06 Aug 2012, 23:18
ރައީސް ނަޝީދުގެ ސަރުކާރު ހަތެއް ފެބްރުއަރީގައި ބަދަލުވި ގޮތް ބެލުމަށް އުފައްދާފައިވާ ނޭޝަނަލް އިންކްއަރީ ކޮމިޝަނަށް (ކޯނީ) އިން މިމަހު 30 ވަނަ ދުވަހު ނެރޭ ރިޕޯޓުން ރައީސް ނަޝީދުގެ ސަރުކާރު ބަދަލުވީ ކޮންގޮތަކަށްކަން ސީދާ ކަނޑައެޅިގެން އެގެން ނޯވެދާނެތީ އެކަމާ ކަންބޮޑުވާ ކަމަށް ޑީއާރްޕީގެ ލީޑަރު އަދި ރައްޔިތުން މަޖިލީހުގެ ކެންދޫ ދާއިރާގެ މެންބަރު ތަސްމީން އަލީ ވިދާޅުވެއްޖެ އެވެ.
މިރޭ ޓީވީއެމްގެ ރާއްޖެ މިއަދު ޕުރޮގްރާމްގައި ވާހަކަފުޅު ދައްކަވަމުން ތަސްމީން ވިދާޅުވީ ކޯނީގެ އެ ރިޕޯޓުން ވެރިކަން ބަދަލުވީ ބަގާވާތަކުންތޯ ނުވަތަ ނޫންތޯ ހިމަނާފައިނުވެދާނެތީ ކަންބޮޑުވާ ކަމަށާއި އަދި ސާފުކޮށް ވަކިގޮތެއް ކަނޑައެޅުނަސް މިހާރު އިވޭ އަޑުތަކުން އެ ރިޕޯޓްގެ ނަތީޖާ ގަބޫލު ނުކުރާނެ ބަޔަކު އުޅޭނެ ކަމަށް އެނގިވަޑައިގަންނަވާ ކަމަށެވެ.
"އަޅުގަނޑު ގަބޫލް ކުރާގޮތުގައި އެ ރިޕޯޓްގައި ވެރިކަން ބަދަލުވީ ސައްހަކޮށް ނޫންކަމަށް ބަޔާންކޮށްފައިވާނަމަ އަޅުގަނޑުމެން އެއަށް އިހުތިރާމްކުރަންޖެހޭ އަދި އެކަން ދިޔައީ ސައްހަކޮށްކަމަށްވާނަ މިހާރު އަވަސް އިންތިހާބެއްގެ ވާހަކަ ދައްކާ ފަރާތްތަކުން އެވާހަކަ ހުއްޓާލަން ޖެހޭ،" ތަސްމީން ވިދާޅުވި އެވެ.
އޭނާ އަދި ވިދާޅުވީ މިހާރު މިއޮތް ކޮމިޝަނަކީ ރާއްޖޭގެ ގިނަ ރައްޔިތުނާއި ބައިނަލްއަގުވާމީ ފަރާތްތަކުގެ އިތުރުން އެމްޑީޕީން ވެސް އިތުބާރު ކުރާ ކޮމިޝަނެއް ކަމަށާއި އެހެންކަމުން އެކޮމިޝަނުން ނިންމާ ނިންމުންތައް ގަބޫލު ނުކުރާނަމަ އެއީ އިހުލާސްތެރިކަމާއެކު ތިބި ބައެއްކަމަށް ގަބޫލު ނުކުރައްވާ ކަމަށެވެ.
