07 Aug 2012, 10:27
ޤާހިރާ (އޮގަސްޓް 7): އިސްރާއީލުގެ އިސްތިޢްމާރުގެ ދަށުގައިވާ ފަލަސްތީނުގެ ޣައްޒާއާއި މިސްރުގެ ސަރަޙައްދީ ރޮނގު ގުޅުނު ހިސާބުގައި އަމްނު ބަލަހައްޓާ މިސްރުގެ ސިފައިންނަށް އަމާޒުކޮށް ހަތިޔާރުއެޅިބަޔަކު ދިން ޙަމަލާތަކުގެ ފަހަތުގައި ވަނީ އިސްރާއީލު ކަމަށް މިސްރުގެ ރައީސް މުޙައްމަދު މަރްސީ ނިސްބަތްވެ ވަޑައިގަންނަވާ އެޤައުމުގެ އެންމެބޮޑު ސިޔާސީ ޖަމާއަތް ކަމަށްވާ އިޚްވާނުލްމުސްލިމީން ޖަމާއަތުން ތުހުމަތުކޮށްފި އެވެ.
މިދިޔަ އަދީއްތަ ދުވަހު ދިން މިޙަމަލާގައި މިސްރު ސިފައިންގެ 15 މީހަކު މަރުވެފައިވާ އިރު އިޚްވާނުލްމުސްލިމީން ޖަމާއަތުން ބުނީ "މިއީ އިސްރާއީލުން ޙިސާރުކޮށްފައިވާ ޣައްޒާގެ ނިކަމެތި ރައްޔިތުންނަށް ލުއެއްދިނުމަށް ރައީސް މުޙައްމަދު މަރްސީގެ ސަރުކާރުން އެޅި ފިޔަވަޅުތައް ޚަރާބުކޮށް މިސްރާއި ފަލަސްތީނުގެ މެދުގައި ނުތަނަވަސްކަމާއި އިތުބާރު ނަގާލުމުގެ އިޔަހޫދީ މަޤްސަދްގައި އިސްރާއީލުގެ ޖާސޫސީ އިދާރާ މޫސާދް އިން ރާވައިގެން ހިންގި ޙަމަލާތަކެއް" ކަމުގަ އެވެ.
މޫސާދް މިރޭވުމުގެ ފަހަތުގައިވަނީ "އިސްރާއީލަށް ވާގިވެރިވި މިސްރުގެ ކުރީގެ ޑިކްޓޭޓަރު ހުސްނީ މުބާރަކްގެ ވެރިކަން ވައްޓާލި މިސްރު ރައްޔިތުންގެ އިންޤިލާބު ފަސާދަކޮށްލުން" ކަމަށް ވެސް އިޚްވާން ޖަމާއަތުން ނެރުނު ބަޔާނުގައި ތުހުމަތުކޮށްފައިވެ އެވެ. މިސްރުގެ ސައިނާ ބިމުގައި ހަތިޔާރުއެޅި ދެމީހަކު މިސްރު ސިފައިންނަށް ޙަމަލާދީފައި ޣައްޒާގެ ރަފްޙު ސަރަޙައްދުން ފިލަންއުޅެނިކޮށް މިދެމީހުން މަރާލީ އިސްރާއީލު ސިފައިން ބަޑިޖަހައިގެންނެވެ.
މަރާލުމަށް ފަހު އިސްރާއީލުންވަނީ އެ ދެ މީހުންގެ ހަށިތައް މިސްރު ސިފައިންނާ ޙަވާލުކޮށްފަ އެވެ. މިދެ މީހުން ހައްޔަރުކޮށްގެން ވެސް އިސްރާއީލަށް މިދެމީހުން މިސްރާ ޙަވާލުކުރެވިދާނެ ކަމަށާއި ނަމަވެސް މި ދެ މީހުން މަރާލީ މި ދެ މީހުން ބޭނުންކޮށްގެން އިސްރާއީލު ހިންގި ޖަރީމާ ފަޅާއަރައި އިސްރާއީލުގެ ރޭވުން ބޭޒާރުވެދާނެތީ ކަމަށް ވެސް އިޚްވާން ޖަމާއަތުން ނެރުނު ބަޔާނެއްގައި ބުނެފައިވެ އެވެ.
