ދިރާގު ދިވެހި ލީގު ކާމިޔާބު ކުރުމަށް ނިއު ރޭޑިއަންޓަށް އިތުރަށް ބޭނުންވަނީ އެންމެ ހަ ޕޮއިންޓް ކަމަށް ކޯޗު މުހައްމަދު ޝިޔާޒު (މޯހަން) ބުނެފި އެވެ.

އޭނާ މިހެން ބުނީ އެންމެ ފަހުގެ ތިން އަހަރުގެ ޗެމްޕިއަން ވީބީ އަތުން ރޭ 5-1 އިން މޮޅުވުމަށްފަހު އެވެ. މި މޮޅާއެކު ނިއު ވަނީ އެންމެ ކައިރީގައިވާ މާޒިޔާއާ 10 ޕޮއިންޓް ފެއަށް ޖެހިލައިފަ އެވެ. ނިއު އަށް 33 ޕޮއިންޓް ލިބިފައިވާއިރު މާޒިޔާ އަށް ލިބިފައވަނީ 23 ޕޮއިންޓެވެ. ވިކްޓަރީ 22 ޕޮއިންޓް އަދި ވީބީ އަށް 21 ޕޮއިންޓެވެ. ޕޮއިންޓް ޓޭބަލް މިހާ ތަފާތުވިއިރު ލީގުގައި ތިން ވަނަ ބުރުގެ ފަސް މެޗާއެކު ބާކީ އަދި ކޮންމެ ޓީމަކަށް ވެސް ހަ މެޗު އެބައޮތެވެ.

"އަދި ހަ ޕޮއިންޓް އެބަ ބޭނުންވާ (ލީގު) ޔަގީންކުރުމަށްޓަކާ. ވަރަށް މަސައްކްތަކުރާނަން އިރާދަކުރެއްވިއްޔާ އެ ހަ ޕޮއިންޓް ހޯދަން. އެކަމަކު މިއީ ވަރަށް ބޮޑު ހިތްހަމަޖެހުމެއް މިހާ ތަފާތުބޮޑުކޮށް އޮތުމަކީ،" މޯހަން ބުންޏެވެ.
ނިއު ރޭޑިއަންޓަށް މިހާތަނަށް ލީގު ކާމިޔާބު ކުރެވިފައިވަނީ އެންމެ ފަހަރަކު އެވެ. އެއީ 2006 ވަނަ އަހަރު އެވެ.