"ބާޣީއޭ" ކިޔައި ދިމާކުރުމަށް ފަހު ފުލުހަކަށް ހަމަލަދީ އޭނާގެ ނޭފަތް ފަޅާލައިފި އެވެ.

ފުލުހުން ބުނީ ކުލަ ހެދުމުގައި ހުރި ފުލުސް މީހާ އަށް ރޭ ހަމަލާދީފައި ވަނީ ފަރީދީމަގު ނޮވެލްޓީ ބުކްޝޮޕް ކައިރިން ދަނިކޮށް ބާޣީއޭ ކިޔައި ދިމާކުރުމަށް ފަހު ކަމަށެވެ. އަދި އެމްޑީޕީ އިން ރޭ ކުރިއަށްގެން ދިޔަ މުޒާހަރާގެ ތެރެއިން ފުލުސްމީހާ އަށް ހަމަލަދީފައި ވަނީ މުޒާހަރާގެ ބައިވެރިއެއް ކަމަށް ވެސް ފުލުހުން ބުނެ އެވެ.

އަނިޔާވި ފުލުސްމީހާ އަށް ރޭ ވަނީ ފަރުވާދީފަ އެވެ.

ފަހަކަށް އައިސް ފުލުހުންނަށް ތަފާތު އިންޒާރުތައްދީ ހަމަލަދޭ މައްސަލަތައް އިތުރުވަމުން އަންނައިރު، އެ މައްސަލަތައް އަންނަނީ ސީރިއަސްކަމާ އެކު ތަހުގީގު ކުރަމުންނެވެ. އަދި ދާދިފަހުން ވަނީ ކ. ކާށިދޫގައި ޑިއުޓީއަށް ދިޔަ ފުލުހަކަށް ހަމަލަދީ މަރާވެސްލައިފަ އެވެ.

ކުރީގެ ރައީސް މުހައްމަދު ނަޝީދު ފުލުސް އޮފީހަށް ހާޒިރު ކުރި ދުވަހު ނަޝީދު ވެސް ވަނީ ފުލުހަކަށް އިންޒާރު ދެއްވައިފަ އެވެ. ފުލުސް އޮފިސަރަކާ ދިމާއަށް އިނގިލި ދިއްކުރައްވަމުން ނަޝީދު އެ ދުވަހު ވިދާޅުވެފައި ވަނީ އެ ފުލުސް އޮފިސަރަށް ހައްދަވާނެ ގޮތް ދެން އެނގޭނީ އެ މަނިކުފާނަށް ކަމަށެވެ.

"އަހަރެން މިފަހަރު ވަރަށް ރަނގަޅަށް ބަލައިފީމޭ..... މަށަށް މިފަހަރު... ދެން އެނގޭނެ ހަދާނެ ގޮތް." ނަޝީދު ވިދާޅުވި އެވެ.