ވޮޝިންގޓަން (އޮގަސްޓް 7): ސޫރިޔާގެ ރައީސް ބައްޝާރުލްއަސަދްގެ ވެރިކަމުގެ އެންމެ ފަހުގެ ދުވަސްތައް މިހާރު ގުނެމުންދާކަމަށާ ބައްޝާރުގެ ކޮންޓްރޯލް ސޫރިޔާ އިން ގެއްލިއްޖެ ކަމަށް ބުނެ ވައިޓް ހައުސް އިން ބައްޝާރަށް ބަހުގެ ވަރުގަދަ ޙަމަލާތަކެއް ދީފި އެވެ.

އެމެރިކާގެ ޤައުމީ ސަލާމަތާ ބެހޭ ތަރްޖަމާންގެ ނަމުގައި ވައިޓް ހައުސްގެ ފަރާތުން ވާހަކަ ދެއްކެވި ޓޯނީ ވިޓޯ ބައްޝާރުގެ ނިޒާމަށް (ރެޖީމަށް) ބަހުގެ ޙަމަލާދެއްވަމުން ރޭ ވިދާޅުވީ ބައްޝާރުގެ ވެރިކަމުގެ އެންމެ ފަހުގެ ދުވަސްތައް މިހާރު ގުނެމުންދާ ކަމަށާއި ބައްޝާރުގެ ނިމުން ވަރަށް ހިތިވާނެ ކަމުގަ އެވެ. ސޫރިޔާގެ ބޮޑުވަޒީރު ރިޔާޒް ޢަބްދުއްރައޫފް ޙިޖާބް، ރައީސް ބައްޝާރުލް އަސަދްގެ ވެރިކަމާ ވަކިވެވަޑައިގެން އިދިކޮޅު ހަނގުރާމަވެރިންނާ ގުޅިވަޑައިގަތުމަކީ ބައްޝާރުގެ ކޮންޓްރޯލް ސޫރިޔާ އިން ގެއްލިއްޖެކަން ސާބިތުކޮށްދޭ ކަމެއް ކަމަށް ވެސް ޓޯނީ ވިޓޯރ ވިދާޅުވި އެވެ.

އެމެރިކާގެ ޚާރިޖިއްޔާގެ ތަރްޖަމާން ޕެޓްރިކް ވެންޓްރެލް ވެސްވަނީ ބައްޝާރުގެ ނިޒާމަށް ބަހުގެ ވަރުގަދަ ޙަމަލާތަކެއް ދެއްވާފަ އެވެ. އޭނާ ވިދާޅުވީ ބައްޝާރުގެ ނިޒާމް ރޫޅިބިމަށް ތިރިވަމުންދާ ކަމުގައެވެ. ސިއްރިޔާތުގައި ފިއްލަވައިގެން އަވަށްޓެރި އުރުދުންއަށް ވަޑައިގަތުމަށް ފަހު ބައްޝާރުގެ ވެރިކަމާ ވަކިވެވަޑައިގެން އިދިކޮޅު ހަނގުރާމަވެރިންނާ ގުޅިވަޑައިގެންނެވިކަން އިޢްލާންކުރެއްވި ސޫރިޔާގެ ބޮޑުވަޒީރު ރިޔާޒް ޢަބްދުއްރައޫފް މިއަދުގެ ވަގުތެއްގައި ޤަތަރަށް ވަޑައިގަންނަވާނެ ކަމަށް ޚަބަރު ލިބެ އެވެ. ޤަތަރަކީ އެމެރިކާއާއި ހުޅަނގުގެ ބާރުތަކާގުޅިގެން ބައްޝާރުގެ ވެރިކަން ވައްޓާލުމަށް މަސައްކަތްކުރާ އިދިކޮޅު ހަނގުރާމަވެރިންނަށް މަދަދާއި އެހީތެރިކަން އެންމެ ބޮޑަށް ދޭ ޢަރަބި ޤައުމެވެ.
ބައްޝާރުގެ ސަރުކާރުން ވަނީ ބޮޑުވަޒީރު ރިޔާޒް ޢަބްދުއްރައޫފް ޤައުމުން ފިއްލަވައި އިދިކޮޅު ހަނގުރާމަވެރިންނާ ގުޅިވަޑައިގެންނެވުމަކީ ބުރަދަނެއް ހުރިކަމެއް ނޫންކަމަށް ސިފަކޮށްއެކަން އާދައިގެ ކަމަކަށް ހެދުމަށް މަސައްކަތްކޮށްފަ އެވެ.
ސޫރިޔާގެ އިންފޮމޭޝަން މިނިސްޓަރު ޢިމްރާން އައްޒަޢަބީ ވިދާޅުވީ ކުރީގެ ބޮޑުވަޒީރު ރިޔާޒްގެ ޢަމަލުތަކުގެ ސަބަބުން ސޫރިޔާގެ ވެރިކަމަށް އެއްވެސް ލޮޅުމެއްނާރާނެ ކަމުގައެވެ. ސޫރިޔާއަކީ މުއައްސަސާތަކެއްގެ މައްޗަށް ހިނގާ ދައުލެއްްކަމަށާއި މީހުން ވަކިވުމުން އެމީހުންގެ މަޤާމްތަކަށް ލާނެ ކުފޫހަމަވާ މީހުން ސޫރިޔާގައި އެބަތިބި ކަމަށް ޢިމްރާން ވިދާޅުވި އެވެ.

