07 Aug 2012, 10:44
ކޯޓު އަމުރެއްގެ ދަށުން އަނެއްކާ ވެސް ފުލުހުން އުސްފަސްގަނޑު ފާސްކޮށްފި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލު މިއަދު ވިދާޅުވީ ކޯޓު އަމުރެއްގެ ދަށުން މިއަދު ހެނދުނު 10:15 އެހާކަންހާއިރު އުސްފަސްގަނޑަށް ގޮސްފައިވާ ކަމަށެވެ. އަދި ފުލުހުން އުސްފަސްގަނޑަށް ދިޔައީ ފުލުހުންނާއި ފުލުހުންގެ އާއިލާތަކަށް ހަމަލަދިނުމަށް ގޮވާލާފައިވާ ތަފާތު އިންޒާރުތައް ދީފައިވާ ފޮޓޯ އާއި ލިޔުންތައް އެ ތަނުގައި ހަރުކޮށްފައިވާތީ ކަމަށް ފުލުހުން ބުންޏެވެ.
އަދި އެތަން ބަލައި ފާސްކޮށް އެތަކެތި ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިއުމަށް ކްރިމިނަލް ކޯޓުން ދީފައިވާ އަމުރުގެ ދަށުން އެތަނުން ތަކެތި ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށް ވެސް ފުލުހުންގެ މީޑިއާ އޮފިޝަލު ވިދާޅުވި އެވެ.
ފުލުހުން އުސްފަސްގަނޑަށް އަރަން ހޯދާފައިވާ ކޯޓު އަމުރުގައި، އެތަން ބަލައި ފާސްކުރަން ބޭނުންވާ ސަބަބެއް ކަމުގައި ބުނެފައި ވަނީ މާލޭ ސިޓީ ކައުންސިލުން އެމްޑީޕީ އަށް ދޫކޮށްފައިވާ އުސްފަސްގަނޑުގައި ހުރި ނޯޓިސް ބޯޑުތަކުގައި ޕޮލިސް ލާންސް ކޯޕްރަލް ހުސެއިން ޢަޤީލާއި އޭނާގެ އާއިލާގެ މީހުންނަށް ނިސްބަތްކޮށް ހަޑިހުތުރުބަސްތައް ލިޔެ އަދި ޢަޤީލާއި އޭނާގެ އާއިލާގެ މެމްބަރުންނަށް ޖިސްމާނީ އަނިޔާ ދީފާނެ ކަމުގެ ބިރުދެއްކުމުގެ ގޮތުން ތަފާތު ބަވަތުގެ އިންޒާރުތައް ދީފައިވާތީ ކަމަށެވެ. އަދި އުސްފަސްގަނޑު ސަރަހައްދުގައި މައްސަލައާ ގުޅޭ ލިޔުމާއި ފޮޓޯ ބަހައްޓާފައި ހުރި އެންމެހައި ތަންތަން ބަލާފާސްކޮށް މައްސަލައާ ގުޅޭ ހުރިހާ ތަކެއްޗެއް ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިއުމުގެ ހުއްދަ ވަނީ ދީފަ އެވެ.
އުސްފަސްގަނޑު ސަރަހައްދު ބަލާފާސްކުރި އިރު އެތަނުގައި ހަމަނުޖެހުމެއް ނުހިނގި ނަމަވެސް އެ ސަރަހައްދުން ވަނީ ދެ މީހަކު ހައްޔަރުކޮށްފަ އެވެ. ފުލުހުންގެ މީޑިއަ އޮފިޝަލު ވިދާޅުވީ އެ ދެ މީހުންގެ ތެރެއިން އެކަކަކީ ފުލުހުން ތަހުގީގު ކުރަމުންދާ މައްސަލައަކާ ގުޅިގެން ހޯދަމުންދިޔަ މީހެއް ކަމަށާއި އަނެއް މީހާ ހައްޔަރު ކުރީ ފުލުހުންނާ ދިމާލަށް ބާޣީއޭ ކިޔާ ދިމާކޮށް ހެދުމުން ކަމަށެވެ.
އަދި ކޯޓު އަމުރު ހިފައިގެން ދިޔައިރު އެކަމާ އިސްކޮށް ހަރަކާތްތެރިވާ މީހަކު ނެތުމުން ފުލުހުން ވަނީ ކޯޓު އަމުރު އެންމެންނަށް ފެންނާނެހެން އެސަރަހައްދުގައި ހަރުކޮށްފަ އެވެ.
މިދިޔަ މޭ މަހުގެ ފަހުކޮޅު ފުލުހުން ވަނީ އުސްފަސްގަނޑަށް އަރައި ރޫޅާލަން މަސައްކަތް ކޮށްފަ އެވެ. ނަމަވެސް އެމްޑީޕީން ސިވިލްކޯޓަށް އެ މައްސަލަ ހުށަހަޅާފައި ވާތީ އުސްފަސްގަނޑުގެ މައްސަލަ ވަކި ގޮތަކަށް ނިމެންދެން އެތަން ރޫޅުމުގެ މަސައްކަތް ނުކުރުމަށް އެކަމުގައި ޝާމިލްވާ އެންމެންގެ މައްޗަށް އަމުރުކޮށް ސިވިލް ކޯޓުން ވަނީ ވަގުތީ އަމުރެއް ނެރެފަ އެވެ.