00:40


ވިހި އަހަރުގެ ތަޅާފޮޅުމާއި ހުއްޓުމެއް ނެތް ސިޔާސީ ބަހުސްތަކަކަށް ފަހު، ސިޔާސީ މިނިވަންކަމާއި އަސާސީ އެތަކެއް ހައްގުތަކެއް ހިމާޔަތްކޮށްދޭ ޤާނޫނު އަސާސީއެއް ކެންޔާގައި ތަސްދީގުކޮށްފި އެވެ. މިއީ 1963 ވަނަ އަހަރު އިނގިރޭސިންގެ އަތްދަށުން މިނިވަންވީ ފަހުން، އެފްރިކާގެ އެ ގައުމަށް އައި ތާރީޚީ އެންމެ ބޮޑު ބަދަލު ކަމަށް މުރާސިލުން ބުނެ އެވެ.  


ވެރިރަށް ނައިރޯބީގައި މިއަދު ބޭއްވި ކުލަގަދަ ރަސްމިއްޔާތެއްގައި، ރައީސް މުވާއީ ކިބާކީ އެ ގައުމުގެ އާ ޤާނޫނު އަސާސީގައި ތަސްދީގުކުރައްވާފައި ވަނީ، މީގެ ތިން ހަފްތާ ކުރިން ބޭއްވި ރިފްރެންޑްރަމް ވޯޓުގައި ބައިވެރިވި ރައްޔިތިންގެ ފުރިހަމަ އަޣުލަބިއްޔަތުން އާ ޤާނޫނު އަސާސީ ތަސްދީގުކުރުމަށް ފާސްކުރުމާ ގުޅިގެންނެވެ. މި ޤާނޫނު އަސާސީގެ ދަށުން ކެންޔާގެ ރައީސަށް ލިބިވަޑައިގަންނަވާ ސިޔާސީ ބާރުތައް ހަނިކޮށް، ޤާނޫނު ހަދާ މަޖިލީހުގެ ތިރި ގެއެއް އުފައްދަންޖެހެ އެވެ.  އަދި ލާމަރުކަޒީ އުސޫލުން ވެރިކަން ހިންގާ ގޮތަށް ބަދަލުވެ، ސަރުކާރުގެ ޕްރޮވިންސް އޮފީސްތަކުގެ ބަދަލުގައި، އެ ސަރަހައްދުތަކުގެ ކަންތައް ބަލަހައްޓާނީ އިންތިހާބުކުރެވޭ ލޯކަލް ކައުންސިލްތަކުން ކަމަށް ޤާނޫނު އަސާސީގައި ބުނެ އެވެ.  މީގެ އިތުރުން، މި ޤާނޫނު އަސާސީގެ ދަށުން މިނިވަން ޖުޑީޝަލް ސަރވިސް ކޮމިޝަނަށް އުފައްދަންޖެހެ އެވެ.  އަދި ކެންޔާގެ ރައްޔިތުންނަށް މީގެ ކުރިން ލިބިފައިނުވާ އެތަކެއް ސިޔާސީ އަދި އިޖްތިމާއީ ހައްގުތަށް ހިމެނޭ އަސާސީ ހައްގުތަކާ ބެހޭ ބިލެއް ވެސް ހިމަނާފައިވެ އެވެ.  


ނަސްލީ ތަޅާފޮޅުމާއި ލޭއޮހޮރުވުންތައް އާއްމުކޮށް ހިނގަމުން އަންނަ ކެންޔާގެ އާ ޤާނޫނު އަސާސީ ތަސްދީގުވުމާ އެކު، ގައުމަށް ބޮޑެތި އިސްލާހުތަކެއް އަންނާނެ ކަމަށް ބެލެވެ އެވެ.  އެގޮތުން ސަރުކާރު ތެރޭ ކޮރަޕްޝަނުގެ އަމަލުތައް މަދުވެ، ޝަރުއީ ނިޒާމް ވަރުދަގަވެ، ނަސްލީ އިމްތިޔާޒުތައް ނައްތާލެވޭނެ ކަމަށް ބެލެވެ އެވެ.


ކެންޔާގެ މިހާތަނަށް އަމަލުކުރަމުން އައިސްފައި ވަނީ، 1960 ގެ އަހަރުތަކުގެ ތެރޭގައި އެކުލަވާލާފައިވާ ޤާނޫނު އަސާސީ އެކެވެ.