އަހަރުކުރިން ނެރުމުން އައީ ދީނުގެ މަގުގެ ނަމުގަ އެވެ. ދީނުގެ މަގުގެ ނަމުގައި ނެރުނީ ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ މުހައްރިރުކަމުގެ ދަށުގަ އެވެ. އެ ނޫސް ހިދާޔަތުގެ އަލީގެ ނަމަށް ބަދަލުކުރީ ރައީސް ނަޝީދުގެ ވެރިކަމުގަ އެވެ.