ސޫރިޔާގެ ބޮޑުވަޒީރު ފިއްލެވި ޚަބަރު އެޤައުމުގެ ރަސްމީ ޓީވީން ސިފަކޮށްފައި ވަނީ އޭނާ މަޤާމުން އިސްތިއުފާދެއްވި ޚަބަރެއްގެ ގޮތުގަ އެވެ. އައު ބޮޑުވަޒީރަކަށް ބައްޝާރު ޢައްޔަން ކުރެއްވީ ބޮޑުވަޒީރުގެ ނައިބު ޢަމްރު ޤަލާވްންޖީ އެވެ. އޭނާގެ ރިޔާސަތުގައި ސޫރިޔާގެ ކެބިނެޓްގެ ބައްދަލުވުމެއް ރޭގައިވަނީ ބާއްވާފަ އެވެ.

ސޫރިޔާގެ ވެރިކަމުގެ ނިޒާމަށް ބޮޑެތި ލޮޅުންތަކެއް އަރަމުންދާއިރު މުޅިޤައުމުގައި ދަނީ ހަނގުރާމައާއި ތަޅާފޮޅުމާއި ލޭއޮހޮރުވުމުގެ ބިރުވެރި ޢަމަލުތަކެއް ހިނގަމުންނެވެ. ވެރިރަށް ދިމިޝްޤުން ވަރަށް ލޭއޮހޮރުވުން ބޮޑުގޮތަކަށް އިދިކޮޅު ހަނގުރާމަވެރިން ފައްސާލާފައިވަނިކޮށް އިއްޔެ ދިމިޝްޤްގައި ހުންނަ ސޫރިޔާގެ ރަސްމީ ޓީވީ ސްޓޭޝަންގައި ވަނީ ބޮމެއް ގޮއްވާލައި އެތަނަށް ބޮޑެތި ގެއްލުންތަކެއްދީފަ އެވެ. މިޙާދިސާގައި މީހަކު މަރުވެފައިނުވި ނަމަވެސް އެސްޓޭޝަންގައި މަސައްކަތްކުރާ އެތަށް ބަޔަކު ޒަޚަމްވެފައިވެ އެވެ.

އަނެއްކޮޅުން ސޫރިޔާގައި ޙަރަކާތްތެރިވާ އދ.ގެ އޮބްޒާވަރުން ގެންދަނީ އެޤައުމުން ފޭބުމަށް ތައްޔާރުވަމުން ކަމަށް ޚަބަރުލިބެ އެވެ. އޮބްޒާވަރުން އިއްޔެ ވަނީ ސޫރިޔާގެ ދެވަނައަށް އެންމެ ބޮޑުރައްކަމަށްވާ ޙަލަބް އިން ފައިބާފަ އެވެ. ސޫރިޔާގައި ހިނގަމުންދާ އާދަޔާޚިލާފު އަނިޔާވެރި އަދި ލޭއޮހޮރުވުން ބޮޑު އަހްލީ ހަނގުރާމައިގާ ކޮންމެ ދުވަހަކު އެވްރެޖްކޮށް 180 އެއްހާ މީހުން މަރުވެ އެތައް ސަތޭކަ ބަޔަކު ޒަޚަމްވަމުން ދެއެވެ. އަދި ސޫރިޔާގެ ސިފައިންނާއި އިދކޮޅު ހަނގުރާމަވެރިން ވެސް ގެންދަނީ އަސީރުންގެ ގޮތުގައި ހައްޔަރުކުރެވޭ މީހުން ވެސް ފާޅުގައި ދަންޖައްސައި މަރަމުންނެވެ. މިގޮތުން އިއްޔެވެސް ސޫރިޔާގެ ޢާންމު މައިދާނެއްްގައި ބައްޝާރުގެ ސަލާމަތީ ބާރުތަކުން އިދިކޮޅު ހަނގުރާމަވެރިންގެ 40 އަށް ވުރެ ގިނަމީހުން ދަންޖައްސައި މަރާފައިވާކަމަށް ރިޕޯޓްތައް ބުނެ އެވެ.

ހަމަމިގޮތަށް އިދިކޮޅު ހަނގުރާމަވެރިން ވެސް ބައްޝާރަށް ތާއީދުކުރާ އެތައް ބަޔަކު ޢާންމު މައިދާންތަކުގައި ދަންޖައްސައި މަރަމުން ގެންދާކަމަށާއި ބަދަލުހިފުމާއި މީހުން ކަތިލުމުގެ ޖަރީމާތައް ސޫރިޔާގައި ހިނގަމުންދަނީ ބިރުވެރި ދަރަޖައަކަށް ކަމަށް ޚަބަރު ލިބެ އެވެ. ބައްޝާރަށް ތާއީދުކުރާ ޝައްބީޙާ މިލީޝިޔާ އިން ޤަތްލުއާންމުތައް ހިންގައި ކަތިވަޅިން ޑަޒަން ޑަޒަނަށް މީހުން މަރަމުން ގެންދާއިރު އިދިކޮޅު ހަނގުރާމަވެރިން ޢާންމު ތަނެއްގައި ބަޔަކު ދަންޖައްސައި މަރަމުން ގެންދާތަން ދައްކައިދޭ ވީޑިޔޯއެއް މިދިޔަ ހަފްތާގައި ވެސް ލީކު ވެފައިވެ އެވެ. (ނޫސްއެޖެންސީތައް)