އިންކްއަރީ ކޮމިޝަންގެ ތަހުގީގުން ވެރިކަން ބަދަލުކުރީ ބަޣާވާތަކުން ކަމަށް ނިންމައިފިނަމަ އެކަން ގަބޫލުފުޅު ނުކުރައްވާނެ ކަމަށް ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް ވަނީ ވިދާޅުވެފަ އެވެ. ކޮމިޝަނަށް ހާޒިރުވެވަޑައިގަތުމަށްފަހު މައުމޫން ވިދާޅުވީ އިންކްއަރީ ކޮމިޝަނުން ނިންމާ ނިންމުމެއް އެމަނިކުފާނު ގަބޫލުފުޅުކުރައްވާނީ ބަޣާވާތަކަށް ނޫންކަމަށް ނިންމައިފި ނަމަ އެކަނި ކަމަށާއި ސަބަބަކީ ވެރިކަން ބަދަލުވީ ބަޣާވާތަކުން ނޫން ކަމަށެވެ.
މިހާރު ރައްޔިތުން މަޖިލީހުގެ ހަމަނުޖެހުންތަކުގެ ވާހަކަފުޅު ދައްކަވަމުން ތަސްމީން ވިދާޅުވީ ހިޔާލު ތަފާތުންތަށް ހައްލުކުރަންޖެހޭނީ މަޝްވަރާގެ އުސޫލް އިސްކޮށްގެން ކަމަށާއި މަޖުލީހުގެެ ތެރޭގައި މަރާމާރީ ހިންގައިގެން ނޫން ކަމަށެވެ. އަދި އެމައްސަލަތައް ހައްލު ކުރަން މަޖިލީހުގެ ރިޔާސަތަށް ދިމަވެފައިވާ އެންމެ ބޮޑު ގޮންޖެހުމަކަށް ވެފައިވަނީ އެކަމަށް ބޭނުންވާ ގަވައިދުތަށް ހެދިފައިނުވުން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ސުލޫކީ މިންގަޑުގެ ބިލް މަޖިލީހުގެ ތަޅުމަށް ދެ ފަހަރުގެ މަތިން ގެނެސްގެން ވެސް ފާސްނުވި ކަމަށާއި އެހެންކަމުން މެންބަރުނާއި ދޭތެރޭ އެކަށޭނަ ފިޔަވަޅު އެޅުމުގެ ބާރު ރިޔާސަތަށް ލިބިފައި ނުވާ ކަމަށާއި މަޖިލިސް ހުއްޓުވަން މަސައްކަތްކުރާ ފަރާތްތަކާމެދު ފިޔަވަޅޭ ގަވައިދުތަށް ނަހަދާ އެކަން ހައްލު ނުވާނެ ކަމަށް ވެސް ތަސްމީން ވަނީ މިރޭ ވިދާޅުވެފަ އެވެ.
"މަޖިލީހުގެ ތެރެއިން މަޝްވަރާ ކުރުމަށް ވެސް އަދި މަޖިލީހުގެ ބޭރުން ވެސް މަޝްވަރާކުރުމަށް އަޅުގަނޑުމެން ތާއީދު. އެކަން ކޮށްގެން ހައްލެއް ލިބޭނީ، ހިތާމަޔަކީ މިއަދުވެސް އޯލް ޕާޓީ ޓޯކްސް ނަމުގައި ކުރިއަށްގެންދާ ވާހަކަތަކުގައި ގިނަ ޕާޓީތަކުގައި ބައިވެރިވަނީ އެޕާޓީތަކުގެ ލީޑާޝިޕް ލެވަލްއަކުން ނޫންކަން" ތަސްމީން ވިދާޅުވި އެވެ.
ޖީއެމްއާރުގެ ވާހަކައަށް އަލިއަޅުވާލާ ތަސްމީން ވިދާޅުވީ އިންޑިއާއަށް ކުރެއްވި ދަތުރުފުޅުގައި ޖީއެމްއާރް މައްސަލައާ ގުޅިގެން އިންޑިއާ ސަރުކާރާ އެއްވެސް މަޝްވަރާއެއްކޮށްފައިނުވާ ކަމަށާއި އަދި ޖީއެމްއާރާއެކީ ވެފައިވާ އެގްރިމަންޓަކީ ސައްހަ އެގުރިމެންޓެއް ނަމަ އެ އެގްރިމެންޓަށް އިހުތިރާން ކުރަންޖެހޭ ކަމަށެވެ.