މިސްރަށް ޙަމަލާދިނުމަށް އިސްރާއީލުން ރޭވި ރޭވުން ތަންފީޒުކޮށްފައި ވަނީ ފަލަސްތީނުގެ ޚާއިނުންގެ ބަޔަކު ކުލީސިފައިންގެ ގޮތުގައި ބޭނުންކޮށްގެން ކަމަށް ވަނީ ޝައްކުކުރެވިފަ އެވެ. މިޙަމަލާއަށް ފަހު މިސްރުން ވަނީ ކުރިން ހުޅުވާލި ޣައްޒާއާއި މިސްރުގެ ސަރަޙައްދީ ރޮނގު ވަގުތީގޮތުން ބަންދުކޮށްފަ އެވެ. މިކަމުގެ ހުރިހާ ގެއްލުމެއް ފޯރަމުންދަނީ އިސްރާއީލުގެ ޙިސާރުގެ ދަށުގައިވާ ޣައްޒާގެ ރައްޔިތުންނެވެ. ޣައްޒާގައި ވެރިކަންކުރާ ޙަމާސްޖަމާއަތުގެ ލީޑަރު އިސްމާޢީލް ހަނިއްޔާވަނީ މިހަމަލާއާ މެދު ހިތާމަކުރައްވާކަން ހާމަކޮށް މިސްރުގެ ރައީސްއަށް ތަޢްޒިޔާގެ ސިޓީއެއް ފޮނުއްވާފަ އެވެ.
މިސިޓީގައި ފަލަސްތީނުގެ ޣައްޒާގެ ރައްޔިތުންނަށާއި މިސްރަށް ގެއްލުންވާ އެއްވެސް ކަމެއް އިސްރާއީލުގެ އެޖެންޓަކު ނޫނީ ނުހިންގާނެ ކަމަށް ވިދާޅުވެ މިސްރަށް ދިން ހަމަލާ އާއި ޣައްޒާއާ އެއްވެސް ގުޅުމެއްނެތްކަމުގެ ޔަގީންކަން މިސްރުގެ ރައީސަށް ދެއްވާފަ އެވެ. އަދި މިއީ އިސްރާއީލުން ޙިސާރުކޮށްފައިވާ ޣައްޒާގެ ނިކަމެތި ރައްޔިތުންނަށް ލުއެއްދިނުމަށް ރައީސް މުޙައްމަދު މަރްސީގެ ސަރުކާރުން އެޅި ފިޔަވަޅުތައް ޚަރާބުކޮށްލުމުގެ ރޭވުމެއްގެ ދަށުން ހިންގި ޓެރަރިސްޓް ޢަމަލެއްކަމަށް ހަނިއްޔާ ސިފަކުރެއްވި އެވެ.
މިޙަމަލާގައި މަރުވި މިސްރު ސިފައިންގެ 15 މީހުންގެ ހަނދާނުގައި މިސްރުން ވަނީ ޤައުމީ ހިތާމަ އިޢްލާންކޮށްފަ އެވެ. އަދި މިޙަމަލާރޭވި ފަރާތްހޯދައި އެފަރާތަށް ވަރުގަދަ ރައްދެއްދޭނެ ކަމުގެ އިންޒާރު މިސްރުގެ ރައީސް ވަނީ ދެއްވާފަ އެވެ. އިސްރާއީލުންވަނީ މިސްރު އިޚްވާނުލްމުސްލިމީން ޖަމާއަތުގެ ތުހުމަތުތަކަށް އިންކާރުކޮށްފަ އެވެ. (ނޫސްއެޖެންސީތައް)