06 Aug 2012, 23:00
ރައީސް މައުމޫން އަބްދުލް ގައްޔޫމުގެ ދުވަސްވަރު ހިންގާފައިވާ ކަމަށް ތުހުމަތު ކުރެވޭ 800 މިލިއަން ޑޮލަރުގެ ތެލުގެ ވަގު ވިޔަފާރީގެ މައްސަލައިގެ ތަހުގީގު ރިޕޯޓް ނިމުނުހާ އަވަހަކަށް އެ މައްސަލަ ސިންގަޕޫރު ކޯޓަށް ވައްދަން ތައްޔާރަށް ހުންނެވި ކަމަށް އެ މައްސަލައިގައި ތުހުމަތު ކުރެވޭ ރައްޔިތުން މަޖިލީހުގެ މުލަކު ދާއިރާގެ މެންބަރު އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ވިދާޅުވެއްޖެ އެވެ.
ދިޓީވީގެ ހަބަރުތެރެއިން ޕްރޮގްރާމްގައި ވާހަކަފުޅުދައްކަވަމުން ޔާމީން މިރޭ ވިދާޅުވީ އެ މައްސަލަ ތަހުގީގު ކުރުމަށް ރައީސް މުހަންމަދު ނަޝީދުގެ ސަރުކާރުން ހަވާލުކޮށްފައިވާ ކުންފުނި، ގްރާންޓް ތޯންޓަންއިން ދިވެހި ސަރުކާރަށް އެއްވެސް ރަސްމީ ރިޕޯޓެއް މިހާތަނަށް ހުށަހަޅާފައި ނުވާ ކަމަށާއި ހުށަހަޅާފައިވަނީ "ޑްރާފްޓް ފޯ ޑިސްކަޝަން" ކިޔާ އެއްޗެއް ކަމަށެވެ. ޔާމީން ވިދާޅުވީ އެ ޑޮކިއުމަންޓްތަކުގެ މައްޗަށް ބިނާކޮށް އެ މައްސަލަ ސިންގަޕޫރުގެ ކޯޓަށް ވެއްދުމަށް މަސައްކަތް ކުރެއްވި ކަމަށާއި ނަމަވެސް އެ ޑޮކިއުމަންޓްތަކުގެ މައްޗަށް މައްސަލަ ހުށަނޭޅޭނެ ކަމަށް ސިންގަޕޫރުގެ ލޯޔަރުން ލަފާދީފައިވާ ކަމަށެވެ.
"އަޅުގަނޑުވެސް މިއިނީ ތަހުގީގު ރިޕޯޓު ނެރެފައި ފައިނަލައިޒް ނުކޮށްގެން، ސިންގަޕޫރަށްދާ ކޮންމެ ފަހަރަކު ސިންގަޕޫރު ލޯޔަރުންނާ މަޝްވަރާ ކުރަން، އަޅުގަނޑު ބޭނުންވަނީ މި މީހުން ގޮވައިގެން ކޯޓަށްދާން، އިރާދަ ކުރެއްވިއްޔާ ސިންގަޕޫރުގައި ކޯޓަށްވެސް ދާނީ، އެކަމަކު އަޅުގަނޑަކަށް ނެތޭ މި ޑްރާފްޓް ކޮޕީ ހިފައިގެން ކޯޓަށް ދެވޭކަށް، ކޯޓަށް ދާއިރަށް އަޅުގަނޑަށް ގާނޫނީ ލަފާ މިލިބެނީ ތިއީ ތިމަންނަމެންގެ [ގްރާންޓް އެންޑް ތޯންޓަންގެ] ކްލަޔަންޓުންނަށް ތައްޔާރުކުރި ޑްރާފްޓެކޭ، ތިއީ ރަސްމީ ރިޕޯޓެއް ނޫނޭ. އެ ކުންފުނީގެ ތައްގަނޑު ޖަހާފައި ރަސްމީކޮށް އެނގޭނެ އެއްވެސް ލިޔުމެއް ނޯންނާނޭ ހުށަހަޅާފައެއް، ރައީސް ނަޝީދަކަށް ވެސް އަދި ދިވެހި ސަރުކާރަކަށް ވެސް،" ޔާމީން ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ރައީސް ނަޝީދުގެ ދުވަސްވަރު އެ މައްސަލަ ސިންގަޕޫރުގެ ސުޕްރީމްކޯޓަށް ވެސް ވެއްދި ކަމަށާއި ނަމަވެސް ރައީސް ނަޝީދުގެ ވެރިކަމުގައި އެ މައްސަލަ އަބުރާ ގެނެސްފައިވާ ކަމަށެވެ. މިއީ އެއްވެސް ހަގީގަތެއްނެތް ހަމައެކަނި ދައްކާލާ ވާހަކައެއް ކަމަށާއި ކުރީގެ އޮޑިޓާ ޖެނެރަލް އިބްރާހިމް ނައީމްވެސް އެ މައްސަލައިގެ ހަގީގަތް ބެއްލެވުމަށް ސިންގަޕޫރަށް ވަޑައިގެން ދެ ފަހަރެއްގެ މަތިން އެ ގައުމުގައިވެސް އޮޑިޓެއް ހިންގެވި ނަމަވެސް އެކަމަށް އެއްވެސް ހެއްކެއް ފެނިފައި ނުވާ ކަމަށެވެ.
"އަޅުގަނޑު ބޭނުން މި މައްސަލައިގައި އަޅުގަނޑުގެ ނަން ކުލިއާ ކުރަން، އަޅުގަނޑު ނުކުރާނަން މިކޮޅަކު ދައުވާއެއް، 4000ރ. ނޫންތޯ މި ލިބޭނީ، އަޅުގަނޑު އަބުރު ދައިވާކުރާނީ ސިންގަޕޫރުގައި، ރިޕޯޓު ލިބޭ އިރަށް އެކަން ކުރާނަން، މި މީހުން ރިޕޯޓް ވެސް ހިއެއްނުވޭ ދޭނެ ހެނެއް،" ޔާމީން ވިދާޅުވި އެވެ.
ގްރާންޓްތޯންޓަންގެ އެހީ ދިވެހި ސަރުކާރުން ހޯދުމުގެ ފަހަތުގައި އޮތް ސަބަބާގުޅޭ ގޮތުންވެސް ޔާމީން ވާހަކަދެއްކެވި އެވެ. އޭނާ ވިދާޅުވީ އެ ފާމު ހަޔާކުރައްވާފައިވަނީ ކުރީގެ އޮޑިޓާ ޖެނެރަލްކަން ކުރެއްވި ނައީމް އިނގިރޭސިވިލާތަށް ކުރެއްވި ދަތުރުފުޅެއްގައި ކަމަށާއި އެ ދުވަސްވަރަކީ ނައީމުގެ މައްސަލަތަކެއް ފެންމަތިވެގެން އިތުބާރު ނެތްކަމުގެ ވޯޓު މަޖިލީހަށް ވައްދާފައިވާ ދުވަސްވަރު ކަމަށެވެ. އެ ކުންފުންޏާއި ނައީމްއާ ގާތްގުޅުން އޮންނަކަމަށް ތުހުމަތުވާ ގޮތަށް ޔާމީން ވާހަކަދެއްކެވި އެވެ.
"ނައީމް އެހާ ބޮޑު މަޖިލީހުގެ އަގުލަބިއްޔަތަކުން ބޭރުވީމައި ދެން މިހާރު އޭނަ މަސައްކަތް ކުރައްވާތަން ބައްލަވާލައްވައި، ކޮން ލޯފާމެއްގައި ތޯ ނޫނީ ކޮން އެކައުންޓިން ފާމެއްގައިތޯ ބައްލައިވައި، މިކަންކަމަށް ރިއާޔަތް ކުރެއްވެން މިހުރީ،" ޔާމީން ވިދާޅުވި އެވެ.
އިންޑިޔާގެ ނޫހަކުން މިދިޔަ އަހަރުގެ އޯގަސްޓް މަހު ތެރޭ ފެންމަތިކުރި 800 މިލިއަން ޑޮލަރުގެ ވަގު ވިޔަފާރީގެ މައްސަލައަކީ ޔާމީން އެސްޓީއޯގެ ޗެއާމަނެއްގެ ގޮތުގައި ހުންނެވި ދުވަސްވަރު ރާއްޖެއަށް ހެޔޮއަގުގައި ލިބޭ ތެޔޮ ބަރުމާޔަށް ބޮޑުއަގުގައި ވިއްކައިގެން ރައީސް މައުމޫނާއި ޔާމީން 800 ޑޮލަރު ހޯއްދަވާފައިވާ މައްސަލައެއް ކަމަށް ތުހުމަތުކުރާ މައްސަލަ އެކެވެ. އެ ދޭބޭފުޅުންވެސް އެކަން ދޮގުކުރައްވަ އެވެ.